ކަރާ ފަނި ބޮވޭވަރަށް ވުރެ ކަރާގެ އަގުބޮޑު!

ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި ކަރާތަކެއް ---- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

މިދިޔަ ރޯދަ މަހާ އަޅާބަލާ އިރު މިރޯދަ މަހު ކަރާ ކިލޯއެއްގެ އަގު 150 ޕަސެންޓް އަގު މައްޗަށް ގޮސްފި އެވެ.

ދަތުރުވެރިންގެ މާކެޓުގައި މިއަދު ކަރާކިލޯއެއް ވިއްކަމުން ދަނީ 40 ރުފިޔާ އަށެވެ. މިދިޔަ އަހަރު ރޯދަ ފެށުނު އިރު ކަރާ ކިލޯއެއް 16 ރުފިޔާއަށް ވިއްކި އެވެ.

އެމާކެޓުގެ ވިޔަފާރިޔަކު ބުނީ ކަރާގެ އަގު ބޮޑުވީ ކަރާ މަދުވުމުން ކަމަށެވެ. މިވަގުތު ބާޒާރުގައި ގިނައިން ހުރީ އއ. ތޮއްޑޫ ކަރައާއި ތ.ކަނޑުދޫ ކަރަ އެވެ.

ރޯދަ މަހަށް އެންމެ ހާއްސަ މޭވާ ކަމަށްވާ ކަރާ މިފަހަރު މާލޭ ބާޒާރުގައި އަގު ބޮޑުވާނެ ކަމަށް ކަރާގެ މަރުކަޒީ ރަށް ކަމަށްވާ އއ. ތޮއްޑޫއިން ބުނެ އެވެ.

ތޮއްޑޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިފަހަރު އެއްފަހަރާ އެހާގިނަ ކަރާ ދޮން ނުވާތީ އެއްފަހަރާ ގިނަ ކަރާ އެ ރަށުން މާލޭ ބާޒާރަށް ގެނެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

"އަގުތައް އެކަށީގެންވޭ ތަންކޮޅެއް ބޮޑުވުން، އެއީ ހުރިހާ ދަނޑެއްގައި ފުރަތަމަ ވެސް އެހާވަރަށް [ކަރާ] ދޮންނުވުން، އެހެންވީމާ ކުރީ ފަހަރުތަކާ އެއްގޮތަށް މިފަހަރު އެއްފަހަރާ އެހާ ބައިވަރު [ކަރާ] ގެންދާނެ ކަމަށް ލަފާ ނުކުރެވޭ." ރަޝީދު ވިދާޅުވި އެވެ.

ރޯދަ ނިމެންދެން ވެސް މާލޭ ބާޒާރުން ކަރާ ލިބޭނެ ކަމަށް ދަނޑުވެރިން ބުނާ އިރު ކަރާގެ އަގު ދަށަށް ދާނެ ކަމަކަށް ލަފައެއްނުކުރެވެ އެވެ.

comment ކޮމެންޓް