ފަރިވާ ފިހާރާގައި ރޯވީ ސްޓެލްކޯގެ އިހުމާލުންކަމަށް ބުނެ ކޯޓަށް

ފަރިވާ ފިހާރާގައި ރޯވެ އަނދާފައި: ރޯވީ ސްޓެލްކޯގެ އިހުމާލުންކަމަށް ބުނެ މައްސަލަ ވަނީ ކޯޓަށް ހުށަހަޅާފައި-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިއަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު ފަރިވާ ފިހާރާގައި ރޯވެ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސްޓެލްކޯގެ އިހުމާލުންކަމަށް ބުނެ ބަދަލެއްގެ ގޮތުން 33 މިލިއަން ރުފިޔާ ހޯދަން ފަރިވާއިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެނގިފައިވާގޮތުން އެމައްސަލަ ކޯޓަށް ހުށަހެޅުމުން ޑިސްޕިއުޓް މަރުހަލާގައި މައްސަލަ ހައްލުނުވެ މިހާރުވަނީ ޝަރީއަތަށް ފޮނުވާފަ އެވެ. ސްޓެލްކޯގެ މައްޗަށް ފަރިވާއިން ކުރި ދައުވާގައި ބުނެފައިވަނީ އެފިހާރާގައި ރޯވީ ސްޓެލްކޯގެ ކަރަންޓު ފޮށީގައި ރޯވެގެންކަމުން އެއީ ސްޓެލްކޯގެ އިހުމާލެއް ކަމަށެވެ.

އެހާދިސާ ހިނގާފައިވަނީ އެފިހާރަ ކައިރީ ބަހައްޓާފައި ހުންނަ ސްޓެލްކޯގެ ފޮށިން ކަނިކެނޑުމުން ކަމަށް އަލިފާނުގެ ހާދިސާ ހިނގި ދުވަހު ފަރިވާގެ ވެރިޔާ މަހުމާ ހުސެން ރަޝީދުގެ ދަރިފުޅު ހަސަން އާސިފް 'ސަން' އަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.

ފުލުހުން އެމައްސަލަ ތަހުގީގުކޮށް ނިންމައި ފައިލް ކްލޯސްކޮށްފައިވާއިރު ސްޓެލްކޯގެ ކަރަންޓް ފޮށީގެ ސަބަބުން އެ ފިހާރަ ރޯވި ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ކުރި ތަހުގީގު ތަކުން އެއީ ގަސްތުގައި ބަޔަކު ކުރި ކަމެއް ކަމަށް ވެސް ހާމަވެފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.

ފަރިވާ ފިހާރައިގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މި އަހަރުގެ ޖެނުއަރީ 20 ވަނަ ދުވަހު އެވެ. ދެ ބުރިއަށް ހަދާފައި ހުންނަ އެ ފިހާރާގައި އެ ރޭ ފަތިހު 4:00 ޖަހާކަންހާ އިރު ރޯވި އެ ފިހާރަ ވަނީ އެއްކޮށް އަނދާފަ އެވެ. ހަމައެއާ އެކު، އެފިހާރައާ އިންވެގެން ހުންނަ ގެއަކަށް ވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންތަކެއް ލިބިފަ އެވެ. އެ ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

comment ކޮމެންޓް