ކުށްވެރިން ފިލަން ދާ އަވަށަކަށް ހުޅުމާލެ އަދި ވިލިމާލެ ހަދައިފި: ފުލުހުން

އާންމުންނަށް އުނދަގޫ ކުރި ބަޔަކު ފެރީގައި ހުޅުމާލެއަށް ފޭބުމާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް-- ސަން ފޮޓޯ/ ކިޔުންތެރިއެއް

ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ ފަރާތްތަކުން ފިލުމަށް ޓަކައި ވިލިމާލެއާއި ހުޅުމާލޭގައި ހަރަކާތްތެރިވުން ގިނަވަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ ތަފާތު ގޭންގުތަކަށާއި އެކި ކުށްތަކަށް ތުހުމަތު ކުރެވޭ ފަރާތްތަކުން ވިލިމާލެ އާއި ހުޅުމާލޭގައި މިހާރަކަށް އައިސް ހަރަކާތްތެރިވަމުން އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ.

އެ ދެ އަވަށުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ޕޯސްޓުތަކެއް ވަނީ ގާއިމްކޮށްފަ އެވެ.

ފުލުހުން އެހެން ބުނެފައިވާ އިރު މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ވަޅިން ހަމަލާދީ މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި އުމުރުން 15 އަހަރުގެ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު ފިލައިގެން އުޅެނިކޮށް ހޯދައިފައިވަނީ ވެސް އިއްޔެ ހުޅުމާލެއިންނެވެ.

އަދި މާލޭގައި އެންމެ ފަހުން މާރާމާރީ ހިނގި ދުވަހު ހުޅުމާލެއިން ވަޅިއެއް ހިފައިގެން މާލެ އަންނަންއުޅުނު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ވިލިމާލޭގައި ވެސް ތަފާތު ކުށުގެ މައްސަލަތައް ހިންގާކަން ފާހަގަކުރެވެ އެވެ. އެގޮތުން މަސް ތުވާތަކެތީގެ މައްސަލަތައް ގިނައެވެ.

comment ކޮމެންޓް