ދިވެހި ކަރަ އާއި ބިދޭސީ ކަރާގެ ހަނގުރާމަ!

ބާޒާރުގައި ކަރާ ވިއްކަން ބަހައްޓާފައި --- ސަން ފައިލް ފޮޓޯ

މި އަހަރުގެ ރޯދަމަސް ފެށިގެން ދުވަސްތައް ގުނަމުން އަންނަ އިރު، ބާޒާރުމަތީގައި އެންމެ ފޯރިގަދަކޮށް ދެކެވޭ އެއް ވާހަކައަކީ ކަރާގެ އަގު ބޮޑު ވާހަކަ އެވެ. ރޯދަމަހުގެ ރަސް ބުއިމަކީ ކަރާ ކަމުގައި ވިޔަސް، ކަރާފަނި ބޮވޭވަރަށް ވުރެ ކަރާގެ އަގު ބޮޑުވުމުން ގިނަބަޔަކު ތިބީ މާޔޫސްވެފަ އެވެ. ގިނަ ބައެއްގެ އެ މާޔޫސްކަން ފިލުވާލައިދިނީ ބިދޭސީ ގައުމުތަކުން ރާއްޖޭގެ ބާޒާރަށް "ފުންމާލި" "ބިދޭސީ ކަރާ"ތަކެވެ. އެއާ އެކު މިއަދު ބާޒާރުގައި ބިދޭސީ ކަރަ އާއި ދިވެހި ކަރާގެ ހަނގުރާމަ މިވަނީ ހޫނުވެފަ އެވެ.

މި ރޯދަމަސް ފެށިގެން އައީ ކަރާގެ އަގު ބޮޑުކޮށް ނަމަވެސް، މިހާރު މިވަނީ "ކަރާފަނި ބޮވޭވަރަށް" ކަރާގެ އަގު ހެޔޮވެފަ އެވެ. ޖަޕާނާއި އިންޑިއާ އިން ގިނަ ކަރާތަކެއް މިވަނީ ބާޒާރުގައި ވަކި ހިއްޕާލައިފަ އެވެ. ނަމަވެސް ދިވެހި ދަނޑުތަކުން ނެރުނު ކަރާތައް ވަކި ދުލެއް ނުކުރެ އެވެ. ގިނަ ދިވެހިންނަށް ކަމުދަނީ ވެސް އަދިވެސް ދިވެހި ކަރާތަކެވެ.

މިއަދު ބާޒާރުގައި ކަރާގެ އަގުތަކަށް ބަލާ އިރު، ދިވެހި ދަނޑުތަކުން ބާޒާރަށް ގެނެސްފައި ހުރި ކަރާތައް އަގު ބޮޑެވެ. ޖަޕާނު އަދި އިންޑިއާ އިން އައިސްތިބި ކަރާތައް އަގުހެވެ. އެގޮތުން މިއަދު ކަރާގެ އަގު އުޅެނީ 25 އާއި 40 ރުފިޔާއާ ދެމެދުގެ އަގެއްގައި ކިލޯއެއްގެ ރޭޓުންނެވެ. އިންޑިއާ އަދި ޖަޕާނުން ގެނެސްފައި ހުރި ބިދޭސީ ކަރާތައް އާންމުކޮށް ވިއްކަނީ 25 ރުފިޔާ އަށް ކިލޯއެކެވެ.

ބިދޭސީ ކަރާތައް އަގު ހެޔޮ ނަމަވެސް، ބާޒާރުގައި ވިޔަފާރިކުރަން ގޮސްތިބި ބައެއް އާންމުން ބުނީ ދިވެހި ކަރާ ނޫނީ ގަންނަން ބޭނުން ނުވާ ކަމަށެވެ."ދިވެހި ކަރާ ދެއްތޯ ގަނެވޭނީ. ރަހަމީރު ވެފައި ތާޒާވީމަ ބޮޑަށް މި [ދިވެހި ކަރާ] ކަމުދަނީ،" ބާޒާރުގައި ހުރި އަންހެން ކަނބަލަކު ބުންޏެވެ.

އެހެން އަހަރުތަކުގައި އާންމުކޮށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން މާލޭގެ ބާޒާރަށް ގެންނަ ކަރާ ވިއްކަނީ އެންމެ ބޮޑުކޮށް ވެސް 20 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގައި ކިލޯއެކެވެ. ނަމަވެސް މި އަހަރު ދިވެހި ކަރާގެ އަގު ހެޔޮނުވެގެން އުޅެނީ ކީއްވެތޯ ބައެއް ވިޔަފާރިވެރިންނާ ސުވާލުކޮށްލުމުން ބުނީ، ރާއްޖޭގެ ރަށްރަށުން ކަރާ ގެންނަ އަދަދު މިއަހަރު ރޯދައިގެ ފުރަތަމަ ހަފްތާގައި ނިސްބަތުން މަދު ކަމަށެވެ.

އެގޮތުން ގިނަ ވިޔަފާރިވެރިން ފާހަގަކުރަނީ ކަރާގެ ވެރިރަށް، ތޮއްޑޫ އިން މިއަހަރު ބާޒާރަށް ގެނައި ކަރާ މަދުކަމެވެ. އެކަމާ ގުޅިގެން ތޮއްޑޫގެ ބައެއް ދަނޑުވެރިން ބުނީ، އެހެން އަހަރުތަކާ އަޅާ ބަލާ އިރު މި އަހަރު އެ ރަށު ދަނޑުތަކުގައި ކަރާ ދޮންވީ ލަހުން ކަމަށެވެ. އެހެންކަމުން ބާޒާރަށް ކަރާ ގެނެވޭ އަދަދު މަދުކަމަށް ތޮއްޑޫގެ ދަނޑުވެރިން ބުންޏެވެ.

"ރޯދައިގެ މެދެއްހާ ހިސާބުގައި ދިވެހި ކަރާގެ އަގުވެސް ވެއްޓޭނެ. އެއީ އެހިސާބުގައި ތޮއްޑޫ އިން ގިނަ ކަރާ ގެންނާނެ މާލެއަށް، މިހާރު އެދަނީ އެމީހުން ގެންނަ އަދަދު އިތުރުވަމުން. އެހެންވީމަ އަގުވެސް އެބަ ދަށްވޭ. ކާށިދޫއާ، ގޮއިދޫ އިން ވެސް މިހާރު އެބަގެނޭ ކަރާ. އެހެންވީމަ ކުރިއަށްއޮތްތާ ކަރާގެ އަގު ދަށްވާނެ،" ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުންޏެވެ.

ކޮންމެއަކަށް ދަނޑުވެރި ރަށްރަށުން ކަރާގެންނަ އަދަދު މިދަނީ އިތުރުވަމުންނެވެ. އެހެންކަމުން ކަރާގެ އަގު ދަށްވާނެކަމުގެ އުފާވެރި ހަބަރު ދިވެހި ވިޔަފާރިވެރިން މިވަނީ ދީފަ އެވެ.

comment ކޮމެންޓް