ހަންގަނޑުގެ ޒުވާންކަން ދެމެހެއްޓުމަށް މިއާދަތަށް ދޫކޮށްލާ!

ބައެއް އާދަތަކުގެ ސަބަބުން މީހާގެ ހަންގަނޑުގެ ޒުވާންކަން މާއަވަހަށް ގެއްލޭ -- ފޮޓޯ: ގެޓީ

ތިމާގެ ހަންގަނޑުގެ ޒުވާންކަމާއި ދުޅެހެޔޮކަން ދެމެހެއްޓުމަށް ބައެއް އާދަތަކާ ދުރުހެލިވާން ޖެހެ އެވެ. އޭގެ ތެރޭގައި:

ދުންފަތުގެ އިސްތިއުމާލު ކުރުން

މީހާގެ ސިއްހަތަށް ނޭދެވޭ އެތައް އަސަރެއް ކުރުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަންގަނޑަށް ވެސް ގެއްލުން ހުރި ކަމެކެވެ. އެއްމާބަނޑު ދެބެއިން ހިމަނައިންގެން އެމެރިކާއިން 2013 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ދެމީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހާގެ ހަންގަނޑު ވަނީ އޭނާގެ ޓުވިންގެ ހަންގަނޑާ އަޅާ ބަލާއިރު މާބޮޑަށް ރޫޖެހި އުޖާލާކަން ގެއްލިފަ އެވެ.

ސަންބްލޮކް ބޭނުން ނުކުރުން

އިރުން ފޮނުވާ ޔޫވީ ރޭތަކުގެ ސަބަބުން ހަންގަނޑުގައި ރޫޖެހި، ކުރަކިވެ، ހަންގަނޑުގެ ކުލަ ބަދަލުވެ އެވެ. އެހެންކަމުން ޔޫވީ ރޭތަކުން ލިބޭ ގެއްލުމުން ހަންގަނޑު ރައްކާތެރި ކުރުމަށް ކޮންމެ މޫސުމެއްގައިވެސް ސަންބްލޮކް ބޭނުން ކުރުން މުހިއްމެވެ. ސަންބްލޮކް ބޭނުން ކުރާ އިރު އޭގެ ސަން ޕްރޮޓެކްޝަންއަށް ފެކްޓާ (އެސްޕީއެފް) އިސްކަން ދޭން ޖެހޭނެ އެވެ. އެސްޕީއެފް 15 ހުންނަ ސަންބޮލޮކް އިން 94 ޕަސެންޓް ރައްކާތެރިކަން ފޯރުކޮށްދޭ އިރު އެސްޕީއެފް 50 ހުންނަ ސަންބްލޮކް އިން 98 ޕަސެންޓް ރައްކާތެރިކަން ފޯރުކޮށްދޭނެ އެވެ.

މޫނު ވަތަށްވާ ގޮތަށް ނިދުން

މޫނު ވަތަށްވާ ގޮތަށް ބާލީހުގައި ބޯއަޅައިގެން ނިދުމަކީ މޫނުގައި ރޫޖެހުން އިތުރުވާ ކަމެއް ކަމަށް ކަމާ ބެހޭ ބައެއް މާހިރުން ވިދާޅުވެ އެވެ. އާއްމުކޮށް އެގޮތަށް ނިދުމުން ދުވަސް ވާރަކަށް މޫނުގެ ހަނގަނޑުގައިވާ ކޮލާޖެން އާއި ކަނެކްޓިވް ޓިޝޫގެ ބާރު ދެރަވެ މޫނުގައި ރޫޖެހުމަށް މަގުފަހިވާ ކަމަށް ޑާމެޓޮލޮޖިސްޓުން ވިދާޅުވެ އެވެ. ވީމާ މޫނު ވަތަށްވާ ގޮތަށް ނިދުން ނުވަތަ އަބަދު އެއް ފަރާތަށް ވާގޮތަށް ނުނިދާށެވެ. ސެޓިން ބާލީސް އުރައެއް ބޭނުން ކުރުމަކީ ވެސް ރަނގަޅު އާދައެކެވެ.

މާގިނަ މަސައްކަތްތައް އެއްފަހަރާ ކުރުން

ގިނަ މަސައްކަތް އެއްފަހަރާ ކުރުމަކީ މީހާ ސްޓްރެސް ވުމަށް މަގުފަހިވާ ކަމެކެވެ. ސްޓްރެސް ވުމުން އިންސާނާގެ ހަންގަނޑުގައިވާ ސެލްތަކަށް ގެއްލުންދޭ ފްރީ ރެޑިކަލްތައް ރިލީޒްވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އޭގެ ސަބަބުން ހަންގަނޑުގައި ރޫޖެހި ހަންގަނޑުގެ ޒުވާންކަން ގެއްލުމަށް މަގުފަހިވެ އެވެ.

މައުލޫމާތު: ސްޓެތްނިއުސް

comment ކޮމެންޓް