ރަސްފަންނު ސަރަހައްދުގައި ޝޮޕިންގް މޯލެއް އަޅާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

މާލޭ ހުޅަނގު ފަރާތުގައި ހަދާފައިވާ ރަސްފަންނު -- ސަން ފައިލް ފޮޓޯ

މާލޭ ހުޅަނގު ފަރާތުގައި ތަރައްގީކޮށްފައިވާ ރަސްފަންނުގެ ކުރިމަތިން، އެއްގަމާވާ ފަޅީގައި ހުރި ހުސް ބިންތަކުގައި ޝޮޕިންގް މޯލެއް އަޅައި، ތަރައްގީކޮށް އޮޕަރޭޓު ކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީ އިން ހޯދަމުން ދަނީ، ރަސްފަންނު ކުރިމަތީގައި އޮތް ބިމުގައި ދުނިޔޭގެ ފެންވަރުގެ މިކްސްޑް ޑިވެލޮޕްމެންޓް ފެސިލިޓީއެއް އަޅައި، 50 އަހަރު ދުވަހަށް ހިންގައިދޭނެ ފަރާތެއް ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖުލައި 2016 އެވެ.

އިއުލާނާ އެކު މިނިސްޓްރީން އާންމުކުރި ލިޔެކިޔުންތަކުގައި ބުނެފައި ވަނީ، މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ އިންފްރާސްޓްރަކްޗާ ވަރަށް ހަލުއިކަމާ އެކު ތަރައްގީވެފައިވާ ކަމަށާއި މިކަންކަން ގިނައިން އަމާޒުވެފައި އޮތީ މާލޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

އަދި، މީހުން ދިރިއުޅޭނެ ޖާގައަށް ޑިމާންޑު ބޮޑުވުމުގެ ސަބަބުން، ރީޓެއިލް ޓްރޭޑް ނުވަތަ ފިހާރަ ހިންގައި، މަޝްހޫރު ބްރޭންޑުތަކުގެ މުދާ ވިއްކާނެ ބޮޑެތި ކޮމްޕްލެކްސްތައް އަޅާނެ ތަނެއް މާލޭގައި ނެތް ކަމަށް އެ ޑޮކިއުމެންޓުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މާލޭގެ ބޮޑު އާބާދީގެ އިތުރުން، ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް މާލެއަށް ޒިޔާރަތް ކުރާ އިރު، އެމީހުންނަށް ކުރެވެން އޮންނަނީ މައިގަނޑު ދެ ކަމެއް އެކަނި ކަމަށާއި އެއީ ސުވެނިއާ ޝޮޕިންގްއާއި މާލެތެރެ ބަލާލަން ދިއުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެހެންކަމުން ހައި އެންޑް ޝޮޕިންގްއަށް މާލޭގެ ރައްޔިތުންނާއި ފަތުރުވެރިންގެ އޮންނަ ބޮޑު ޑިމާންޑާ ބައްދަލުކުރުމުގެ ގޮތުން، ރަސްފަންނު ސަރަހައްދުގައި ރީޓެއިލް ޝޮޕިންގ އައުޓްލެޓުތަކެއް ހިންގާނެ އިމާރާތަކާއި ބައެއް އެހެން ކަންކަން ވެސް ހިމެނޭ ގޮތަށް މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީއެއް އަޅާން ބޭނުންވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ ޕްރޮޕަޓީ ހެދުމަށް ދޭން ކަނޑައަޅާފައި ވަނީ، ރަސްފަންނުގެ ކުރިމަތިން، ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ބިއްދޮށުން ފަށައިގެން ސޯޝަލް ސެންޓަރާ ހަމައަށް އޮތް ހުސް ބިމެވެ. އެތަނުގައި 70،000 އަކަ ފޫޓުގެ ބިން އޮންނަ އިރު، ޕްރޮޕަޓީ ޑިވެލޮޕް ކުރަން ދެނީ 65،000 އަކަ ފޫޓުގެ ބިމެވެ.

އެ ޕްރޮޕަޓީގައި ރީޓެއިލް ފިހާރަތައް، ކެފޭ ރެސްޓޯރަންޓްތައް، ސުޕަމާކެޓާއި ޑިޕާޓްމެންޓް ސްޓޯރް، އޮފީސް ހިންގާނެ ޖާގަތައް، ކޮންފަރަންސާއި ޖަލްސާ ބާއްވާނެ ތަންތަނާޢި އޮޑިޓޯރިއަމްތައް، ރިކްރިއޭޝަނަށާއި މުނިފޫހިފިލުވާ ތަންތަން ހިމެނެން ޖެހެ އެވެ.

މިނިސްޓްރީން ބުނާ ގޮތުގައި، މި އިމާރާތް އެޅޭނެ އެންމެ އުސް މިނަކީ 60 މީޓަރެވެ. އަދި އިމާރާތުގެ އެންމެ ގްރައުންޑް ފްލޯއިން ދެވަނަ ފްލޯއާ ހަމައަށް ހުންނަން ޖެހޭނީ ކުޅިވަރާއި ރެކްރިއޭޝާން ޒޯނެއް ކަމަށާއި، އެހެން ފްލޯތަކުގައި އިމާރާތުގައި ހުންނަން ޖެހޭ އެހެނިހެން ފެސިލިޓީސް ހުންނަން ޖެހޭނެ އެވެ.

މީގެ އިތުރުން، މި މަޝްރޫއު ނަގާ ފަރާތުން އަޅާ އިމާރާތުގައި، އެފަރާތުން ބޭނުންވާ ނަމަ ސިޓީ ހޮޓަލެއް ނުވަތަ ލަގްޒަރީ އެޕާޓްމެންޓުތަކެއް އަޅައި، އެތަނުގެ ފައިދާ ވެސް ހޯދާނެ ކަމަށް ފިނޭންސުން ބުނެ އެވެ. މި ކަމަށް އެ އިމާރާތުގެ ފްލޯ އޭރިއާގެ 30 ޕަސަންޓުގެ ބޭނުން ކުރެވޭނެ އެވެ.

"މީގެ މަގްސަދަކީ މާލެއަށް ޒަމާނީ، އަދި ދުނިޔޭގެ ފެންވަރުގެ ރީޓެއިލް ޝޮޕިންގް ފެސިލިޓީއެއް ހަދައިދީ، އެމީހުންގެ އެފަދަ ބޭނުންތައް ފުއްދައިދިނުން،" އެ ޑޮކިއުމެންޓުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް