ރ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ސްކޫލްތަކުގެ މަސައްކަތްތަކެއް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ރ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ސްކޫލުތަކުގެ ބައެއް މަސައްކަތް ކުރުމަށް ވީ އަވާ އިންވެސްޓްމެންޓާ ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރ. އަތޮޅުގެ ތިން ސްކޫލަކާއި ނ. އަތޮޅުގެ ސްކޫލެއްގައި ބައެއް ތަންތަން އިމާރާތް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ބަޔަކާ ހަވާލު ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވަނީ ތަފާތު ހަތަރު ޕްރޮޖެކްޓެއް، ވީ އަވަރ އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލު ކޮށްފަ އެވެ.

ފުރަތަމަ ޕްރޮޖެކްޓަކީ، ރ. އިނގުރައިދޫ ސްކޫލުގައި ދެ ބުރީގެ އިމާރާތަކާއި އަށް ކްލާސްރޫމް އެޅުމެވެ. މިއީ ދައުލަތުގެ ބަޖެޓުން 6.7 މިލިޔަން ރުފިޔާ ޚަރަދު ވާނެ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކުރީ 210 ދުވަހެވެ.

ރ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ސްކޫލުތަކުގެ ބައެއް މަސައްކަތް ކުރުމަށް ވީ އަވާ އިންވެސްޓްމެންޓާ ހަވާލުކުރުން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ދެވަނަ ޕްރޮޖެކްޓަކީ ރ. ރަސްމާދޫ ސްކޫލުގައި ފަސް ކްލާސްރޫމާއި ހޯލެއް އިމާރާތް ކުރުމެވެ. މިއީ ދައުލަތުގެ ބަޖެޓުން 3.7 މިލިޔަން ރުފިޔާ ޚަރަދުވާ މަޝްރޫއެކެވެ. މި މަސައްކަތް ނިންމުމަށް ދިނީ 210 ދުވަހެވެ.

ތިންވަނަ ޕްރޮޖެކްޓަކީ ރ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމެވެ. މިއީ 6.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މި މަސައްކަތް ނިންމުމަށް 270 ދުވަސް ސަރުކާރުން ދީފައިވެ އެވެ.

ހަތަރުވަނަ މަޝްރޫޢަކީ، ނ. ހޮޅުދޫ މޭނާ ސްކޫލުގައި ހަ ކްލާސްރޫމަކާއި ސްކޫލް ހޯލެއް އިމާރާތް ކުރުމެވެ. މިއީ ސަރުކާރުގެ ބަޖެޓާއި، ވޯލްޑް ބޭންކުގެ ހިލޭ އެހީގައި 8.5 މިލިޔަން ރުފިޔާ ހޭދަ ވާނެ މަޝްރޫޢެކެވެ. މި މަސައްކަތް ކުރުމަށް ވެސް ސަރުކާރުން ދީފައި ވަނީ 270 ދުވަހެވެ.

މި މަޝްރޫއުތައް ވީ އަވަރ އިންވެސްޓްމެންޓާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް އަލީއާއި ވީ އަވަރ އިންވެސްޓްމެންޓްގެ ޖެނެރަލް މެނޭޖާ ހަމްދޫން އަނީސް އެވެ.

comment ކޮމެންޓް