ތަފާތު ހުނަރެއް: ރައްޓެހިން ބުނަނީ މިއީ ކުޅިވަރުގެ އެންސައިކްލޮޕީޑިއާ ކަމަށް!

މުހައްމަދު ޙުސައިން ޝަރީފް ސަންއަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ސަރުކާރަށް ޚިދުމަތްކުރައްވަން ފެއްޓެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދެން ދިވެހި ސަރުކާރުގެ އެކި މަގާމުތަކުން، ސިޔާސީ މަސައްކަތުން ގޮސް އެންމެ ފަހުން މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. ސިޔާސީ ޝަޚުސިއްޔަތެކެވެ. ޒުވާނުންނާ ގުޅޭ، ޒުވާންކަން އަބަދުމެ ފެންނަމުންދާ ބޭފުޅެކެވެ. ނަމަވެސް މި ބޭފުޅަކީ ހަމައެކަނި "ކުރީގެ މިނިސްޓަރެކޭ" ނުވަތަ ސިޔާސީ ބޭފުޅެކޭ ހީކޮށްފި ނަމަ އެއީ ވަރަށް ބޮޑު ކުށް ހީ އެކެވެ.

"ވަކި ކުޅިވަރެއް ނޫން އިނގޭތޯ. އަޅުގަނޑަށް ބައެއް ރައްޓެހިން ކިޔާނެ ކުޅިވަރުގެ އެންސައިކްލޮޕީޑިއާ އެކޭ ވެސް. އެއީ ފުޓުބޯޅަ، ޓެނިސް، ބާސްކެޓް، ނެޓްބޯލް، ކްރިކެޓް، މޯޓާ ރޭސިންގް، މިހެން ގޮސް ރާއްޖޭގައި ނުކުޅޭ ކުޅިވަރުތައް ވެސް ބަލަން. މި ހަފްތާ ތެރޭގައި އެންބީއޭ ޕްލޭއޮފްސް އެބަ ކުޅޭ. އެމެރިކާގައި ކުޅޭ އެއްޗެއް ވީމަ ރާއްޖެއަށް ފަތިހު މި ފެންނަނީ. އަޅުގަނޑު ހޭލާ ހުރެގެން އެ ވެސް އެބަ ބަލަން،" މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ވާހަކައެވެ.

މުންދު އަދި އަލީ ސުޒައިން ސްޕޯޓްސް ކްލަބް އެލީޓްގައި ކްރިކެޓް ކުޅުއްވި އިރު 2001 ވަނަ އަހަރު އެ ކްލަބުން ޗެމްޕިއަންކަން ހޯއްދެވި -- ފޮޓޯ/އިންސްޓަގްރާމް

މުންދު އަކީ ކުޅިވަރުގެ ބޭފުޅެކެވެ. ކުޅިވަރު އޭނާގެ ލޭގައި ހިނގައެވެ. ވަކި ކަހަލަ ކުޅިވަރެއް ނޫނެވެ. ހުރިހާ ކުޅިވަރެއްގައި ވެސް މުންދު ބައިވެރިވެފައި ވެއެވެ.

މުންދުގެ ކުޅިވަރު ހަޔާތް އެންމެ ފުރަތަމަ ފެށުނީ، އޭނާ ކުޑައިރުއެވެ. ރާއްޖެއަކީ ފުޓުބޯޅައަށް ފޯރި ހުރި ގައުމެއް ނަމަވެސް، ދިވެހީން ތައުލީމު ހާސިލުކުރުމަށް އެންމެ ގިނައިން ދާ ސްރީލަންކާއަކީ ކްރިކެޓުގެ ގައުމެކެވެ. އެހެންކަމުން، މުންދު ވެސް ސްރީލަންކާއަށް ކިޔަވާ ވިދާޅުވުމަށް ވަޑައިގެންނެވި އިރު، ފުޓުބޯޅަ ކުޅެވޭނެ ގޮތެއް ނެތެވެ.

"އަޅުގަނޑު ފުޓުބޯޅައަށް ފޯރި ހުންނަ ވަރުން، ކުޅެން 11 މީހުން ހަމަކުރާނެ ގޮތެއް ނެތިގެން އަޅުގަނޑާ އެކު އުޅޭ ސިލޯނު ކުދިންނާ އަޅުގަނޑު ހެދީ ޑީލެއް. މި މީހުން ގިނައިން ކުޅެނީ ބާސްކެޓް ނޫނީ ކްރިކެޓް. އެ ޑީލަކީ، އަޅުގަނޑު ދާނަމޭ ކަލޭމެންނާ އެކު ކްރިކެޓު ކުޅެން. ކަލޭމެން ވެސް ވާނެއޭ އަޅުގަނޑާ އެކު ބުނާ ގަޑިއަކަށް ފުޓުބޯޅަ ކުޅެން އަންނަން. އަޅުގަނޑުމެންނާ އެކު ފުޓުބޯޅަ ކުޅޭ އިތުރު ދިވެއްސަކު ވެސް ހުންނާނެ. އެއީ މިހާރު ޗައިނާގައި ހުންނަވާ ސަފީރު ފައިސަލް،" އޭނާ ވިދާޅުވިއެވެ. މުންދު ވިދާޅުވީ، ފުޓުބޯޅަ ކުޅެވޭނެ އިތުރު ގޮތެއް ނެތުމުން އިތުރު ކުޅިވަރުތައް ވެސް ކުޅެން ޖެހުނީ ކަމަށެވެ.

ރަމަޒާން ކްރިކެޓް ކާނިވަލް 2014 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކްރިކެޓު ޓީމުގައި ބައިވެރިވެ، މުންދު އެ މުބާރާތް ކުޅުއްވި -- ފޮޓޯ/ އިންސްޓަގްރާމް

މުންދު ދެން ވަޑައިގަތީ އިނގިރޭސި ވިލާތަށް މަތީ ތައުލީމު ހާސިލު ކުރައްވާށެވެ. އެގައުމުގައި އެންމެ ގިނައިން ކުޅުއްވި ކުޅިވަރަކީ ކްރިކެޓާއި ސްނޫކާ އެވެ. ސްނޫކާއަކީ ބިލިއާޑް އަދި ޕޫލްއާ ވަރަށް އެއްގޮތްކޮށް ކުޅޭ ކުޅިވަރެކެވެ.

މިހެން ގޮސް، މުންދު ކިޔަވާ ވިދާޅުވުމަށް ފަހު ރާއްޖެ ވަޑައިގަތެވެ. އަދި 1999 ވަނަ އަހަރު ސަރުކާރުގެ ވަޒީފާއާ، ރައީސް އޮފީހާ ގުޅިވަޑައިގަތެވެ. ރައީސް އޮފީހުގައި، ތިމާވެއްޓާ ބެހޭ ކަންކަމުގެ ބަޔަށެވެ. އޭއީ މުންދު ކިޔަވާ ވިދާޅުވި އެއް ދާއިރާ އެވެ.

މީގެ ކުރިން ބޭއްވި އިންޓަ އޮފީސް ބިލިއާޑް މުބާރާތެއްގައި ރައީސް އޮފީހުގެ ޓީމު ތަމްސީލުކުރައްވައި، މުންދު ކުޅުއްވަނީ -- ފޮޓޯ/ ވަގުތު އޮންލައިން

ރައީސް އޮފީހުގައި މުންދު އެކި ވަޒީފާތައް އަދާ ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިތާބު ލިޔުއްވުމާއި، ސުނާމީއާ ގުޅިގެން އުފެއްދި ޓާސްކްފޯހުގެ ތަރުޖަމާނުކަމާއި، މިހެން ގޮސް އެންމެ ފަހުން ސަރުކާރުގެ ޒުވާނުންނާ ކުޅިވަރާ ބެހޭ ވަޒީރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ސަރުކާރުގައި 16 އަހަރު މަސައްކަތް ކުރެއްވި އިރު، މި ވީހާ ދުވަހު ކުޅިވަރާ ދުރަށް ވަޑައިގެންފައި ނުވެއެވެ. ރައީސް އޮފީހުގައި އިޖްތިމާއީ ކްލަބެއް އުފެއްދުމާ އެކު، އެ ކްލަބުގެ ރައީސްކަން ކުރެއްވީ މުންދު އެވެ. މުވައްޒަފުން ގޮވައިގެން ކުޅިވަރު ކުޅުއްވަން ވަޑައިގަންނަވަނީ މުންދު އެވެ. އޮފީސްތަކުގެ ޕޫލް ބިލިއާޑް މުބާރާތްތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމުގައި ވެސް މުންދު ކުޅުއްވި އެވެ.

