ނެޝަނަލް ބަޔޯޑައިވާސިޓީ ސުޓްރެޓެޖީ އާއި އެކްޝަން ޕްލޭން ތައާރަފުކޮށްފި

އެންވަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް، ނެޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން (އެންބީސެޕް) ލޯންޗު ކޮށްދެއްވަނީ --- ސަން ފޮޓޯ: އަލީ ރިފްޝާން

ނެޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން (އެންބީސެޕް) ލޯންޗްކޮށްފި އެވެ.

އެންޔަރަމަންޓް މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެންބީސެޕް ލޯންޗު ކޮށްދެއްވީ އެންވަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް އެވެ.

އެންބީސެޕް އަކީ ދުނިޔޭގެ ދިރޭތަކެއްޗާ ބެހޭ މުއާހަދާ، ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީބީޑީ)ގެ ދަށުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް މުއާހަދާގެ ދަށުން ލާޒިމުކުރާ ކަމެކެވެ. އެ މުއާހަދާ އިން ހުރިހާ ގައުމުތަކަކަށް އެބައެއްގެ ދިރޭތަކެތީގެ ނަސްލު ދެމެހެއްޓުމާއި ދިރޭތަކެތި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތާބެހޭ ޕްލޭނެއް އޮންނަން ޖެހެ އެވެ.

އެންބީސެޕް ލޯންޗު ކޮށްދެއްވުމަށް ފަހު، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން ޠާރިގު ވިދާޅުވީ، ތިމާވެށީގެ ކަންތައްތަކަކީ ވަރަށް ކުރީއްސުރެ، ދިވެހި ކޮންމެ ރައްޔިތަކު ވެސް ވަރަށް އަހައްމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ ކަމެއް ކަމަށާއި ތިމާވެށީގެ މުހިއްމުކަމާއި ތިމާވެށީގެ ނާޒުކުކަން ދިވެންހިންނަށް އެނގޭ ކަމަށެވެ.

"ދުނިޔޭގެ ލެވެލްގައި ވެސް ހުރިހާ ގައުމުތަކެއް ވެސް އެއްބަސްވާ ވަރަށް މުހިއްމު ކަމެއް އަޅުގަނޑުމެން ކުރަމުން މިދަނީ. އެގޮތުން މިއަދު މި ނެރެވުނު ޑޮކިއުމެންޓަކީ ވަރަށް މުހިއްމު ޑޮކިއުމެންޓެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ނެޝަނަލް ބަޔޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން (އެންބީސެޕް) ލޯންޗު ކޮށްދެއްވުމަށް ފަހު އެންވަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހިމް ވާހަކަދައްކަވަނީ --- ސަން ފޮޓޯ: އަލީ ރިފްޝާން

ޠާރިގު ވިދާޅުވީ، މިއަދު ލޯންޗު ކުރެވުނު އެންބީސެޕްގެ 2016 އިން 2025އާ ދޭތެރޭގައި ކުރަން ޖެހޭ ޕްލޭންގެ ތެރޭގައި ސްޓްރެޓެޖީތަކާއި އެކްޝަން ޕްލޭންތަކަކާއި އެ އެކްޝަން ޕްލޭންތައް ހިންގާނެ ގޮތުގެ ތަފްސީލުތަކަށް ވެސް ބަލައިލާފައިވާނެ ކަމަށެވެ.

"އެންބީސެޕް އެކުލެވިފައި ވަނީ ދެ ބަޔަކަށް. ފުރަތަމަ ބައިގައި އޮންނަނީ ދިރޭތަކެތީގެ ނަސްލާ ގުޅޭ ގޮތުން އެކުލަވާލެވިފައިވާ ހަ ސްޓްރެޓެޖީ އަކާއި، 25 ޓާގެޓް. އެ ޓާގެޓްތައް ހިންގާނެ ގޮތް އޮންނަނީ. ދެވަނަ ބައިގައި އޮންނަނީ ޓާގެޓްތައް އިމްޕްލިމަންޓް ކުރާނެ ގޮތްތަކާއި އެކަމަށް ބޭނުންވާނެ ވަސީލްތަކުގެ އަންދާޒާއެއް،" މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެންބީސެޕް އެކުލަވާލެވުނު ސަބަބުތަކުގެ ތެރޭގައި ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ފަދަ ދިރޭތަކެއްޗާއި މާހައުލުތަކެއްވާ ގައުމަކަށް ވުމުން އެ ދިރޭތަކެއްޗާއި މާހައުލުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި ސީބީޑީގެ ސްޓްރެޓެޖިކް ޕްލޭނާއި އައިޗީ ޓަރގެޓް ގައުމީ ފެންވަރުގައި ހާސިލް ކުރުން ހިމެނޭ ކަމަށެވެ.

ދިރޭތަކެތީގެ ނަސްލަށާއި ގުދުރަތީ މާހައުލުން ލިބޭ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތަށް ގައުމީ ފެންވަރުގެ ޕްލޭންތައް ބައްޓަން ކުރުމާއި ގާނޫނު އަސާސީގެ 22 ވަނަ މާއްދާ އިން ދައުލަތައް ލާޒިމް ކުރާ ކަންތައްތައް ކުރުމަށް އެފަދަ ޕްލޭނެއް މުހިއްމުވުން ވެސް އެންބީސެޕް އެކުލަވާލެވުނު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް