މޮޅީ ގޯލަށް އެކަންޏެއް ނޫން، ކަނޑަށްވެސް މިވަރެއް ނެތް!

އިމްރާން ސަން އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ދިވެހިންގެ ފަހުރު ކަމުގައި އެންމެން ވެސް ގަބޫލު ކުރާ ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލުން، އިމްރާން މުހައްމަދު (އިންމަ) ފެންނަތާ މިހާރު 16 އަހަރުވީ އެވެ. އެވަރުގެ އިތުބާރު ކުރެވޭ ދެ ވަނަ ކީޕަރެއް މިވަގުތު ރާއްޖޭގައި ނެތެވެ. ގޯލަށް ވަންނަން އަންނަ ގިނަ ބޯޅަތައް އެހެރަ މަތަކޮށްލަނީ ފިސާރި މޮޅަށެވެ. ބައެއް ފަހަރު "ތަތް ކުރަންޏާ ޑަންލޮޕް" އޭ ބުނެ އަތުގައި ޑަންލޮޕް ލައިގެން އުޅޭހެން ވެސް ހީވެ އެވެ.

ހަމަގައިމު ވެސް މަހިބަދޫއަށް އުފަން، އުމުރުން 35 އަހަރުގެ އިމްރާނުގެ ފުޓުބޯޅަ ކުޅުމުގެ ހުނަރު، ވަކިން ހާއްސަކޮށް ގޯލު ބެލެހެއްޓުމުގެ ހުނަރު އެންމެނަށްވެސް ވަނީ ފެނިފައެވެ. ތައުރީފު ކުރެވިފައެވެ.

ރާއްޖެ އަދި އިންޑިއާ ވާދަކުރި މެޗެއްގައި އިމްރާނު ހަމަލާއެއް ދިފާއު ކުރަނީ --- ފޮޓޯ: އިންސްޓަގްރާމް

ނަމަވެސް މިފަހަރު ދައްކަން މި އުޅެނީ އިންޓަހައުސް މުބާރާތުގައި ފޯވާޑަކަށް ކުޅެމުން ދަނިކޮށް އެ ޓީމުގެ ކީޕަރަށް އަނިޔާވުމުން ކީޕަރަކަށް ކުޅެން ފެށި ގޮތަށް، އެ ގޯލުން ނުކުންނަން ބޭނުން ނުވި އިމްރާނުގެ ވާހަކަ އެއް ނޫނެވެ. މިއީ ގިނަ ބަޔަކަށް ނޭނގޭ ވާހަކައަކަށް ވެދާނެ އެވެ. ދިވެހި އެއް ނަންބަރު ކީޕަރަކީ މޮޅު މަސްވެރިއެއް ވެސް މެ އެވެ. މަސްވެރި އިމްރާނުގެ ވާހަކަ ފަށަމާ ހިނގާށެވެ.

ބައްޕަގެ ފިޔަވަޅު ބަލައިގެން ވެސް މަހަށް ދިޔަ

އިމްރާނުގެ އާއިލާ އަކީ މަސްވެރި އާއިލާ އެކެވެ. އެހެންކަމުން މަސްވެރިކަމަށް އިމްރާނުގެ ހިތުގައި އަބަދުވެސް ޝައުގުވެރިކަން ހުއްޓެވެ. އަދި މަސްވެރިކަމުގެ ތެރޭގައި ނޫޅޭ ހަނދާނެއް ނުވެ އެވެ.

އިމްރާނު: ކަނޑާއި މޫދު އަދު މަސްވެރިކަމަކީ އިމްރާނުގެ ހަޔާތުގެ ބޮޑު ބައެއް

އިމްރާން ވަރަށް ކުޑަ އިރުން ފެށިގެންވެސް އިމްރާނުގެ ބައްޕަ ވަނީ މަސްވެރިކަމުގައި އޭނާ ބައިވެރިކޮށްފައެވެ. އެގޮތުން ސްކޫލު ބަންދު ދުވަސްތަކުގައި ބައްޕަގެ ދޯނީގައި ބައްޕަ އާއެކު މަހަށް ގޮސް އުޅުނެވެ. ދޯނީގައި މަހަށް ނުދެވޭ ނަމަ، ދޮށި ހިފައިގެން އަތިރިމަތީގައި ވެސް މަސް ބާނައި އުޅުނެވެ.

"ބައެއް ދުވަސް ދުވަހު ފަތިހު ބައްޕަ މަހަށް ދާން ނުކުތީމަ މަހަށް ދާ ހިތުން ބައްޕަ ގެ ފިޔަވަޅު ބަލައިގެން މަޑުމަޑުން ދޯންޏާ ދިމާލަށް ދަން،" އަބަދުވެސް މަސްވެރިކަމަށް ޝައުގުވެރިކަން ހުރި އިމްރާނު ބުންޏެވެ.

ބާލިދީ ގަނޑަކާ އެކު ކަނޑަށްވެސް ވެއްޓުނު

އެއީ އޭނާގެ އުމުރުން ގާތްގަނޑަކަށް 13 ވަރަކަށް އަހަރުގައެވެ. ބައްޕައާ އަދިވެސް އިތުރު ބަޔަކާ އެކު މަހަށް ނުކުތް އިރު އެއީ އޭނާގެ ހަޔާތުގައި އަންނާނެ ހަނދާނުން ފޮހެނުލެވޭ ވަރުގެ ދުވަހަކަށް ވާނެ ކަމެއް ނޭނގެ އެވެ.

ކޮންމެއަކަސް ބައްޕަ އާއެކު އެން ދަމަން ނުކުމެއްޖެ އެވެ. އެ ދުވަހު އެން ނަގަން ބައްޕަ ހަވާލު ކުރީ އޭނާ އާއެވެ. ވަރަށް ފޯރީގައި ބައްޕަ ދިން ބާލިދީ ގަނޑު ހިފައިގެން ގޮސް ބާލިދީ ޖަހައިފި އެވެ. ހަމަ ޖެހިތަނާ ބާލިދީ އާއެކު އިމްރާން ވެއްޓުނީ ކަނޑަށެވެ.

އިމްރާން މަސް ބާނަނީ: އެއީ އެންމެ ކުޑައިރުން ފެށިގެންވެސް ބޮޑު ޝައުގުވެރިކަމަކާ އެކު ކުރި މަސައްކަތެއް ---

"ވަގުތުން ބައްޕަ ފުންމާލައިފި ފަހަތުން. ފުންމާލައިގެން ނެގީ. ވަރަށް ބިރު ގަތް ދުވަހެއް އެއީ. ދުވަހަކުވެސް ހަނދާނުން ނުފިލާނެ. ނެގި އިރު އިނީ ކަނބިއްޔެއް ހެން. ވަރަށް ހަނދާން ހުރޭ ކަނޑަށް ވެއްޓުނު ދުވަސް،" ހިނގަނޑެއް ޖަހާލާފައި އިމްރާން ބުންޏެވެ.

މަސްވެރިކަމަކީ މެޗެއް ކުޅުމަށް ވުރެ އުނދަގޫ ކަމެއް

އިމްރާނު ބުނި ގޮތުން މަސްވެރިކަމުގައި އޭނާއަށް ވަރަށް ގިނަ ތަޖުރިބާތަކެއް ވަނީ ކުރެވިފައެވެ. އިމްރާން ވަނީ ކަންނެލި މަސްވެރިކަމާއި، ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރުން ދޮށީގެ މަސްވެރިކަމުގައިވެސް އުޅެފައެވެ.

ނަމަވެސް ފުރަތަމަ ފަހަރަށް ކަންނެއްޏެއް ބޭނުނު ދުވަހަކީ އޭނާ އަށް މުޅިން ތަފާތު ތަޖުރިބާ އެކެވެ. އިމްރާނަށް އެ ދުވަހު ވަނީ 70 ކިލޯގެ ބޮޑު ކަންނެއްޔެއް ބޭނިފައެވެ.

އިމްރާން މަސް ބާނަނީ: އަމަލީ ގޮތުން މަސްވެރިކަމުގައި އުޅުން ހުއްޓާލީ ކެރިއަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅެން ފެށި ހިސާބުން ---

"އެދުވަހު ހިތަށް އެރި މިއީ ވާވަރު ކަމެއް ނޫނޭ. ބޮޑު މަޗެއް ކުޅުމަށް ވުރެ ވަރުބަލި ވެއްޖޭ. އެންމެ މަހެއް ބޭނުނު އިރު ވީ ވަރު އެއީ،" އިމްރާނު ބުންޏެވެ.

މަސްވެރިކަމާ ދުރުވީ ގައުމީ ޓީމަށް ރަސްމީކޮށް ކުޅެން ފެށި ހިސާބުން

މަހިބަދޫ ޓީމުގައި ހުރެގެން ދައްކުވަދިން މޮޅު ހުނަރުގެ ސަބަބުން ގައުމީ ޓީމަށް އޭނާ ނުގެންދިޔަ ނަމަ މިއަދު މަސް ދޯންޏެއްގެ ކައްޕި އެއްގެ ގޮތުގައިވެސް އިމްރާނު ފެނުން ގާތެވެ.

އެންމެ ކުޑަ އިރުން ފެށިގެންވެސް، މަސްވެރިކަމާ ކަނޑު މައްޗަށް ފަރިތަ އިމްރާނު، މިހާރު އަމަލީ ގޮތުން މަސްވެރިކަމުގައި ނޫޅުނު ނަމަވެސް އަދިވެސް އެއީ ހަމަ މަސްވެރި އެކެވެ. ކެރިއަރެއްގެ ގޮތުގައި ފުޓުބޯޅަ ކުޅެން ފެށުމާ އެކު، އެންމެ ކުޑަ އިރު ކޮނޑުގައި އަޅައިގެން އުޅުނު ދޮށި ބޭއްވުމަށް ފަހު އަތަށް ހެޔޮވަރު އަންގި އެއް ލައްވައި ގޯލަށް އެރި ނަމަވެސް، އޭނާގެ ބައްޕަގެ ދޯނީގެ ކަންކަން ބަރާބަރަށް ބަލަ އެވެ. މާލޭގައި ހުރެގެން ކުރަން ޖެހޭ ދޯނީގެ ހުރިހާ ކަމެއް ނިންމަނީ އޭނާ އެވެ.

އިމްރާންގެ އާއިލާ އިން ދުއްވާ ކަންނެލި ދޯނި، "އަސުރުމާ 2" -- ފޮޓޯ: އިމްރާން (އިންސްޓަގްރާމް)

ބައްޕަގެ ދޯނި ދުއްވައި، އާއިލީ މަސައްކަތުގައި އަމަލީ ގޮތުން އޭނާގެ ބޭބެ މެން ހަރަކާތްތެރިވި ނަމަވެސް، އިމްރާނަކީ ވެސް އެ މަސައްކަތުގައި މުހިންމު ހިއްސާ އެކެވެ.

އިމްރާނުގެ ފުޓުބޯޅަ ކެރިއަރާ އެހެން ހުރިހާ ކަމެއްގައިވެސް ކާމިޔާބު ކަމާއެކު ފައިތިލަ ސާބިތުކޮށްލެވެނީ، އޭނާ ބުނާ ގޮތުގައި ދެގޮތެއް ނުވާ ލޯބިވާ އަނބިމީހާގެ ސަބަބުންނެވެ. އިމްރާނު ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި އޭނާގެ އަނބިމީހާ ހުންނަ އިރު، އިމްރާނަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ އެންމެ ބޮޑު ހައްގުވެރިޔަކީ ވެސް އަނބިމީހާ ކަމުގައި އިމްރާނު ގަބޫލު ކުރެ އެވެ.

އިމްރާން އާއި އޭނާގެ އަންހެނުން އަދި ދެ ކުދިން -- ފޮޓޯ: އިމްރާން

ރަށުގައި ފައި ޖެހުމަކާ އެކު އަނެއްކާވެސް ކަނޑުމައްޗަށް

ލިބޭ ޗުއްޓީތަކުގައި ރަށަށް ޖައްސާލުމުން އިމްރާނަށް ލިބޭ އެންމެ ބޮޑު އުފަލަކީ، އެންމެ ކުރާހިތުން ކުރި މަސައްކަތުގައި އުޅެލުމުގެ ފުރުސަތު ލިބުމެވެ. ރަށަށް އެރުމާ އެކު ދެ އީދު އެއްފަހަރާ އައީ އެވެ. ފަސްގަނޑުގައި ހުންނަ ވަގުތަށް ވުރެ ގިނަ ވާނީ މަހަށް ނުކުމެ ކަނޑުމަތީގައި އުޅޭ ވަގުތެވެ.

"ބައެއް ދުވަސް ދުވަހު އެބަ ދަން ތިން ފަހަރު ވެސް. ރަށަށް އަރާ އިރަށް ރަށްޓެހިން ވެސް ބުނާނެ ކަންތަކާ ލައިގަތީ އޭ މި،" ބޮޑު ހިނިތުންވުމަކާ އެކު އިމްރާނު ބުންޏެވެ.

އިމްރާން އޭނަގެ ކުޑަ ދަރިފުޅާ އެކު -- ސަން ފޮޓޯ: އަހުމަދު ޝަރުވާން

އުމުރުން 19 އަހަރުގައި ފުޓުބޯޅަ ކުޅެން މާލެ އައީ ގަލޮޅު ފުޓުބޯޅަ ދަނޑުގައި ފައި ޖައްސާލުމުގެ ޝަރަފު ހޯދާލުމަށެވެ. ނަމަވެސް ދަނޑުގައި ފައި ޖެއްސި ގޮތަށް، އަދިވެސް ފައި ނައްޓާލަން ބޭނުން ނުވެ އިމްރާނު އެ ހުރީ ގައުމީ ވަރުގަދަ ޒިންމާއެއް ބޮލުގައި އަޅައިގެންނެވެ. އިމްރާނު މަސްވެރިޔަކަށް ނުވީތީ ދިވެހިން އުފާކުރުމަކުން ވެސް އެކަމުގައި ގޯހެއް ނެތެވެ.

އިމްރާން ދިވެހި ޓީމަށް ކުޅެދިން އެންމެ ފުރަތަމަ ބައިނަލްއަގުވާމީ މެޗުގެ ތެރެއިން --- ފޮޓޯ: އިމްރާން

އިމްރާނަކީ ހަމަ ކޮންމެ ކަނޑަކަށް ވެސް ހެޔޮވަރު އޮޑިއެކެވެ. ނަމަވެސް ދިވެހިން އެންމެ ބޭނުންވަނީ ގައުމީ ޓީމުގެ ގޯލުގައި އިމްރާނު ހުންނަން ކަމާ މެދު ޝައްކެއް ނެތެވެ.

comment ކޮމެންޓް