ބްލެކް ވިޑޯގެ އާއިލާ އަށް ދިވެހި ނަމެއް ދީފި

ދެހާސް ސާދަ ވަނަ އަހަރު ށ. މިލަންދޫ ގެއަކުން ފެނުނު، ކަޅު ބަދި މަކުނެއް -- ފޮޓޯ: ހަސަން ސާލިމް

ފައިދިގު މަކުނުގެ ވަރަށް ނުރައްކާތެރި ބާވަތެއް ކަމުގައިވާ 'ބްލެކް ވިޑޯ' ކަމަށް ބެލެވޭ މަކުނާއި އޭގެ ބިސް ރާއްޖެ އިން ފެނިގެން ދޭތެރެ ދޭތެރެ އިން ރިޕޯޓު ކުރެ އެވެ. މި މަހުގެ ތެރޭގައި މާލޭ އަޑިޕާކު ސަރަހައްދުން ވެސް ބްލެކް ވިޑޯ ކަމަށް ބެލެވޭ މަކުނުތަކެއް ވަނީ ފެނިފަ އެވެ.

ކޮންމެ އަކަސް ބްލެކް ވިޑޯ ފެންނަ ކޮންމެ ފަހަރަކު، ހަބަރުތަކުގެ ސުރުހީތަކުގައި 'ބްލެކް ވިޑޯ' ބޭނުންކުރަމުން އަންނާތީ، އެ ބާވަތުގެ މަކުނަށް ކިޔާނެ ދިވެހި ނަމަކާ މެދު ސޯޝަލް މީޑިއާގައި ބަހުސަކަށް ދިޔަ އެވެ.

އެންމެ ފަހުން އެ ބަހުސަށް ނިމުމެއް ގެނެސްފައި މިވަނީ ދިވެހި ބަހުގެ އެކެޑަމީ އިންނެވެ. ދިވެހި ބަހުގެ އެކެޑަމީ އިން މިވަނީ 'ބްލެކް ވިޑޯ' އަށް ކިޔާނެ ދިވެހި ނަމެއް ފާސްކޮށްފަ އެވެ. ދިވެހި ބަހުން 'ބްލެކް ވިޑޯ' އަށް ކިޔާ ނަމަކީ 'ކަޅުބަދިމަކުނު' އެވެ.

ދިވެހި ބަހުގެ އެކެޑަމީ ގެ ބަސް ކޮމިޓީގެ ރައީސް، އަބްދުﷲ ފާރޫޤް ހަސަން 'ސަން' އަށް ވިދާޅުވީ މަކުނަށް ނަން ދިނުމުގައި ވިސްނާފައި ވާނީ މަކުނުގެ ހުންނަ ސިފަތަކަށް ކަމަށެވެ. އެގޮތުން ބްލެކް ވިޑޯ އަކީ ކަޅުކުލައިގެ އެއްޗަކަަށްވެފައި އޭގެ ބުރަކަށި އޮންނަނީ ރާ އަރަން ބޭނުންކުރާ ބައްޖެއްގެ ބައްޓަމަށް ކަމަށްވާތީ ބްލެލް ވިޑޯ އަށް ދީފައި ވަނީ "ކަޅުބަދިމަކުނު"ގެ ނަމެވެ.

އޭނާ ވިދާޅުވީ 'ވިޑޯ ސްޕައިޑާސް'ގެ އާއިލާ އަށް ދީފައިވާ ނަމަކީ 'ބަދިމަކުނު' ކަމަށެވެ. އެހެންކަމުން މުށި ކުލައިގެ ބަދި މަކުނަށް ކިޔާނީ "މުށިބަދިމަކުނު" އެވެ.

ފާރޫޤް ވިދާޅުވީ ވަރަށް އަވަހަށް އެ ބަސްތައް ރަދީފުގައި ހިމަނާނެ ކަމަށެވެ.

ކަޅުބަދިމަކުނުތަކެއް އެންމެ ފުރަތަމަ ރާއްޖެ އިން ފެނިފައި ވަނީ، 2006 ވަނަ އަހަރު އެވެ. އެފަހަރު އޭގެ މަކުނުތަކެއް އެއާޕޯޓުގައި އާލާވުމުން، އެއާޕޯޓުގެ ގިނަ ސަރަހައްދުތަކެއް ފޮގުކޮށް، ވަނީ ނައްތާލައިފަ އެވެ.

ސަހަރާ ތެރޭގައި އުޅޭ ނާގަ ހަރުފަ އަށް ވުރެ 15 ގުނަ ވިހަކަން ގަދަ ކަޅުބަދިމަކުނު ހަފަނީ، އަތްލުމުން ނުވަތަ ޖިސްމާނީ އުނދަގުލެއް ކުރުމުންނެވެ. އެފަދަ މަކުނެއް ހަފައިގެން ފުރާނަ އަށް ނުރައްކާވާ ހާލަތަށް ވެސްދެ އެވެ.

ކަޅުބަދިމަކުނު ދަތް އެޅުމުގެ ސަބަބުން މީހާ ފިޓް ޖެހި، މާ ބަނޑު އަންހެނުން ބައިގެންދިއުމުގެ އިތުރުން އައްސިވުމާއި ހުންއައިސް ދާހިއްލުމާއި ނޭވާލާން އުދަނގޫ ވާނެ އެވެ. އަދި މޭ ނުބައި ކޮށް ނުވަތަ ހޮޑުލުމާއި ބޮލު ގައި ރިއްސުމާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި އަނގައިގަ ކުޅު ގިނަވުމަކީ ވެސް ފެންނާނެ ބައެއް ނިޝާންތަކެވެ.

އޭގެ އިތުރުން، ދަތްއެޅި ސަރަހައްދު ރަތްވެ ދުޅަވުމާއި އެ މަކުނު ދަތްއަޅާތާ 15 މިނެޓްގެ ތެރޭގައި ދަތްއެޅިތަނުން ފެށިގެން ގައިގެ މަސްތަކަށް ތަދު ދައުރުވާން ފަށާނެ އެވެ.

ކަޅުބަދިމަކުނެއް ދަތްއަޅައިފި ނަމަ، އޭގެ ވިހަ އަވަހަށް ފެތުރުނަ ނުދިނުމަށް ލަސްނުކޮށް ސައިބޯނި ލައިގެން ދަތްއެޅިތަން ދޮވެ އައިސް އެޅުމަށް ފަހު، ދަތްއެޅިތަން މައްޗަށްވާ ގޮތަށް ބަހައްޓައި، ވީހާ ވެސް އަވަހަކަށް ސިއްހީ ފަރުވާ ލިބިގަންނަން ވާނެ އެވެ.

comment ކޮމެންޓް