ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް އޮންލައިންކުރަނީ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ބަޔަކު އުމްރާއަށް ފުރަނީ - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް އޮންލައިންކޮށްދެވޭނެ އިންތިޒާމް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތައް އިސްލާމިކް ބެންކު މެދުވެރިކޮށް ދިނުމަށް މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވީ އެކޯޕަރޭޝަންއިން ދެމުންދާ ހިދުމަތްތައް ލުއިފަސޭހަ ގޮތަކަށް ދިނުމަށްޓަކައި އޮންލައިންކޮށް އެ ހިދުމަތްތަކަށް އެދެވި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

އެ ހިދުމަތް ދިނުމަށް ބޭނުންވާތަކެތި މިހާރު ހޯދާފައިވާއިރު ކުރިއަށްއޮތް މަހެއްގެ ތެރޭގައި އެހިދުމަތް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމީ އެކޯޕަރޭޝަނުން ހިދުމަތްހޯދާ ގިނަ ފަރާތްތަކަކީ އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށްވުމުން އެފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކަމަށެވެ.

ހައްޖު ކޯޕަރޭޝަންއިން މިހާރު ނިންމާފައިވަނީ އެކޯޕަރޭޝަންގެ ހިދުމަތްތައް އަތޮޅުތެރެއަށް ފުޅާ ކުރުމަށެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖަށާއި އުމުރާއަށް މީހުން ގެންދިއުމުގެ އިތުރުން އަގީގާ ކަތިލުމުގެ ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް