ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެދޭ: މައުމޫން

ޖޫން 30، 2016: ޕީޕީއެމްގެ ރައީސް މައުމޫން އަަބްދުލް ގައްޔޫމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެދޭ ގޮތަށް ވަރަށް ގިނަ ކަންތައްތަކެއް ރާއްޖޭގައި ހިނގަމުންދާ ކަމަށް، ސަރުކާރު ހިންގާ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަކާރު ހިންގާ ޕީޕީއެމްގައި ފެކްޝަން އުފެދިފައިވަނިކޮށް، ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް ފެއްޓެވިކަން އިއުލާން ކުރެއްވި ބަޔާންގައި މައުމޫން ވިދާޅުވީ ޒިންމާދާރުކަމާއި ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުމުގެ އުސޫލާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްދާ ޚިލާފަށް ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށާއި، އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ވެސް ކުރަމުން އަންނަ ކަމަށެވެ.

ރާޢްޖޭގެ ޝަރުއީ ނިޒާމާ މެދު ވެސް ސުވާލު އުފެދޭ ގޮތަށް ކަންކަން ވަމުންދާ ކަމަށް މައުމޫން މިރޭ ވިދާޅުވި އެވެ.

"ޒިންމާދާރު ކުރުވުމާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމުގެ އުސޫލާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ ޚިލާފަށް އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ވަމުން އެބަދޭ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ސުވާލު އުފެދޭގޮތަށް ކަންތައް ވަމުން އެބަދޭ. މި ހުރިހާ ކަމަކީ އާންމު ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް،" ޕީޕީއެމް ހުރިހާ ބާރުތަކެއް އެމަނިކުފާނުގެ އަތަށް ނެންގެވުމަށްފަހު މައުމޫން އިއްވެވި ބަޔާނުގައި ވިދާޅުވިއެވެ.

މައުމޫން ވިދާޅުވީ ޕާޓީގެ އެންމެ އިސް ގުނަވަނަކީ ޕާޓީގެ ކައުންސިލް ކަމުގައި ވީ ނަމަވެސް، ޕާޓީގެ ކައުންސިލަށް ނޭނގި ސަރުކާރުންނާއި ޕާލަމެންޓްރީ ގްރޫޕުން ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.

ރައީސް މައުމޫން އެހެން ވިދާޅުވެފައިވާ އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖުތަމައުއިން ވެސް ދަނީ ރާއްޖޭގެ ޝަރުއީ ނިޒާމުން ކަންތައްތައް ކުރަމުން އަންނަ ގޮތާ މެދު ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ޖަލު ހުކުމްތަކެއް ކޯޓުން އިއްވާފައިވާ އިރު، އެ ޝަރީޢަތްތައް ކުރިޔަށް ގެންދިއުމުގައި ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް އެ ފަރާތްތަކުން ބުނަމުން ދެ އެވެ.

comment ކޮމެންޓް