އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރި މީހުން ހޯދަން ހުމާމް ދުނިޔޭގައި ބަހައްޓަންޖެހޭ: އަފްރާޝީމްގެ ކޮއްކޮ

ހުމާމް ކޯޓުން ނެރެނީ: މުޅި ހަގީގަތް ނޭނގި ހުމާމް މަރާލަން އާއިލާ އިން ދެކޮޅު ހަދާ -- ސަން ފައިލް ފޮޓޯ

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ފަންޑު ކުރި މީހުން ހޯދަން ހ. ލޮބީ ހުސައިން ހުމާމް އަހުމަދު ދުނިޔޭގައި ބަހައްޓަން ޖެހޭ ކަމަށް އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީން ވިދާޅުވެއްޖެ އެވެ.

ސަން އަށް ރޭ ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ އަފްރާޝީމްގެ މަރުގައި އެކި ފަށަލަތައްވާ ކަމަށެވެ.

"އަހަރުމެން ގަބޫލުކުރަމީ މީގެ ފަށަލަތަކެއް އުޅޭ ކަމަށް. ކޮންމެ ފަށަލައެއްގައި ވެސް މީހުން ކޮޅެއް އުޅޭނެ. އޭނަ ގަތުލުކުރަން ދިޔަ ޓީމް އެއީ އެއްފަށަލަ. އެކަން ރާވާ ހިންގި މީހުންނާއި އެކަމަށް ޚަރަދުކުރި މީހުންނާ އެކަމަށް ބޭނުންވި މީހުންނާއި މިއީ ހައްތާވެސް ފަށަލަ. އެހެންވީމަ މި ހުރިހާ އެންމެން ހޯދިގެން އެމީހުންނަށް އަދަބުދޭން އަހަރުމެން ބޭނުންވޭ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެކަމުގައި ޝާމިލްވި ބައެއް މީހުންގެ ނަންތައް ހުމާމް ވަނީ ކިޔައިދީފައިކަމަށާއި އެހެންކަމުން އެމީހުންގެ އެހީގައި އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދެން ޖެހޭނެ ކަމަށެވެ.

އަފްރާޝީމްގެ މަރުގެ އަޑީގައި ތިބި ބަޔަކު ހޯދުމުގެ ގާބިލްކަން ފުލުނުންގެ ކިބައިގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

"އެ ގަތުލުގެ ފަހަތުގައި ތިބި މީހުން ނުހޯދޭނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ. މިހާތަނަށް ހޯދިފައި ނުވަނީ ހޯދަން ބޭނުންނުވާތީ ކަމަށް ގަބޫލު ކުރެވެނީ،" އަމީން ވިދާޅުވި އެވެ.

comment ކޮމެންޓް