ހިޓްލަރުގެ 'މައިން ކަމްފް'ގެ މަގުބޫލުކަން ކުއްލިއަކަށް އިތުރުވެއްޖެ

އެޑޮލްފް ހިޓްލަރު އޭނާގެ ހަޔާތާއި ސިޔާސީ ހިޔާލުތަކާ ބެހޭ ގޮތުން ލިޔެފައިވާ މައިން ކަމްފް --

ތާރީހުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އިންސާނީ ޖަރީމާތައް ހިންގާފައިވާ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހަތުގައި އެންމެ އިސްކޮށް އުޅުނު އެޑޮލްފް ހިޓްލަރު ވަނީ އޭނާގެ ހަޔާތާއި އޭނަގެ ސިޔާސީ ހިޔާލުތަކާ ބެހޭ ގޮތުން 'މައިން ކަމްފް'ގެ ނަމުގައި ފޮތެއް ލިޔެފަ އެވެ. ހިޓްލަރު މަރުވިތާ 70 އަހަރުވީ ފަހުން އޭނާގެ ފޮތުގެ މަގުބޫލުކަން މިހާރު ވަނީ ކުއްލިއަކަށް އިތުރުވެފަ އެވެ.

'މައިން ކަމްފް' ނުވަތަ އިނގިރޭސިން 'މައި ސްޓްރަގުލް'ގެ ނަން ދީފައިވާ އެފޮތަކީ ޖަރުމަނުގެ ކޮޕީރައިޓް ގާނޫނުގެ ދަށުން މީގެ ކުރިން އެއްވެސް ގައުމެއްގައި ޗާޕު ކުރުން މަނާ ފޮތެކެވެ. ނަމަވެސް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ފޮތް ޗާޕު ކުރުމާއި ވިއްކުން ވަނީ ހުއްދަކޮށްފަ އެވެ.

ނަމަވެސް، ޖަރުމަނުގައި ވިއްކަމުން ދަނީ އޭގެ އެޑިޓެޑް ވާޝަން އެކަންޏެވެ. އޭގައި ހިޓްލަރުގެ ހިޔާލުތަކުގައިވާ އުނިކަންތަކާއި ހަދާފައިވާ ދޮގުތައް ފާހަގަކޮށްފައިވެ އެވެ. އެފޮތް ވިއްކުމާ ބެހޭ ގޮތުން އެކި މީހުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.

އެފޮތް ވިއްކުމާ ދެއްކޮޅަށް އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައި ވަނީ ހިޓްލަރުގެ ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވި ޔަހޫދީންނެވެ. އިޓަލީގެ ނޫހަކުން އެފޮތްތައް ބަހަން ފެށުމާ ގުޅިގެން އިޓަލީގެ ޔޫނިއަން އޮފް އިޓާލިއަން ޖިއުވިޝް ކޮމިއުނިޓީސްގެ ރައީސް ވަނީ އެއީ "ގަބޫލު ކުރެވޭނެ ކަމެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ. އަދި ލައިބްރަރީ ހިސްޓޯރިއަންއެއް ކަމަށްވާ ފްލޯރިއަން ސެޕް ވަނީ މައިން ކަމްފް އަކީ "އާއްމުންނަށް ވިއްކުން ވަރަށް ނުރައްކާތެރި" ފޮތެއް ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، މައިން ކަމްފް ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭ ގޮތަށް ހެދުމަކީ ހިޓްލަރު ހިންގާފައިވާ ޖަރީމާތައް އިޔާދަވުން ހުއްޓުވުމަށް އެޅަންވީ ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ.

"[މައިން ކަމްފް] ވިއްކުމުގެ އަސްލު އަދި ހަމައެކަނި މަގުސަދަކީ ނުބައި ކަންތައްތައް ތަކުރާރު ވުން ހުއްޓުވުމަށް ޓަކައި އެފަދަ ކަންތައްތައް ދިމާވެދާނެ އާގޮތްތައް ދިރާސާ ކުރުން،" މައިން ކަމްފް ވިއްކަން ފަށާފައިވާ އިލް ޖޮނާލޭގެ އެޑިޓޯރިއަލްގައިވެ އެވެ.

comment ކޮމެންޓް