އުންމަހާތުލް މުއުމިނީންގެ ތެރެއިން: އުންމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ބިންތި އަލްޙާރިސް ރަޟިޔަﷲ ޢަންހާ

أمّ المؤمنين السّيّدة ميمونة بنت الحارث މަދީނާގައި

ކައުސާހިބާ صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެން أمّ المؤمنين السّيّدة ميمونة އަށް މަސްޖިދުއްނަބަވީއާ އިންވެގެން ކޮޓަރިކޮޅެއް ހައްދަވައިދެއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ އެހެނިހެން އަނބިއަނބިކަނބަލުން أمّ المؤمنين السّيّدة ميمونة އަށް މަރްޙަބާ ވިދާޅުވިއެވެ. އެކަމަނާއާމެދު ރީތިގޮތުގައި މުޢާމަލާކުރެއްވިއެވެ. އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއިރު ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަށް އަނބިކަނބަލުން ތިއްބެވިއެވެ. أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އެހުރިހާ ބޭކަނބަލުންނަށްވެސް ނުހަނު ބޮޑަށް ކަމޭހިތްތެވިއެވެ. އިޙްތިރާމު ކުރެއްވިއެވެ. أمّ المؤمنين އަބަދުވެސް ސަމާލުކަންދެއްވީ އެއިން އެއްވެސް ބޭކަނބަލަކު އެކަމަނާއާ ރުހިވަޑައިނުގަންނަވާނެ އެއްވެސްކަމެއްވިޔަ ނުދެއްވުމަށެވެ.

أمّ المؤمنين السّيّدة ميمونة رضى اللّـه عنــها އާދަވެގެން ނަމާދުކުރައްވައި އުޅުއްވީ އަލްމަސްޖިދުއްނަބަވީގައެވެ. އަލްމަސްޖިދުލްޙަރާމް ފިޔަވައި އެހެން މިސްކިތެއްގައި ކުރާ އެއްހާސް ނަމާދަށްވުރެ، އަލްމަސްޖިދުއްނަބަވީގައި ކުރާ ނަމާދެއްގެ ޘަވާބު އިތުރުކަމުގައި، ކައުސާހިބާ ޙަދީޘުކުރެއްވި އަޑު އެކަމަނާ އައްސަވައިފައިވާތީއެވެ.

އިސްލާމީ ތާރީޚުގެ މަޝްހޫރު ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި زياد بن عبد اللّـه بن مالك ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަކީ أمّ المؤمنين ގެ އުޚުތެއްކަމުގައިވާ عزّة بنت الحارث ގެ ދަރިކަލެކެވެ. زياد މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އޭރު ގެކޮޅަކު ނުއުޅުއްވައެވެ. އިތުރު ސާހިބާ އެގެކޮޅަށް ވަޑައިގެންނެވިއިރު އެގެކޮޅުގައި ބޭރުމީހަކު އިންދައި ފެނިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެ މޫނުފުޅުމަތީން ހިތްޕުޅާ ހަމަނުކުރެއްވުމުގެ އަސަރު ފާޅުވިއެވެ. އެވަގުތު أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އަށް އެކަން ވިސްނިވަޑައިގެން ވިދާޅުވިއެވެ. "އޭ މާތް اللّـه ގެ رسول އާއެވެ! މިއީ އަޅުގަނޑަށް ބޮޑުދައިތަކިޔާ ކުއްޖެކެވެ. މީނާގެ މަންމައަކީ އަޅުގަނޑުގެ އުޚުތެކެވެ. މަދީނާއަށް އައީ ހިލާލުވަންހައިގެ ވަފުދުގައެވެ. އަޅުގަނޑު ދެކެލާންއައީއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم އަށް، أمّ المؤمنين ގެ ވާހަކަފުޅު އަޑުއިވިވަޑައިގަތުމުން އުފާފުޅުކުރައްވައި زياد އަށް މަރްޙަބާ ވިދާޅުވިއެވެ. އެކަލޭގެފާނަށް ރަޙްމަތާއި ބަރަކާތްލެއްވުން އެދިވަޑައިގެން ހެޔޮދުޢާފުޅު ކޮށްދެއްވިއެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم ހިޖުރައިން ދިހަވަނަ އަހަރު ޙައްޖަތުލްވަދާޢަށް ވަޑައިގެންނެވިއިރު أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم ގެ އެހެނިހެން އަނބިއަނބިކަނބަލުންނާވެސް އެކުގައެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم ޙައްޖުދުވަހު ޚުޠުބަތުލްވަދާޢު ވިދާޅުވާން ހުންނަވަނިކޮށް أمّ المؤمنين السّيّدة ميمونة އިތުރު ސާހިބާއަށް ކިރުތަށިކޮޅެއް އެރުއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ޙައްޖުވެރީންގެ ކުރިމަތީގައި އެކިރުތަށިކޮޅު ހިއްޕެވިއެވެ. ނަތީޖާއެއްގެގޮތުން، ޢަރަފާތްދުވަހު ޙައްޖުވެރީންނޫން މީހުން ރޯދަހިފުމަކީ ގަދަ ސުންނަތެއްކަމުގައިވިޔަސް، ޢަރަފާތުގައި ތިބޭ ޙައްޖުވެރީން އެދުވަހު ރޯދަހިފުމަކީ ހުއްދަކަމެއް ނޫންކަން ބަޔާންވިއެވެ. އޭގެކުރީން ޞަޙާބީންގެ ބައެއް ބޭކަލުން ހީފުޅުކުރައްވައިގެން ތިއްބެވީ ކައުސާހިބާ صلّى اللّـه عليه وسلّم ހުންނެވީ ރޯދަފުޅަށް ކަމުގައެވެ.

ކައުސާހިބާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގަތުން

ކައުސާހިބާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅު ފެށުނީ، ކައުސާހިބާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ގެ ގެކޮޅުގައި ހުންނެވި ދުވަހެއްގައެވެ. އެދުވަހަކީ ހިޖުރައިން އެގާރަވަނަ އަހަރުގެ ޞަފަރުމަހުގެ އޮނަތިރީސްވީ ހޯމަދުވަހެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ އިސްތަށިފުޅުގައި ރިހިވަޑައިގަންނަވާންފެށީ އެދުވަހު ބަޤީޢުގައި އޮތް ޖަނާޒާއެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރިވަޑައިގެންނެވި މަގުމަތީގައެވެ. ހަމައެދުވަހުމެ ހުންފުޅުވެސް އަތުވެއްޖެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވީ 12 ރަބީޢުލްއައްވަލް 11ހ. ގައެވެ. އެހެންކަމުން أمّ المؤمنين السّيّدة ميمونة رضى اللّـه عنــها އަށް ކައުސާހިބާ صلّى اللّـه عليه وسلّم ގެ ޚިދުމަތުގައި އިންނެވުނީ ތިންއަހަރާއި ތިންމަހެއްހައި ދުވަހުއެވެ.

އަވަހާރަވުން

أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އަވަހާރަވީ އަހަރަކާމެދުވެސް މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. އެންމެ ޞައްޙަކަމުގައި ބެލެވިފައިވަނީ ހިޖްރައިން 51 ވަނަ އަހަރު ކަމުގައި ބުނެވޭ ބުނެވުމެވެ. أمّ المؤمنين އެއަހަރު ޙައްޖަށް ވަޑައިގެންނެވިއެވެ. އަވަހާރަވުމުގެ އާލާސްކަންފުޅު ފެށުނީ އެދަތުރުފުޅުގައި މައްކާގައި އިންނަވަނިކޮށެވެ. އާލާސްކަންފުޅު ބޮޑުވުމުން ވިދާޅުވިއެވެ. "އަހަރެން މިރަށުން ގެންދާށެވެ. އަހަރެން މިރަށުގައި މަރުނުވާނެކަމަށް ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘުކުރެއްވި އަޑުއެހީމެވެ." އޭރު މައްކާގައި އެކަމަނާގެ ތިމާގެފުޅު އެކަކުވެސް ދިރިއެއް ނުއުޅެއެވެ. އެކަމަނާ ގޮވައިގެން ދަތުރުކުރެއްވި ބޭކަލުންނަށް ވަޑައިގެންނެވުނީ ސަރިފާ ހަމަޔަށެވެ. އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަމަނާގެ އަރިހުގައި އެންމެފުރަތަމަ ރޭކުރެއްވީ ސަރިފުގައި ހުރި ގަހެއްގެ ދަށުގައި ފޭލިގެ ޖައްސަވައިގެން ހުންނަވައެވެ. އެގަހާ ހަމަޔަށް ގެންދެވުނުތަނާ އެކަމަނާގެ ފުރާނަފުޅު އެފުރާނަފުޅަށްޓަކައި ޚާއްޞަކުރެވިގެންވާ މަތިވެރި މަޤާމަށް ދަތުރުކޮށްފިއެވެ. އެކަމަނާ ފަސްދާނުލެވުނީވެސް އެގަސްދޮށުގައެވެ.

أمّ المؤمنين السّيّدة ميمونة ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުކުރެއްވީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ عبد اللّـه بن عبّاس رضى اللّـه عنه އެވެ. އެކަމަނާގެ ހަށިކޮޅު ފަސްދާނުލާން ގެންދާންފެށުމުން إبن عبّاس ވިދާޅުވިއެވެ. "ތިޔައީ رسول اللّـه صلّى اللّـه عليه وسلّم ގެ ޙުރުމަތްތެރި އަނބިކަނބަލުންނެވެ. ތިޔަ ހަށިކޮޅު ނުތަޅުވައި އަދަބުވެރިކަމާއެކު ގެންދާށެވެ." ލަހްދުގައި ވެޑުއްވެވީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ތިންބޭކަލުންނެވެ. إبن عبّاس އާއި، يزيد بن الأصمّ އާއި، عبد اللّـه بن شدّاد އެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 80 އަހަރުފުޅެވެ.

ޢިލްމުވެރިކަން

أمّهات المؤمنين ގެ ތެރެއިން ކޮންމެ ބޭކަނބަލަކީވެސް ޢިލްމުވެރިކަމާއި މަޢުރިފާވެރިކަމާއި ފިޤުހުވެރިކަމުގައި މަތީދަރަޖައިގެ އެދުރުބޭކަނބަލެކެވެ. ޚާއްޞަކޮށް އިތުރު ސާހިބާގެ ޢާއިލީ ދިރިއުޅުއްވުމާއި ރޭގަނޑުގެ އަޅުކަމާބެހޭ އެންމެ އިތުބާރުހުރި މަޢުލޫމާތުތަކެއް ޚަޒާނާކުރައްވައިފައިވަނީ އެބޭކަނބަލުންގެ ހަނދުމަފުޅުގައެވެ. އަނެއްކޮޅުން އެބޭކަނބަލުން ގެންދެވީ ޢާއްމުކޮށް މިސްކިތްކޮޅުގައި ވިދާޅުވާ ވަޢުޡުތަކާއި ބަޔާންކުރައްވާ ޙުކުމްތައްވެސް އަޑުއައްސަވައި ދަސްފުޅުކުރައްވަމުންނެވެ. އިތުރު ސާހިބާގެ ދަތުރުފުޅުތަކާއި، ހަނގުރާމަތަކުގައިވެސް އެބޭކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. أمّهات المؤمنين ރޭގަނޑާއި ދުވާލު ހޭދަކުރެއްވީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ކުރިފުޅުމަތީގައެވެ. އެކަލޭގެފާނުގެ އިރްޝާދުތަކަށް ޢަމަލުކުރެއްވުމުގައެވެ. އިތުރު ސާހިބާގެ އަރިހުން ތަރްބިޔަތު ހޯއްދެވުމުގައެވެ.

أمّ المؤمنين السّيّدة ميمونة رضى اللّـه عنــها އަކީ ހަނދުމަފުޅު ވަރަށްގަދަ ބޭކަނބަލެކެވެ. އެކަމަނާ ގެންދެވީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ޙަދީޘުފުޅުތައް ހިތްޕުޅުން ދަސްފުޅު ކުރައްވަމުންނެވެ. އެކަމަނާ ކައުސާހިބާގެ ޚިދުމަތުގައި ހޭދަކުރެއްވި ކުރުމުއްދަތުގެ ތެރޭގައި އުނގެނިވަޑައިގެން ރިވާކުރައްވައިފައިވާ ޙަދީޘުފުޅުތައް ނިސްބަތުން ވަރަށްގިނައެވެ. أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ރިވާކުރައްވައިފައިވާ ޙަދީޘުފުޅުތަކުގެ ޢަދަދަކީ ބައެއްބޭކަލުން ވިދާޅުވާގޮތުގައި ސާޅީސްހައެކެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން ހަތްދިހަ ހައެކެވެ. އެކަމަނާގެ އަރިހުން ރިވާވެފައިވާ ހަތް ޙަދީޘަކާމެދު ދެއިމާމުން އިއްތިފާޤުވެވަޑައިގެންފައިވެއެވެ. އޭގެއިތުރަށް ބުޚާރީގައި އެއް ޙަދީޘު މުސްލިމުގައި ފަސް ޙަދީޘުވެއެވެ. އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި، عبد اللّـه بن عبّاس އާއި، عبد اللّـه بن شدّاد بن الهاد އާއި، يزيد بن الأصمّ އާއި، عبدالرّحمن بن سائب الهلالى އާއި، عبيد اللّـه الخولانى ހިމެނިވަޑައިގަންނަވައެވެ. މިފަސްބޭކަލުންގެ ތެރެއިން އެންމެފުރަތަމަ ނަންގަނެވިފައިވާ ހަތަރު ބޭކަލުންނަކީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ހަތަރު ބޭކަލުންނެވެ.

أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها ދުވާލުގެ ގިނަވަގުތު ހޭދަކުރައްވަމުންގެންދެވީ ޢިލްމީ މަސައްކަތްޕުޅުގައެވެ. ޢިލްމު އުނގެނިވަޑައިގަތުމުގައެވެ. ޢިލްމު އުނގަންނަވައިދެއްވުމުގައެވެ.

އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ عبد اللّـه بن عبّاس رضى اللّـه عنه އެއްދުވަހަކު އެކަމަނާގެ އަރިހަށް ވަޑައިގެންނެވިއިރު އިސްތަށިފުޅުހުރީ ވަރަށްބޮޑަށް ހޭވިފައެވެ. أمّ المؤمنين ވިދާޅުވިއެވެ. "ދަރިފުޅު ތިޔަހާ ފަރުވާކުޑަގޮތަކަށް ބޮލުގައި ފުނާވެސް ނާޅައި ތިޔަހުރީ ކީއްވެގެންހެއްޔެވެ؟" إبن عبّاس ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާއެވެ! أمّ عمارة (އެކަލޭގެފާނުގެ އަނބިކަނބަލުންގެ ކުންޔަތުގެ ނަންފުޅު) މިދުވަސްކޮޅު އުޅުއްވަނީ އަންހެނުންގެ ޚާއްޞަ އާލާސްކަންފުޅުގައެވެ. (މައްސަރުކަންތައް ޖެހިވަޑައިގެންނެވެ.) އަޅުގަނޑުގެ ބޯއޮމާންކޮށްދެއްވަނީ އެކަމަނާއެވެ." أمّ المؤمنين ވިދާޅުވިއެވެ. "ދަރިފުޅާހުރެ އަޖައިބުވެއްޖައީމެވެ. އަހަރެމެން އެޙާލަތުގައި (މައްސަރުކަންތައް ޖެހިވަޑައިގެންފައި) ތިއްބައި رسول اللّـه صلّى اللّـه عليه وسلّم އަހަރެމެންގެ އުނގުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވައި ޤުރްއާންކިޔަވައި ވިދާޅުވެ ހައްދަވައެވެ. އެކަލޭގެފާނުގެ ކުނާކޮޅުގެންގޮސް މިސްކިތުގައި ބާއްވަނީ އަހަރެމެންނެވެ. ދަރިފުޅާއެވެ. އަތަށްވެސް އެބަލިޖެހޭހެއްޔެވެ؟" އެކަމަނާ މިވަނީ އަންހެނަކު އެޙާލަތުގައި އިނަސް ގޭތެރޭގެ މަސައްކަތާއި އެނޫންކަންތައްވެސް ކުރެވިދާނެކަމާއި އޭނާ ނަޖިސްނުވާކަން ނުހަނު ރީތި، ބަލާޣާތްތެރިގޮތަކަށް إبن عبّاس އަށް ވިސްނަވައިދެއްވައިފައެވެ.