މިވަގުތު ސަރުކާރުގެ ވަޒީފާއިން އެއްފަރާތުގައި ހުންނެވި މުންދު އަދިވެސް ކުރައްވަނީ ކުޅިވަރާއި ޒުވާނުންގެ މަސައްކަތެވެ. ރެޑް ލައިން ކްލަބް (އާރްއެލްސީ) ބާސްކެޓް ބޯޅަ ޓީމު ހިންގަވަނީ މުންދު އެވެ. އެ ޓީމުގެ ފަރިތަކުރުންތައް، މުންދު އެތަނުގައި ނެތް ނަމަ ކުރިޔަށް ނުދާނެ އެވެ. އެ ޓީމުގެ ކުޅުންތެރިން ވަޒީފާގައި އުޅޭތޯ ބައްލަވައި، ވަޒީފާގައި ނޫޅޭ ނަމަ ވަޒީފާ ހޯދައިދިނުމަށް މުންދު މަސައްކަތް ވެސް ކުރައްވައެވެ.

މުހައްމަދު ޙުސައިން ޝަރީފް އޭނާގެ ހަގު ދަރިފުޅާއެކު -- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ސިޔާސަތު ޑްރާފްޓު ކުރެއްވީ މުންދު އެވެ. މުންދު ވިދާޅުވި ގޮތުގައި، ޒުވާނުންނާ ކުޅިވަރާ ބެހޭ ސިޔާސަތުގެ މަސައްކަތެއް ތަންފީޒު ކުރެވޭ ޚަބަރު އިވޭ ކޮންމެ ފަހަރަކު، އޭނާގެ ހިތަށް ވެރިވާ އުފާވެރިކަމާއި ހިތްހަމަޖެހުން ބަޔާން ވެސް ނުކޮށްދެވެ އެވެ. ކުޅިވަރުގައި އެންމެ އުފާވި ދުވަހުގެ ގޮތުގައި މުންދު ސިފަކުރެއްވީ، ރާއްޖޭގެ ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް ސަރުކާރުން މުސާރަ ހަމަޖައްސައިދިން ދުވަހެވެ.

"އެދުވަހު ވަގުތީގޮތުން މިނިސްޓްރީއާ ހަވަލުވެ ހުރީ އަޅުގަނޑު. އެދުވަހު ރައީސް ވިދާޅުވި މުންދުއަކީ ރާއްޖޭގެ ކުޅިވަރުގެ ފާރަވެރިޔާއޭ. އޭގެ ފަހުން ސަމާސާއަށް އަޅުގަނޑުގެ ރައްޓެހިން ވެސް ފާރަވެރިއާއޭ ކިޔާ. ކުޑަކޮށް ހަރުވެސް ލައިފި. ވަރަށް އުފާވި. އެއީ މި މަސައްކަތް ކުރާނެ ބަޔަކަށް ލިބޭނެ އެއްޗަކީ. ކުޅިވަރާ ޒުވާނުންގެ ކަންތަކުގައި އުޅޭނެ މީހުންނަށް ލިބޭނެ ފައިސާއެއް ނޯންނާނެ. އަތުންދާ ޚަރަދު ދާނީ. އަޅުގަނޑުގެ ކްލަބެއް ގޮސް ފައިނަލަކުން ތައްޓެއް ހޯދުމަށް ވުރެ މާ އުފާވި ރައީސް އެހެން ވިދާޅުވީމާ،" މުންދު ވިދާޅުވި އެވެ.

މުންދު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމާ އެކު -- ފޮޓޯ/ އިންސްޓަގްރާމް

ޕީޕީއެމްގެ ކައުންސިލްގައި އަދިވެސް މުންދު އިންނަވައެވެ. ނަމަވެސް، މިދުވަސްވަރު އޭނާ އެންމެ ގިނަ ވަގުތު ދެއްވަނީ އޭނާގެ އާއިލާއަށެވެ. އާއިލާއާ އޭނާއާ އޮންނަ ގުޅުމަކީވެސް ކުޅިވަރެވެ. މުންދު ވިދާޅުވި ގޮތުގައި، މުންދު އޭނާގެ ދަރިފުޅާ އެކު އެންމެ ގިނައިން ވަގުތު ހޭދަ ކުރައްވަނީ ޕީއެސްއިން ފުޓުބޯޅަ ކުޅުމާއި، ފުޓުބޯޅައިގެ ވާހަކަތައް ދެއްކެވުމުގައެވެ.

comment ކޮމެންޓް