އިނގިރޭސި ރާނީގެ ޔޫތު ލީޑަރުންގެ މެންޓޯ ޕެނަލްއަށް ހޮވުނު ފުރަތަމަ ދިވެއްސަކަށް ރަފިއްޔާ

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ ހޮނޮރަރީ ޕްރެސިޑެންޓްކަން ލިބިވަޑައިގަތް އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ ----

މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމާއި ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން އާއްމުންގެ ދިރިއުޅުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނައުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާނުންނަށް އިނގިރޭސި ރާނީ ދެއްވާ އެވޯޑް ލިބޭ ޒުވާނުންގެ މެންޓޯ ޕެނަލްއަށް ހޮވުނު ފުރަތަމަ ދިވެއްސަކަށް، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އައިޝަތު ރަފިއްޔާ ހޮވިއްޖެ އެވެ.

ޒުވާނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ "ރަފީ" ޖަމިއްޔާގެ ފައުންޑިން ޕްރެޒިޑެންޓް ރަފިއްޔާ، މެންޓޯ ޕެނަލް އަށް ހޮވިފައި ވަނީ ޕާސަނަލް މެންޓޯ އެއްގެ ގޮތުގަ އެވެ.

ކުއީންސް ޔަންގް ލީޑާސް (ކިއުވައިއެލް)ގެ އެވޯޑް ލިބުނު ކުދިންނަށް ޔުނިވާސިޓީ އޮފް ކެބްރިޖް އިން ހިންގާ އެކްސްކުލޫސިވް ކޯހެއް ކަމަށްވާ، "ލީޑިން ޗޭންޖް"ގެ މެންޓޯ އިންގެ ގޮތުގައި ހޮވާނީ ދުނިޔޭގެ އެކި ގައުމުތަކުން އެކި ދާއިރާތަކުގެ މާހިރުންނެވެ.

މިއީ ކޮމަންވެލްޓް ގައުމުތަކުން އަންނަން އޮތް ޖީލުތަކުގެ ޒުވާން ލީޑަރުން މެންޓޯކޮށް ގައިޑް ކޮށްދިނުމަށް ޓަކައި ކިއުވައިއެލްގެ ޕްރޮގްރާމް ހިންގާ ކެބްރިޖް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ކޮންޓިނިއުއިން އެޑިއުކޭޝަން އިން ހޮވާ މެންޓޯ އިންނެވެ. މެންޓޯ އިންގެ މަސައްކަތް ރަސްމީކޮށް ފަށާނީ މިއަންނަ ޖުލައި މަހުގެ ތެރޭގަ އެވެ.

ކެމްބްރިޖް ޔުނިވާސިޓީ އިން މެންޓޯއިން ހޮވުމަށް އުފެއްދި ފަނޑިޔަރުންގެ ޕެނަލްއަކުން ތަފާތު ސްޓޭޖް ތަކުގެ ތެރެއިން މީހުން ފުރޭނުމަށް ފަހު މެންޓޯ އިން ހޮވާފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ.

ކެބްރިޖް ޔުނިވާސިޓީގެ ވެބްސައިޓުގައި ބުނީ، ކިއުވައިއެލްގެ މެންޓޯ އިން އާއި ދުނިޔޭގެ ހާއްސަ މާހިރުންގެ ނެޓްވޯކް އަކާ ގުޅާދެވި، މެންޓޯ އިން އަށް ކެބްރިޖް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ކޮންޓިނުއިން އެޑިއުކޭޝަނުން ހިލޭ ކޯޗިން ކޯހެއް ލިބޭނެ ކަމަށެވެ.

އަންހެނުންނާއި ޒުވާނުންގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރަފިއްޔާ އަށް ވަނީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހޯއްދަވާފައެވެ. އެގޮތުން ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ ހޮނޮރަރީ ޕްރެސިޑެންޓްކަން ލިބިވަޑައިގަތް ރަފިއްޔާ ވަނީ، ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ހޯދި ފުރަތަމަ ދިވެއްސެވެ.

comment ކޮމެންޓް