ޅެންވެރިންގެ ވައިބާ ގްރޫޕު ޖަމިއްޔާއަކަށް ހަދަން ނިންމައިފި

ޅެންވެރިންގެ ބަހާރުން ރޭ ބޭއްވި މާހެފުމުގެ ތެރެއިން-- ފޮޓޯ: ފޭސްބުކް

"ޅެންވެރިންގެ ބަހާރު" ނަމުގައި ހިންގަމުން އަންނަ ވައިބާ ގްރޫޕު ޖަމިއްޔާއަކަށް ބަދަލުކުރުމަށް ދިވެހި ޅެންވެރިން ނިންމައިފި އެވެ.

ޅެންވެރިންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ އާދަމް ނަސީރު މިއަދު ސަން އަށް ވިދާޅުވީ ޅެންވެރިން ރޭ ބޭއްވި މާހެފުމެއްގައި އެ ވައިބާ ގްރޫޕްގައި އުޅުއްވާ ބޭފުޅުން ޅެންވެރިންގެ ޖަމިއްޔާއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.

"ލެންވެރިގެން ޖަމިއްޔާއެއްގެ ގޮތުގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކުރައްވަން ބޭފުޅުންނަށް ފެނިވަޑައިގެން މިހާރު އަޝްރަފް [ދިވެހި ބަހުގެ އެކަޑެމީގެ ރައީސް] އެކަން ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފި، އަދި ވަކި ނަމެއް ކަނޑައެއްނޭޅޭ،" އާދަމް ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖަމިއްޔާ އުފެއްދުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެ ވައިބާ ގްރޫޕަށް ދުވާލެއްގެ މައްޗަށް 10 ވަރަކަށް އާ ޅެން ކޮންމެ ދުވަހަކު ވެސް ހުށައަޅަ އެވެ. އެވައިބާ ގުރޫޕުގައި އުޅޭ ފަރާތްތަކުން ދަނީ ޅެންފޮތްތައް ވެސް ނެރެމުންނެވެ. އެ ގްރޫޕުގައި ހަރަކާތްތެރިކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުތީމު އާދަމް އަބްދުލްރަހުމާންގެ އިތުރުން އަބްދުއްރަޝީދު ހުސެއިން ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް