އިރުޝާން މަރާލި ކަމުގެ ތުހުމަތުގައި ދެ ކުއްޖަކު ހައްޔަރުކޮށްފި

ކަރަށް ވަޅިހެރުމުން މަރުވި އަހުމަދު އިރުޝާން ---- ފޮޓޯ: ފޭސްބުކް

ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ މަރާލި ކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ، އެ މާރާމާރީ ހިންގާފައި ވަނީ މާފަންނުކޮޅު "ވައިކަންމަތި" އަދި "އީގަލްސް" ނަމަކަށް ކިޔާ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށެވެ. އެ މާރާމާރީ ހިނގީ އެދުވަހުގެ ހެނދުނު ހިނގި ދެބަސްވުމަކާއި ގުޅިގެންނެވެ. އެއީ ކޮން މައްސަލައެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މިދިޔަ ހުކުރު ދުވަހު 5:45 ކަންހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައި ހިނގި އެ މާރާމާރީގައި ހަރަކާތްތެރިވެފައިވަނީ ގިނައިން ކުޑަކުދިން ކަމަށާއި އިރުޝާންގެ މަރުގެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީވެސް 18 އަހަރުން ދަށުގެ ދެކުދިންކަމަށް ޝަތީހް ވިދާޅުވިއެވެ.

ވައިކަންމަތީ ގުރޫޕުގެ ކުދިން ޕިކަޕެއްގެ ތެރޭގައި ތިއްބައި އެތަނަށް އައި ހައެއްކަ މީހުންގެ ގުރޫޕަކާ އެމީހުންނާ ދެމެދު ހިނގި މާރާމާރީއެއްގައި އިރުޝާންގެ ގަޔަށް ވަޅި ހަރާފައިވާއިރު އޭނާވެސް ވަނީ މާރާމާރީ ހިންގުމުގައި ބައިވެރިވެފައިކަމަށް ފުލުހުން ބުނެއެވެ.

އެ ހަމަލާގައި އިރުޝާންގެ ކަނދުރާމަތިން ދޮޅު އިންޗި ފުނަށް ވަނީ ޒަހަމްކޮށްލާފައި ކަމަށްވެސް ޝަތީހް ވިދާޅުވިއެވެ.

އެ ހަމަލާގައި މަރުވި އިރުޝާން އަކީވެސް ތަފާތު އެކި ފަހަރުމަތިން ފުލުހުން ހުއްޓުވައި ކުށުގެ ވެށީގައި އުޅޭކަމަށް ބެލެވޭ ކުއްޖެއް ކަމަށްވެސް ޝަތީހް ވިދާޅުވިއެވެ.

އެ މާރާމާރީ ހިންގި މީހުން ދެނެގަނެފައިވާއިރު އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް