މައި ކޮލެޖުން 190 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެއްޖެ

މައި ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން އެ ކޮލެޖުގެ ރެކްޓަރު އާމާލް އަލީ ދަސްވެނިވި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ --- ފޮޓޯ/ ޔޫސުފް ސޮފްވާން

މިއޭންސް އިންޓަނޭޝަނަލް ކޮލެޖް (މައި ކޮލެޖް) އިން 190 އަށްވުރެ ގިނަ ދަރިވަރުން ގްރެޖުއޭޓް ވެއްޖެ އެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންފޫކާން އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ކައަކިލޭޝް މިޝްރާ ޝަރަފްވެރިކޮށްދެއްވާ ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތުގައި ރޭ ބޭއްވި އެ ކޮލެޖުގެ ގްރެޖުއޭޝަން ރަސްމިއްޔާތުގައި އެ ކޮލެޖުން ހިންގާ 11 ކެމްޕަހަކުން 193 ދަރިވަރަކު ގްރެޖުއޭޓްވެފައިވެ އެވެ.

މައި ކޮލެޖަށް މިއަހަރު 10 އަހަރު ފުރިފައިވާއިރު، އިންޓަނޭޝަނަލް ސެންޓަރު ފޯ ކެރިއާ ޑިވަލޮޕްމަންޓް ގެ ނަމުގައި އެ ކޮލެޖް ފުރަތަމަ ފަށައިގަތީ އެންމެ 19 ދަރިވަރުންނާއެކު ދެ ކުލާސް ރޫމާއެކުގަ އެވެ.

މިހާރު އެ ކޮލެޖުގައި 1700 އަށްވުރެ ގިނަ ދަރިވަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 17 ސެންޓަރުން ތައުލީމް ހާސިލްކުރަމުންދާއިރު، މައި ކޮލެޖްގެ އަމާޒަކީ އެހެން ގައުމުތަކާ އެކު އޮތް ގުޅުން ބަދަހި ކުރުމެވެ.

އެގޮތުން ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮލެޖުގެ ރެކްޓަރު އާމާލް އަލީ ވިދާޅުވީ، މައި ކޮލެޖުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޯސްތަކެއް ފެށުމަށް ކުރާ މަސައްކަތުގެ ދަށުން އޯޕަން ޔުނިވާސިޓީ ސްރީ ލަންކާގެ ކޯސްތައް މައި ކޮލެޖުގައި ފެށުމަށް އެ ޔުނިވާސިޓީއާއެކު މަޝްވަރާކޮށް މިއަހަރުގެ ޖުލައި މަހު ސޮއިކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް