އެކައުންޓުގައި ފައިސާ ނެތި ޗެކު ދޫކުރުމުގެ ބިލް ތަސްދީގު ނުކުރައްވައި ފޮނުވާލައްވައިފި

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްތީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި "އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޞްދީޤު ނުކުރައްވައި އަލުން މަޖިލިހުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އެ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަނީޖެނެރަލްގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، އެ ބިލާ ގުޅޭ ގޮތުން އެޓަނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ބައްލަވާލައްވައި އެ މައްސަލަތަކަށް ރިޢާޔަތް ކުރައްވައި އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

މިގޮތުން، މި ބިލްގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަމައެކަނި އެކައުންޓްގައި ފައިސާ ނެތި ދޫކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެ އެވެ. އެހެންނަމަވެސް، މިކަމާ ގުޅޭ ގޮތުން މިހާރު ޢަމަލުކުރެވެމުންދާ، ޤާނޫނު ނަންބަރު 95/16 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ ދަށުން، ޗެކެއް ދޫކޮށް އެޗެކްގައިވާ އަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައިނުވުން ވެސް އެއީ ކުށެއްކަމަށް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ. އެހެންކަމުން، މި ބިލުގައި މިހާރު އޮތް ގޮތުން، މީހަކު ޤަޞްދުގައި ޗެކްގައި ނުބައި ސޮއި ކުރުމުން، ޗެކަށް ފައިސާ ނުލިބޭ މައްސަލަތަކުގައި އެފަދަ ފަރާތްތަކުން އެފައިސާ ހަމަޖައްސައިދޭން ނުޖެހި، ޗެކަށް ފައިސާ ނުލިބޭ ހުރިހާ މައްސަލައެއްގައި، މިބިލްގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

އަދި ބިލްގެ ތިން ވަނަ މާއްދާގެ (ށ) ގައި ޗެކް ދޫކުރި އެކައުންޓްގެ ވެރިފަރާތުން ޗެކްގައިވާ ޢަދަދަށް ފައިސާ ހަމަޖައްސައިދިނުން ހުއްޓުވިދާނެ ފަސް ޙާލަތެއް ތަފްޞީލުކޮށް ބަޔާންކޮށްފައިވުމުން، އެ ޙާލަތުތަކުގެ ބޭރުން ދިމާވެދާނެ ކަމަކާ ގުޅިގެން، ޗެކެއް ހުއްޓުވަން ޖެހިއްޖެނަމަ، ޢަމަލުކުރާނެ ގޮތެއް، ބިލްގައި ބަޔާންކޮށްފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ. އަދި ބިލްގެ ތިން ވަނަ މާއްދާގެ (ނ) ގައި ކުންފުންޏަކުން ދޫކުރާ ޗެކަކަށް ފައިސާ ނުލިބިއްޖެނަމަ، ހަމައެކަނި ޗެކްގައި ސޮއިކުރި ފަރާތް ނުވަތަ ފަރާތްތައް ކުށްވެރިވާ ގޮތަށް އޮތުމުން، މިފަދަ ޗެކެއް ދޫކުރީ، ކުންފުންޏެއްގެ އިސްކޮށްހުރި ފަރާތެއްގެ އެންގުމަކާ ގުޅިގެން ކަމުގައިވީ ނަމަވެސް، ކުންފުންޏެއްގެ އިސްކޮށް ހުންނަ ފަރާތް ކުށްވެރިނުވާނެތީ، ކުންފުނީގެ އެންމެ އިސްފަރާތުގެ އަމުރަކަށް ދޫކުރާ ޗެކަކަށް ފައިސާ ނުލިބުމުން، ކުށްވެރިވާނީ ހަމައެކަނި ޗެކްގައި ސޮއިކުރާ ފަރާތް ކަމުގައި އޮތުމަކީ، އެންމެ އިންޞާފުވެރި ގޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

އެކައުންޓްގައި ފައިސާނެތި ބޮޑު ޢަދަދެއްގެ ޗެކެއް ދޫކުރިނަމަވެސް، އެކަމުގެ އަދަބަކީ ގިނަވެގެން ފަންސާސް ހާސް ރުފިޔާ އިން ޖޫރިމަނާ ކުރުން ކަމަށް އޮތުމަށް ފަހު، ޖޫރިމަނާ ނުދައްކައިފި ނަމަ، ޢަމަލުކުރާނެ ގޮތެއް ނެތުމުން، އެކަމުގެ ސަބަބުން ޗެކުންކުރާ ވިޔަފާރީގެ މުޢާމަލާތުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމަށް ފެނިވަޑައިގަންނަވާތީ، ބިލްގައި، އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމުގެ އަދަބެއްގެ ގޮތުގައި ހަމައެކަނި ޖޫރިމަނާ ކުރުން އޮތުމަކީ، އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމަކީ، މިހާރު ވެސް ވަރަށް ބޮޑަށް ޢާންމުވެފައިވާ، އެކަމުގެ ސަބަބުން އިޤްތިޞާދަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާ އަދި އެކަމަށް މާބޮޑު ޙައްލެއް ލިބިފައިނުވާ މައްސަލައަކަށްވާއިރު، މިހާރު އޮތްގޮތަށް މި ބިލް ތަޞްދީޤު ކުރައްވައިފި ނަމަ، މިމައްސަލައަށް ޙައްލެއް އައުމުގެ ބަދަލުގައި، އެކައުންޓްގައި ފައިސާނެތި ޗެކް ދޫކުރުމުގެ މައްސަލަތައް އިތުރުވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު