ފަސް ރަށެއްގައި އެއާޕޯޓް ހަދަން ސޮއިކުރި އެއްބަސްވުން ބާތިލު ކޮށްފި

ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް މެލޭޝިޔާގެ ގުރައިފޯން އެނާޖީ ކޯޕަރޭޝަނާ އެކު ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން ---- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފަސް ރަށެއްގައި އެއާޕޯޓް އެޅުމަށް މެލޭޝިޔާގެ ކުންފުންޏަކާ އެކު މީގެ ހަތް މަސް ކުރިން ސޮއިކުރި އެއްބަސްވުން ސަރުކާރުން ބާތިލުކޮށްފި އެވެ.

މެލޭޝިއާގެ ގުރައިފޯން އެނާޖީ ކޯޕަރޭޝަނާ އެކު މި އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހު ސޮއިކުރީ ހދ. ކުޅުދުއްފުޓާއި ފ. ނިލަންދު އާއި ގދ. މާވަރުލު އާއި ފަރެސްމާތޮޑާ އާއި ށ. ފުނަދޫގައި އެއާޕޯޓު އެޅުމަށެވެ.

ރީޖިނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް މިއަދު "ސަން" އަށް ވިދާޅުވީ އެކުންފުންޏާ އެކު ވި އެއްބަސްވުން މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އުވާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއްބަސްވުން އުވާލީ އެ މަސައްކަތް ކުރަން ބޭނުންވާ ވަރަށް އެކުންފުންޏަށް ފައިސާ ހަމަނުޖެއްސިގެން ކަމަށެވެ.

ގުރައިފޯން އެނާޖީ ކޯޕަރޭޝަނާ ފަސް އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. އެ ކުންފުނިން އެއްބަސްވެފައި އޮތީ އެގްޒިމް ބޭންކުން ލޯނު ނަގައިގެން އެ މަސައްކަތް ކުރުމަށް ކަމަށާއި ފައިސާ ހަމަޖެހުމުން ސަރުކާރުން ސޮވެރިން ގެރެންޓީ ދޭން އޮތީ ހަމަޖެހިފައި ކަމަށް ސާމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް އެޅުމަށް ކުޅުދުއްފުއްޓާއި ފުނަދޫގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައި ކަމަށެވެ. އަދި އެ ދެ އެއާޕޯޓުގެ މަސައްކަތް ކުރާނީ ދައުލަތުގެ ބަޖެޓުން ކަމަށް ސާމީ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓާއި ފުނަދުއާއި ފ. ނިލަންދޫ އާއި ފަރެސްމާތޮޑާއާއި މާވާރުލުގެ އިތުރުން ޅ. ފެލިވަރާއި ރ. ފައިނުއާއި ނ. މާފަރާއި ހއ. މާފިނޮޅުގައި އެއާޕޯޓް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ސާމީ ވިދާޅުވީ އެ ހަތަރު ރަށުގައި އެއާޕޯޓް އެޅުމަށްޓަކައި ގިނަ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯސަލްތަކެއް ހުށަހަޅާފައިވާ ކަމަށެވެ.

"ވަރަށް ގިނަ ޕްރޮޕޯސަލްތައް ވަނީ ލިބިފައި. އެ ޕްރޮޕޯސަލްތައް ދިރާސާކޮށް ހަވާލުކުރާނެ ބަޔަކު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދަނީ،" ސާމީ ވިދާޅުވިއެވެ.

comment ކޮމެންޓް