މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތް ކުރުމަށް އަދާލަތުން ގޮވާލައިފި

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން ---- ސަން ފައިލް ފޮޓޯ

ވަކިބައެއްގެ ޒާތީ އަދި ސިޔާސީ މަސްލަހަތު ހިމާޔަތްކުރުމަށް ޓަކައި މުއައްސަސާތަކުގެ ވަގުތާއި ވަސީލަތްތައް ބޭނުންކުރުން ހުއްޓާލައި، މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތް ކުރަން ޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

މާލޭގައި މާރާމާރީ އިތުރުވެ، ދެ ކުއްޖެއްގެ ވަޅިހަރައި މަރާލާފައިވާތީ އެކަމާ ކަންބޮޑުވުންފާޅުކޮށް އެޕާޓީން ނެރުނު ބަޔާނެއްގައި ވަނީ މާރާމާރީ އާއި ތަޅާފޮޅުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ހުއްޓުވައި މުޖުތަމައުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ކަށަވަރުކުރުމަކީ ކޮންމެ އިސްލާމީ ދައުލަތެއްގެ ވެސް އެންމެ އިސް ވާޖިބު ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

އެހެންކަމުން ދިވެހި ރައްޔިތުންގެ ލެއާއި މުދާ ހިމާޔަތްކޮށް ދިވެހި މުޖުތަމައުގެ އަމާންކަން ކަށަވަރުކުރުމަށް ވުރެ ވަކިން ބޮޑު އެޖެންޑާއެއް ދިވެހި ދައުލަތުގެ ކުރިމަތީގައި އޮވެގެން ނުވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަދާލަތު ޕާޓީން ބުނީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ބަދަލުގައި ކުށުގެ ވެށިން ޒުވާނުން ދުރުކޮށް ކުށްވެރިން ހުއްޓުވުމަށް އަމާޒު ހިފަންޖެހޭ ކަމަށެވެ.

މުސްލިމުންގެ ލެއަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަމުގައިވާ އިރު، ހައްގަކާ ނުލައި ލޭ އޮހޮރުވައިނުލުމަށް ހުރިހާ ފަރާތްތަކަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

comment ކޮމެންޓް