ރޯދަ މަހަށް ޚާއްޞަ : ކަދުރުން ލިބޭ ޞިއްޙީ ފައިދާތައް

ކަދުރަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ކަދުރަކީ ހަށިގަނޑަށް ހަކަތާއި ބާރު ގެނެސްދޭ އެއްޗެކެވެ. ބޭނުންކުރާތާ ½ ގަޑިއެއް ހާއިރުގެ ތެރޭގައި ހަށިގަނޑަށް އޭގެ ސަބަބުން ހަކަތަ ލިއްބައި ދެއެވެ. މިއީ އާންމުކޮށް ހުހަށް ކެއުމަށާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޚާއްޞަކޮށް ކަދުރަކީ މާތްވެގެންވާ ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން އާންމުކޮށް ރޯދަ ވީއްލާގަޑީގައި ކައިއުޅޭ ވަރަށް އާންމު އެއްޗެކެވެ.

ބަނޑުހިކުމުން ދުރުކޮށްދިނުން

ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން ބަނޑު ސާފުކުރުމަށް އެހީތެރިވެދޭ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. ކަދުރުގައި ހިމެނޭ "ބަނޑު ސާފުކުރުމުގެ" ފައިދާ ލިބިގަތުމަށް ފުރިހަމަ އެއްރޭ ވަންދެން ކަދުރު ފޯކުރަން ފެނަށް އަޅާފައި ބަހައްޓަން ޖެހެއެވެ. ޖެހިގެން އަންނަ ދުވަހު ހެދުނު ފޯވެފައި ހުރި ކަދުރުތައް ގިރާލައިގެން ސަރުބަތުގެ ގޮތުގައި ބޭނުންކުރެވިދާނެ އެވެ. މިކަމުގެ ސަބަބުން ބަނޑު ފަސޭހަ ކޮށްދޭނެ އެވެ.

ހިތުގެދުޅަހެޔޮކަން އިތުރުކޮށްދިނުން

ކަދުރަކީ ސޯޑިއަމް މަދު، ޕޮޓޭސިއަމް ގިނަ މޭވާ އެކެވެ. ޕޮޓޭސިއަމް އަކީ ހިތުގެ ވިންދުޖެހުން ކޮންޓްރޯލްކޮށްދީ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމުގައި ވެސް އެހީތެރިވެދޭ މާއްދާ އެކެވެ. އެހެންކަމުން، މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދީ، އަދި ނާރުތަކުގެ ނިޒާމްގެ މަސައްކަތް ރަގަޅުކޮށްދޭނެ ކަމެކެވެ. ސަބަބަކީ ޕޮޓޭސިއަމް ގިނައިން ހަށިގަނޑަށް އެތެރެވާ ވަރަކަށް، ސޯޑިއަމް ހަށިގަނޑުން ބޭރުވާ މިންވަރު މަތިވާތީ އެވެ. މިހެންވުމުން ލޭގެ ޕްރެޝަރު ދަށްވެ، ކޮންޓްރޯލް ވާގޮތް ދިމާވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ޕޮޓޭސިއަމް ގިނައިން ބޭނުންކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު ވެސް ކުޑަކޮށްދޭނެ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުވާލަކު 400 މިލިގްރާމްގެ ޕޮޓޭސިއަމް ކާނާ އިން ހަށިގަނޑަށް ފޯރުކޮށްދެވޭނަމަ، އެމީހަކަށް ސްޓްރޯކް ޖެހުމުގެ ފުރުޞަތު 40 އިންސައްތަ ދަށްވެގެން ދެއެވެ. މީގެ އިތުރުން ކަދުރަކީ ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު ވެސް ދަށްކޮށްދޭ އެއްޗެކެވެ.

ލޭގެ ދަގަނޑުގެ ބައި ރަނގަޅުކޮށްދިނުން

ކަދުރަކީ ދަގަނޑުން މުއްސަދިވެފައިވާ ކާނާގެ ބާވަތެކެވެ. މިސަބަބާހުރެ، ލޭމަދުވުން ކުރިމަތިވެފައިވާ މީހުންނަށް ލޭގެ ދަގަނޑުގެ ބައި ރަގަޅު ކުރުމުގެ ގޮތުން ކަދުރު ކެއުމަށް އިރުޝާދު ދެއެވެ. މިސާލަކަށް މައްސަރު ކަންތަކާއި ގުޅިގެން އާދަޔާ ޚިލާފަށް ހަށިގަނޑުން ލޭ ބޭރުވެ، ދަގަނޑު އުނިވެގެން ލޭމަދުވުން ކުރިމަތިވާ އަންހެނުން ބޭނުންކުރުމަށް ކަދުރަކީ މިސާލެއްނެތް ފަދަ ބާވަތެކެވެ.

ބަރުދަންއިތުރުކުރުން

ހަށިގަނޑަށް ފައިދާހުރި ޞިއްޙީ ކެއުމެއްގައި ނަމަ، ކަދުރު ހިމަނަންވާނެ އެވެ. ކަދުރުގައި ކާބޯހައިޑްރޭޓް، ފެޓް، ޕްރޮޓީން އަދިވެސް ހަށިގަނޑަށް ބޭނުންތެރި ވިޓަމިންތައް ހުރެއެވެ. މާބޮޑަށް ހަށިގަނޑުގެ ބަރުދަން ލުއިވެ، ހިކެމުންދާނަމަ، އެކަމުގެ ފަރުވާއެއްގެ ގޮތުގައި ހަށިގަނޑުގެ ބަރުދަން އިތުރުކުރުމަށް ކަދުރު ބޭނުންކުރެވިދާނެ އެވެ. އެއީ ކަދުރުން މަތީ މިންވަރަކަށް ހަކަތަ ފޯރުކޮށްދޭތީ އެވެ. އެއް ކިލޯގެ ކަދުރުގައި 3000 ކެލޮރީ ހުރެއެވެ.

ކަދުރުގައި ހަކުރުގެ އެންމެ ތަބީޢީ ބައިތައް ކަމުގައިވާ، ގުލްކޯޒު، ފްރަކްޓޯޒް، ލެކްޓޯޒް، އަދި ސުކްރޯޒް ހިމެނެއެވެ. ކިރުގެ ތެރެއަށް އަޅައިގެން ފޯކޮށްގެން ކަދުރު ބޭނުންކުރުމުން އެއިން ލިބިދޭ ފައިދާ ، އިތުރުކަމަށް ބުނެވެއެވެ. އެހެންކަމުން ކަދުރަކީ ހަށިގަނޑުގައި ހަކަތަ އިތުރުކޮށް ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ.

ބޭރަށްހިންގުން

ދޮންވެފައި ހުންނަ ރޯ ކަދުރުގައި ޕޮޓޭސިއަމް ހުރެއެވެ. މިއީ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ކަދުރަކީ ފަސޭހައިން ހަޖަމުވާ އެއްޗަކަށް ވުމުން ބޭރަށްހިންގުން ފަދަ ކަންތައްތައް ވަރަށް އަވަހަށް ކަދުރު ބޭނުންކުރާނަމަ ރަގަޅު ވެއެވެ.

ވިހަތައް ބޭރުކޮށްދިނުން

ބަނގުއާވި މާގިނައިން ބޭނުންކުރުމުން ވިހަވެއްޖެނަމަ، އެކަން ފިލުވާލުމަށް ކަދުރަކީ އެންމެ ރަގަޅު އެއް މަޞްދަރެވެ. މިގޮތަށް ބަނގުއާވިން ވިހަވުމުން، ކަދުރު ބޭނުންކުރުމުން ވަރަށް ފަސޭހައިން ރަގަޅު ވެއެވެ. ރޭގަނޑު އެއްކޮށް ފެނުގައި ބަހައްޓައި، ފޯވުމުން ހެދުނުގައި ކަދުރު ބޭނުންކުރުމުން އެއިން ލިބޭ މަންފާއާއި ފައިދާ، އިތުރުކަމަށް ވެއެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން

ކަދުރު ބޭނުންކުރުމަކީ އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އެތަކެއް ކެންސަރުން ދުރުކޮށް ރައްކާތެރިވުމުގައި އެހީތެރިވެދޭ ކަމެކެވެ. މައިދާ ނުވަތަ ބަނޑުގެ ކެންސަރުތަކުން ރައްކާތެރިވުމަށް ކަދުރަކީ ބޭނުންތެރިއެއްޗެކެވެ. މިއީ ފަސޭހައިން ހަޖަމުވާ، އަދި ހަށިގަނޑަށް ބޭނުންވާ ހަކަތަ ވެސް ފޯރުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން ކަދުރުގައި އެންޓި އޮކްސިޑެންޓް އެކުލެވިގެން ވުމަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށްދީ، ކެންސަރުފަދަ ބަލިތައް އުފަންވެގެން އައުން ކުޑަކޮށްދޭނެ ކަމެކެވެ.

ކަދުރުގައި ވިޓަމިން އޭ ގިނަ މިންވަރަކަށް ހުރެއެވެ. ހޯދިފައިވާ ގޮތުގައި ވިޓަމިން އޭ ގިނައިން ހުންނަ ކާނާ ބޭނުންކުރުމަކީ އަނގަޔާއި، ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ކަދުރަކީ އެންޓި އޮކްސިޑެންޓްގެ ފްލޭވޮނޮއިޑްގެ ތެރޭގައި ހިމެނޭ، ބީޓާ ކެރޮޓީން، ލޫޓީން، އަދި ޒިއެޒެންތިން ހިމެނޭ މޭވާ އެކެވެ. މިއެންޓި އޮކްސިޑެންޓްތަކަށް ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކާއި، އެހެނިހެން ޓިޝޫތަކަށް ލިބޭ ގެއްލުމުން ރައްކާތެރިކުރުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ގޮހޮރު، އުރަމަތި، ޕްރޮސްޓޭޓް ގްލޭންޑް، ފުއްޕާމޭ، ޗިސްމޭ، އަދި ރަހިމުގެ މަސްގަނޑު ފަދަ ބައިތަކަށް ކެންސަރު ޖެހުމުން ދުރުކޮށް ދެއެވެ.

ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން

ކަދުރުގައި މުހިއްމު އެންޓި އޮކްސިޑެންޓެއް ކަމުގައިވާ، ވިޓަމިން އޭ އެކުލެވުމަކީ ލޮލުގެ ފެނުމުގެ މައްސަލަ ހުންނަން އެހީތެރިކަން ފޯރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ރޭގަނޑު ރޯނާވުމުގެ މައްސަލަ ހުންނަ މީހުންނަށް ކަދުރު ބޭނުންކުރުމުން އެކަމުގެ އުދަގޫ ކުޑަވާކަމަށް ބުނެއެވެ. މީގައި ހިމެނޭ މުހިއްމު ކެރޮޓިނޮއިޑެއް ކަމުގައިވާ ޒިއެޒެންތިންގެ ސަބަބުން އުމުރުން ދުވަސްވުމުން ދިމާވާ މެކިޔުލަރ ޑިޖެނެރޭޝަންގެ މައްސަލައިން ރައްކާތެރިވުމުގައި އެހީތެރި ވެދެއެވެ.

ދަތުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން

ކަދުރުގައި "ފްލޯރިން" ކިޔާ މާއްދާއެއް ހުރެއެވެ. އަދި ކެލްސިއަމް ވެސް ހުރެއެވެ. ފްލޯރިން އަކީ ދަތުގެ ބޭރުބައި ހެދި ބޮޑުވުމަށް ބޭނުންތެރި މާއްދާ އެކެވެ. އަދި މިއީ ދަތްފަނި ކެއުމުން ރައްކާތެރިކޮށްދޭ މާއްދާ އެއް ވެސް މެއެވެ. ކަދުރުގައި ކެލްސިއަމް ހުރުމަކި އެކަމުގެ ސަބަބުން ދަތްތައް ވަރުގަދަކޮށްދީ، ދަތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަމެކެވެ.

މާބަނޑުމީހުންނާއި ގާތުންދޭ މީހުންނަށް ލިބިދޭ ފައިދާތައް

ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މިއީ ( ރަހިމުގެ މަސްތައް ވަރުގަދަވުމަކީ) ވިހަން ކައިރިވުމުން ވަރަށް ބޭނުންތެރި ކަމެކެވެ. އަދި ބުނެވޭގޮތުގައި ވިހެއުމުގައި ތެރޭގައި ރަހިމުގެ ދޮރު ފުޅާކުރުމުގައި ވެސް ކަދުރު ބޭނުންކުރުން އެހީއަކަށް ވެއެވެ. އަދި ހަމަމިހެން ކަދުރު ބޭނުންކުރުމާއި، ވިހެއުމަށްފަހު އާދަޔާ ޚިލާފަށް ލޭބޭރުވުމާއި، ގުޅުމެއް ވާކަމަށް ވެސް ބުނެވެއެވެ. އެހެންކަމުން މިއީ މާބަނޑު މީހުންނަށް ފައިދާހުރި ކާނާއެއް ކަމުގައި ބެލެވެއެވެ.

ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެއް ކަމުގައި ބުނެވެއެވެ. އަދި މިދެންނެވި މާއްދާތަކުގެ ސަބަބުން ތުއްތު ދަރިފުޅު ބަލިތަކާއި ދުރުކޮށް ދެއެވެ.

comment ކޮމެންޓް