ސައްޙަ ނޫން ކޯޓު އަމުރު ތައްޔާރުކުރި މީހަކު ނުހޯދޭ: ދިފާއީ ވަކީލު

ކުރީގެ ޕީޖީ މުހުތާޒު ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި -- ސަން ފޮޓޯ: ޔޫސުފް ޞަފްވާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަށް ގ. ކެނެރީގެ ކުރިމަތީ ގޯޅީގައި ހުރި ސައިކަލެއްގެ މަތީގައި ބާއްވާފައިވާ ސައްޙަ ނޫން ކޯޓު އަމުރު ތައްޔާރުކުރި މީހަކު ފުލުހުންނަށް ހޯދިފައިނުވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ސުއޫދު ވިދާޅުވީ ސައްޙަ ނޫން ކޯޓު އަމުރެއް ތައްޔާރު ކުރަން ނިހާނާއި މުހުތާޒު މަސައްކަތް ކުރެއްވިނަމަ ކޯޓު އަމުރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރަން ކޯޓަށް ހާޒިރުވި ފުލުހުންގާތު ނިހާން ވިދާޅުވާކަށް ނުޖެހުނީ ކަމަށެވެ.

ހެކިބަސް ދިން ތިން ފުލުހަކު ބުނެފައި ވަނީ ރިފަރެންސް ނަންބަރާއި އައިއޯގެ ނަން ހޯދަން ފުލުހުންގާތު ނިހާން ވިދާޅުވި ކަމަށެވެ.

ސުއޫދު ވިދާޅުވީ ތިން ހެއްކެއްގެ ހެކިބަހުން އެނގުނީ ރިފަރެންސް ނަންބަރު ލިބޭނެ ކަމަށް ފުލުހުން ބުނެގެން ނިހާން ކޯޓުތެރޭގައި މަޑުކޮށްގެން ތިބިތާ ވިއްސަކަށް މިނެޓު ފަހުން "މިހާރު މާލެއިން ކޯޓު އަމުރު ލިބިއްޖެ" ކަމަށް ފުލުހަކު ބުނި ކަމަށެވެ. އަދި އިތުރު އަމުރެއް މާމިގިލީ ކޯޓުން ބޭނުންނުވާ ކަމަށް ހެކިބަސްދިން ފުލުހަކު ނިހާން ކައިރީ ބުނި ކަމަށް ބުނެ ހެކިބަސްދީފައިވުމަކީ ސައްޙަ ނޫން ކޯޓު އަމުރެއް ނިހާނާއި މުހުތާޒު ތައްޔާރުކޮށްފައިނުވާކަން ކަމަށް ސުއޫދު ވިދާޅުވި އެވެ.

"ސައްޙަ ނޫން އަމުރެއް ނެރެން މަސައްކަތް ކުރިނަމަ ފޭކު ނަންބަރަކާއި ފޭކު މީހެއްގެ ނަންޖަހައި ސައްޙަ ނޫން އަމުރެއް ނެރުމުގެ ގަސްތެއް ނުވަތަ ނިޔަތެއް މެޖިސްޓްރޭޓް ނިހާންގެ ކިބައިގައި ނެތްކަން ކަށަވަރު ކުރެވެއެވެ،" ސުއޫދު ވިދާޅުވި އެވެ.

މުހުތާޒު ފުލުހުންތަކަކާ އެކު މާމިގިއްޔަ ގޮސް އެރަށު ކޯޓު ހުޅުވައިގެން މެޖިސްޓްރޭޓް ނިހާނާ އެކު ކޯޓުގެ ލެޕްޓޮޕް ހުޅުވައިގެން އޭގެ ކައިރީ ތިބި ކަމަށް ސިއްރު ހެކީން ވަނީ ހެކިބަސް ދީފަ އެވެ.

