ކަނޑުމަހާއި ކަންނެލީގެ އަގު އުފުލިއްޖެ

މަސްމާރުކޭޓުގައި މަސްވެރިއަކު މަހެއް ކިރަނީ: ދެތިން ދުވަސްކުރިން ހުރި އަގުތަކަށް ވުރެ މިހާރު މަހުގެ ބާވަތްތަކުގެ އަގު ބޮޑު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިކަން ދަށްވެ، ބަދިގޭގައި އާންމުކޮށް ކައްކަން ބޭނުންކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން ކަނޑުމަސް އަދި ކަންނެލީގެ އަގު އުފުލިއްޖެ އެވެ.

މީގެ ދެތިން ދުވަސް ކުރިން މަސްމާރުކޭޓުގައި މަސް ވިއްކަމުން އައީ އެހެން އަހަރުތަކުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްތަކާ އަޅާ ބަލާއިރު ދަށް އަގެއްގަ އެވެ. ނަމަވެސް މިހާރު އަގުތައް ވަނީ މައްޗަށް ޖެހިލައިފަ އެވެ.

މަހުގެ އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް ދެ ފޫޓު ހަމަވާވަރުގެ ކަޅުބިލަމަސް ނުވަތަ ކަނޑުމަސް ވިއްކަނީ ކިލޯއެއް 80 ރުފިޔާ އާއި 180 ދެމެދުގެ އަގުތަކެއްގަ އެވެ.

އައިސްކޮށްފައި ހުރި ކަނޑުމަހެއް 80 ރުފިޔާ އާއި 180 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކިލޯ ހުރި އިރު އެއީ ގާތްގަނޑަކަށް އެއްފޫޓާ ބައި ހުންނަ ވަރުގެ މަހެވެ. ގާތްގަނޑަކަށް ދެފޫޓު ހަމަވާވަރުގެ ތާޒާ ކަނޑުމަސް ވިއްކަނީ މަހެއް 250 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

ކަންނެލިމަހަށް ބަލާ އިރު ގިނައީ ގާތްގަނޑަކަށް ދެ ފޫޓު ހުންނަ ވަރުގެ މަހެވެ. އެއިން ކަންނެއްޔެއް 40 ރުފިޔާ އާއި 75 ރުފިޔާއާ ދެމެދުގެ އަގެއްގައި ކިލޯއެއް ވިއްކާ އިރު، ކަންނެއްޔެއް ހަބަޔަށް ފަޅާފައި ފަޅިއެއް ވިއްކަނީ 50 ރުފިޔާއަށެވެ.

މަސްމާރުކޭޓުގައި މަސް ވިއްކަން ތިބި ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން ބުނީ، މާލެއިން މަސްވިއްކާ އަގު އުފުލެނީ މާލެ ކައިރި ސަރަހައްދުގައި މަސްވެރިކަން ދަށްވުމުން ކަމަށެވެ.

"މިހާރު މަސް މި ބާނަނީ ވަރަށް ދުރުން. ގާތްގަނޑަކަށް ތ. އަތޮޅު ހިސާބުގައި އެންމެ މަސްވެރިކަން ރަނގަޅީ މިހާރު. އެހިސާބުން ވެސް މަސްވެރިކަން އެންމެ އެކަށީގެންވާ ވަރަކަށް ރަނގަޅެއް ނޫން. އެހެންވީމާ އެހާ ދުރުން މަސް ބާނައިގެން މިހިސާބަށް ގެނެސްގެން މި އަގުގަ ވިއްކޭނީ،" މަސްމާރުކޭޓުގައި ހުރި މަސްވެރިއަކު ބުންޏެވެ.

ފަރުމަހުގެ ބާވަތްތަކަށް ބަލާ އިރު، ފަރުމަސް މާރުކޭޓުގައި މަދެވެ. ރަތްމަސް ވިއްކަން ނެތްއިރު، ފޫޓެއް ވެސް ހަމަ ނުވާވަރުގެ ގިނިމަހެއް ވިއްކަނީ 70 ރުފިޔާ އަށެވެ. ފޫޓެއް ހުންނަ ވަރުގެ ހަންޖެއް 150 އަށް ވިއްކާއިރު، ބޯވައެއް ވިއްކަނީ 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

ރެހި ޖޯޑެއް 15 ރުފިޔާއަށް ވިއްކާ އިރު، މުށިމަހެއް ވިއްކަނީ 10 ރުފިޔާއަށް މަހެކެވެ.

comment ކޮމެންޓް