މުންކަރާތްތައް ނަހީކުރެއްވުމާއި ސުންނަތް ދިރުއްވުން

أمّ المؤمنين السّيّدة ميمونة رضى اللّـه عنــها އިތުރު ސާހިބާ صلّى اللّـه عليه وسلّم ކަންތައްކުރެއްވިގޮތަށް ހުރިހާކަމެއްވެސް ކުރެއްވުމުގެ މައްޗަށް ނުހަނުބޮޑަށް ބާރުއެޅުއްވިއެވެ. أمّ المؤمنين ގެ ޚާދިމާ نهدية އެއްދުވަހަކު إبن عبّاس رضى اللّـه عنه ގެ ގެކޮޅަށް ކޮންމެވެސްކަމަކު ފޮނުއްވިއެވެ. އޭނާއަށް ފެނުނީ إبن عبّاس ގެ ދެމަފިރިކަނބަލުންގެ ތަންމަތިކޮޅު ވަކިކުރައްވައިގެން ތިއްބަވަނިކޮށެވެ. نهدية އެންމެފުރަތަމަ ހީކުރީ ދެމަފިރިކަނބަލުންގެ މެދުގައި ކޮންމެވެސް ހަމަނުޖެހުމެއް އުފެދިގެން ތަންމަތިކޮޅު ވަކިކުރައްވައިގެން އުޅުއްވަނީކަމުގައެވެ. ނަމަވެސް އޭނާ އޮޅުންފިލުވައިލުމުން އެނގުނީ،
إبن عبّاس ގެ އަނބިކަނބަލުން މައްސަރުކަންތައް ޖެހިވަޑައިގެން އުޅުއްވާކަމެވެ. إبن عبّاس ރައްކާތެރިވެވަޑައިގަތުމުގެގޮތުން ތަންމަތިކޮޅު ވަކިކުރެއްވީކަމެވެ. نهدية އެނބުރި ގެއަށްއައިސް أمّ المؤمنين ގެ އަރިހުގައި އެވާހަކަ ދެންނެވިއެވެ. أمّ المؤمنين ޚާދިމާގާތު ވިދާޅުވިއެވެ. "އެގެއަށްގޮސް إبن عبّاس އަށް ދަންނަވާށެވެ. އަހަރެން ބުންޏެވެ. رسول اللّـه صلّى اللّـه عليه وسلّم ގެ ގޮތްކޮޅާ ދުރަށް ވަޑައިނުގަންނަވާށެވެ. އެކަލޭގެފާނު އަހަރެމެންގެ އެޙާލަތުގައި އަހަރެމެންގެ ތަންމަތީގައި އަހަރެމެންނާއެކު އަރާމުކުރައްވައެވެ."

އަންހެނަކު ބައްޔެއްވުމުން އޭނާ އެބަލީން ގަދަވެއްޖެނަމަ މަސްޖިދުލްޢަޤްޞާއަށް ގޮސް ނަމާދެއް ކުރުމަށް ނަދުރު ބުންޏެވެ. އޭނާގެ ބަލިފަސޭހަވުމުން ޤުދުސަށް ދާންވެގެން ދަތުރުގެ ސަލާމްކޮށްލަން أمّ المؤمنين ގެ އަރިހަށްގޮސް އެވާހަކަ ދެންނެވިއެވެ. أمّ المؤمنين ވިދާޅުވިއެވެ. "މަސްޖިދުއްނަބަވީގައި ނަމާދުކޮށްލާށެވެ. އޭރުން ޘަވާބު މާބޮޑުވާނެއެވެ. އަލްމަސްޖިދުލްޙަރާމް ފިޔަވައި އެހެން ކޮންމެ މިސްކިތެއްގައި ކުރާ ނަމާދަކަށްވުރެ އެއްހާސްގުނަ ޘަވާބު އިތުރުވާނެއެވެ. ނަދުރުވެސް ފުއްދޭނެއެވެ."

أمّ المؤمنين السّيّدة ميمونة رضى اللّـه عنــها ގެ ވަރަށް ތިމާގެފުޅު މީހެއް އެއްފަހަރަކު އެކަމަނާގެ ފައިންޕުޅު ދެކޭންދިޔައެވެ. އޭރު އޭނާގެ އަނގައިން ރާގެވަސް ދުވައެވެ. أمّ المؤمنين ވަރަށްބޮޑަށް ކޯފާއިސްވިއެވެ. ވަރަށްބޮޑަށް ނުރުހުންވެވަޑައިގެން ވިދާޅުވިއެވެ. "މީގެފަހުން ދުވަހަކުވެސް އަހަރެންގެ ގެޔަށް ވަދެގެން ނުވާނެއެވެ."

ދީލަތިފުޅުކަމާއި މާތް اللّـه އަށް ވަކީލުކުރެއްވުން

أمّ المؤمنين السّيّدة ميمونة بنت الحارث رضى اللّـه عنــها އަކީ ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. ދީލަތިފުޅުކަމަށް މަޝްހޫރު ބޭކަނބަލެކެވެ. އެކަމަނާ އެހެންމީހުންގެ ބޭނުންތައް ފުއްދަވައިދެއްވަން ދަރަނިވެސް ނަންގަވައެވެ. ދަރަންޏެއް ނަންގަވައިފިނަމަ ވަރަށް އަވަހަށް އަދާވެސް ކުރައްވައެވެ. މިގޮތުން އެއްފަހަރަކު ތަންކޮޅެއް ބޮޑު ޢަދަދެއް ދަރަންޏަށް ނެންގެވުމުން މީހަކު ދެންނެވިއެވެ. "ކަމަނާ ތިޔަ ދަރަނި އަދާކުރައްވާނީ ކިހިނަކުންތޯއެވެ؟" أمّ المؤمنين ވިދާޅުވިއެވެ. "ދަރަނި އަދާކުރުމުގެ ފުރިހަމަ ޤަޞްދު އޮވެގެން މީހަކު ދަރަންޏެއް ނަގައިފިނަމަ اللّـه سبحانه وتعالى އެ ދަރަންޏެއް އަދާކޮށްދެއްވާނެއެވެ."

أمّ المؤمنين އެއްފަހަރަކު އެކަމަނާގެ ޚާދިމާއަކު މިނިވަންކުރެއްވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަނާގެ ގެކޮޅުގައި ހުންނަވަން ހަމަޖެހިފައިވާ ދުވަހު އެގެކޮޅަށް ވަޑައިގަތުމުން، އިތުރު ސާހިބާގެ އަރިހުގައި އެވާހަކަ ވިދާޅުވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘުކުރެއްވިއެވެ. "ކަމަނާ ތިޔަ ޚާދިމާ ކަމަނާގެ މާބެއަށް ދެއްވިނަމަ، ޘަވާބު މާބޮޑުވީހެވެ. ރަޙިމުގެ ގުޅުން ބޭއްވެވުމުގެ ޘަވާބުވެސް ލިބިވަޑައިގެންނެވީހެވެ."

ޢުމުރުފުޅުގެ މަރްޙަލާތައް

  1. ކައުސާހިބާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވީ، ހިޖްރައިން ހަތްވަނަ އަހަރުއެވެ.
  2. ކައުސާހިބާ صلّى اللّـه عليه وسلّم އާ ކާވެނިބައްލަވައިގެންނެވިއިރު، އެކަމަނާގެ ޢުމުރުފުޅަކީ، ތިރީސްހައަހަރު ނުވަތަ ހަތްއަހަރުފުޅެވެ.
  3. އެކަމަނާއާ ކާވެނިބެއްލެވިއިރު، ކައުސާހިބާ صلّى اللّـه عليه وسلّم ގެ ޢުމުރުފުޅަކީ، ފަންސާސްނުވަ އަހަރުފުޅެވެ.
  4. ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ގާތްގަނޑަކަށް ތިންއަހަރާއި ތިންމަހެއްހައި ދުވަހުއެވެ.
  5. އަވަހާރަވީއިރު އެކަމަނާގެ ޢުމުރުފުޅަކީ، އަށްޑިހަ އަހަރުފުޅެވެ.
  6. އެކަމަނާ އަވަހާރަވީ، ހިޖްރައިން ފަންސާސްއެއްވަނަ އަހަރުއެވެ.
  7. އެކަމަނާ ފަސްދާނުލެވިފައިވަނީ، މައްކާއާ ދިހަމޭލު ދުރުގައި އޮންނަ ސަރިފުގައެވެ.

އަރަހުށި މާތް اللّـه، أمّ المؤمنين السّيّدة ميمونة بنت الحارث އަށް ރުއްސުން ލައްވާށިއެވެ.

ޙަވާލާ

1. ތިޛުކާރެ - ޞަޙާބިޔާތު

ޠާލިބުލްހާޝިމީ

2. އުއްމަހާތުލްމުއުމިނީން - ޕްރޮފެސަރ ޚާލިދު ޕަރުވޭޒު

3. އުއްމަހާތުލްމުއުމިނީން - ޙަކީމް މަޙްމޫދު އަޙްމަދު ޡުފަރު

4. ރަޙްމަތުއްލިލްޢާލަމީން ޤާޟީ - މުޙައްމަދު ސުލައިމާން ސަލްމާނު މަންޞޫރުޕޫރީ

5. އައްރަޙީޤުލްމަޚްތޫމް - މައުލާނާ ޞަފިއްޔުއްރަޙްމާނު މުބާރިކުޕޫރީ

6. ސޯ ބަޅީ ޒާހިދު ޚަވާތީން އައުރެ އިންކީ ސަރުދާރު فاطمة بنت محمّد صلّى اللّـه عليه وسلّم - މުފުތީ ޘަނާއު اللّـه މަޙްމޫދު

7. އަލްޤުރްއާނުލްކަރީމުގެ ދިވެހި ތަރުޖަމާ

__________________

comment ކޮމެންޓް