ހެކިބަސްދެމުން އެ ލެޕްޓޮޕްގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ބުނެފައި ވަނީ "މާފުށީ އަމުރު" މިނަމުގައިވާ ވޯޑު ފައިލެއް އީމެއިލް އެޑްރެހަކުން ޑައުންލޯޑް ކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި ޑައުންލޯޑް ކުރި އެ ފައިލް އެޑިޓްކޮށްފައިވާކަން އެނގޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ލެޕްޓޮޕުން އެއްވެސް އެއްޗެއް އެހެން އީމެއިލް އެޑްރެހަކަށް މެއިލްކޮށްފައިވާކަން އެނގެން ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސިއްރުން ހެކިބަސް ދިން ފުލުހަކު ބުނެފައި ވަނީ ކެނެރީގެ ކުރިމަތީގައި ހުރި ނީލޯފަރު ގޯޅިއަށް މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޭނާ ދިޔުމުން އެތަނުގައި ހުރި "ސިރާޖު" ނަކަމަށް ކިޔާ މީހަކު ބޮލުގެ އިޝާރާތުން ސައިކަލެއްގެ މަތީގައި އޮތް ސިޓީއުރައެއް ދެއްކި ކަމަށެވެ. އަދި އެ ސިޓީއުރަ ނަގައިގެންގޮސް ފުލުހުންގެ ކޮމާންޑަރަކަށް ހަވާލުކުރި ކަމަށް ވެސް ހެކިބަސް ދެމުން އޭނާ ވަނީ ބުނެފަ އެވެ.

އެ ލިޔުމުގެ ފޮރެންސިކް ރިޕޯޓުން އެނގޭ ގޮތުގައި އޭގައިވާ ތައްގަނޑަކީ ސްކޭންކޮށްގެން އޭގައި ހިމަނާފައިވާ އެއްޗެކެވެ. އަދި އެ ތައްގަނޑު ހުރިގޮތާއި މާފުށީ ކޯޓުގެ އަސްލު ތައްގަނޑު ހުންނަގޮތާ ތަފާތު ކަމަށް ބުނެ ފުލުހަކު ވަނީ ހެކިބަސްދީފަ އެވެ. މާފުށީ ކޯޓުގެ ޕްރިންޓަރުގެ ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި އިރު އެއީ އެ ކޯޓުން ޕްރިންޓުކޮށްފައިވާ އެއްޗެއް ނޫންކަން އެނގޭ ކަމަށް ވެސް ފޮރެންސިކް ރިޕޯޓު ތައްޔާރުކުރި މީހާ ވަނީ ހެކިބަސްދެމުން ބުނެފަ އެވެ.

އެ ސައްޙަ ނޫން އަމުރުގައި ކޮށްފައިވާ ސޮޔަކީ ގަލަމަކުންކޮށްފައިވާ ސޮޔެއް ކަމަށް ފޮރެންސިކް ރިޕޯޓުން އެނގޭ ކަމަށް އެ ރިޕޯޓު ތައްޔާރުކުރި މީހާ ވަނީ ހެކިބަސްދީފަ އެވެ.

އެކަންކަން ފާހަގަކުރައްވައި މުހުތާޒު ވަނީ ގަލަމުން ސޮއިކޮށްފައިވާ ލިޔުމެއް އެރޭ ކުޑަވަގުތުކޮޅެއްގައި މާމިގިލިން މާލެއާ ހަމައަށް ނުގެންދެވޭނެ ކަމަށް ބުނެ ސުވާލު އުފައްދަވާފަ އެވެ.

މުހުތާޒު ވިދާޅުވީ ފުލުހުން އަމިއްލަ އަށް ހޯދި ރެފަރެންސް ނަންބަރާއި އައިއޯގެ ނަން އޭނާ އަށް ދީފައިނުވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނައިރު، ކެނެރީގެ ކައިރިން ފެނުނު ސައްޙަ ނޫން ކޯޓު އަމުރުގައި އެ މައުލޫމާތު ހުރި ކަމަށެވެ. ފުލުހުން ހޯދި މައުލޫމާތެއް އެ އަމުރުގައި ހުރި ސަބަބު ހޯދައި އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށާއި އެ މައްސަލަ އަކީ ތަހުގީގު ފުރިހަމަނުވާ މައްސަލައެއް ކަމަށް މުހުތާޒު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ހާދިސާ ހިނގި ރޭ މުހުތާޒާއި ނިހާން ހާސްވެގެން އުޅުނުކަން ހެކީންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާގައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އެފަދަ ކުށެއް ސާބިތުވުމަށް ބޭނުންވާ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތައް ސާބިތުވާ ކަމަށް ދައުލަތުން ދެކޭ ސަބަބުތައް ވަރަށް ތަފްސީލުކޮށް ދައުލަތުގެ ވަކީލުން ވަނީ ކިޔައިދީފަ އެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން އެ ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ކަނޑައެޅަންޖެހޭނެ ކަމަށް ދައުލަތަށް ފެންނަ ޖަލު ހުކުމްތައް ވެސް ދައުލަތުގެ ފަރާތުން ވަނީ ކިޔައިދީފަ އެވެ.

މިރޭގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ. އެ އަޑުއެހުން އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް