އަރާމުކޮށް ނިދާލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް!

ހަމަ ނިދި ނުލިބުމަކީ މީހާގެ މުޅި ދުވަހަށް އޭގެ ސަބަބުން ނޭދެވޭ އަސަރު ކުރުވާ ކަމެކެވެ. އެހެންކަމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ކޮންމެ ދުވަހަކު ވެސް ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް އަރާމު ލިބެން ޖެހެ އެވެ. އެގޮތުން އަރާމުކަމާ އެކު ހަމަ ނިދި ލިބިގަތުމަށް ޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކުގެ ތެރޭގައި:

ނިދާތަން އެއްކޮށް އަނދިރި ކުރުން

ނިދާ ބޮތްކަކުން ނުވަތަ ޓީވީ، ލެޕްޓޮޕް ފަދަ އެއްޗަކުން ކޮޓަރި އަލިވާގޮތަށް ހަދައިގެން ނިދުމަކީ ގިނަ ފަރާތްތަކަށް ކުޑަ އިރުއްސުރެ އާދަވެފައިވާ ކަމެކެވެ. ނަމަވެސް އައްޔަކީ މީހާ ހޭލާ ހުރުމަށް ސިކުނޑިއަށް ސިގްނަލްދޭ އެއްޗެއް ކަމުން އެފަދަ ލައިޓު ޖައްސާފައި ހުރުމުން ބައެއް ފަހަރު މީހާއަށް ފުރިހަމަ ނިދި ލިބުމަށް ހުރަސް އެޅެ އެވެ.

އެއްވެސް ސަބަބަކާ ހުރެ ނިދާތަން އެއްކޮށް އަނދިރި ކުރެވެން ނެތް ނަމަ ލޮލުގައި އަޅާ މާސްކެއް ބޭނުން ކުރުން ރަނގަޅެވެ. އެމާސްކަކީ ލޯ އެއްކޮށް ފޮރުވޭ އަދި ފަސޭހަ މާސްކެއް ކަން ޔަގީން ކުރުން މުހިއްމެވެ.

ކެއުމަށް ފަހު ވަގުތުން ނުނިދުން

ކާއެއްޗެހި ހަޖަމު ވުމަށް ވަގުތު ދިނުމުގެ ގޮތުން ނިދުމުގެ މަދުވެގެން ދެގަޑި އިރު ކުރިން ކެއުން މުހިއްމެވެ.

ނިދުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލު ނުކުރުން

ދުންފަތުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ހަށިގަނޑުގެ "ސްލީޕް ވޭކް ސައިކަލް"އަށް ބުރޫ އަރަ އެވެ. އަދި ދުންފަތަށް ދެވިހިފާފައިވާ ނަމަ އެމީހަކު އަވަހަށް ނިދިން ހޭލެވޭނެ އެވެ.

ކަސްރަތު ކުރުން

ނިދަން އުނދަގޫވާ ނަމަ ނިދުމުގެ ގާތްގަނޑަކަށް ދެގަޑި އިރު ކުރިން ކަސްރަތު ކުރުމުން ހަށިގަނޑަށް ވަރުބަލިކަން އިހުސާސުވާނެ އެވެ. އަދި އޭގެ ސަބަބުން ނިދަން ފަސޭހަ ވާނެ އެވެ.

މައުލޫމާތު: ސްޓެތްނިއުސް

comment ކޮމެންޓް