ގޭ ކުލި ބޮޑުވަނީ މިހެންވެ!

މާލޭގެ ތޮއްޖެހިފައިވާ ގެއެއްގައި އަންހެނަކާއި އޭނާގެ ދަރިފުޅު-- ފޮޓޯ: އަޝްވާ ފަހީމް

ލިބޭހާ ލާރި ކުއްޔަށް ހޭދަކޮށްފައި ގަނަތެޅެންޖެހޭ ވާހަކަ އެވެ. ފުރާވަރަށް އަރާފައިވާ ކުދިންނާ އެކު ދެމަފިރިން ނިދަން ޖެހޭ ވާހަކަ އެވެ. ބޯހިޔާވަހިކަން ނެތި ޒުވާނުންނަށް ކައިވެނި ނުކުރެވިވާ ވާހަކަ އެވެ. ގޭގައި ތަންނެތުމުން މަގުތަކަށް ކުދިން ގިނަވެ، އުޅުން ގޯސްވެ، ގޯޅި އަޅާ ވާހަކަ އެވެ. މި ހުރިހާ ކަމެއް ވެސް ގުޅިފައި މި ވަނީ މާލޭގެ ގެދޮރުގެ މައްސަލައާ އެވެ. ކުލީގެ އަގުތައް އިންތިހާއަށް ބޮޑުވުމާ އެވެ. މިއީ ކޮންމެވެސް ހިސާބަކުން ކޮންމެ ދިވެއްސަކާ ވެސް ގުޅިފައިވާ ގައުމީ މައްސަލައެކެވެ.

ޒަރޫރީ ބޭނުންތަކާ ގުޅިފައިވާ މާލޭގެ ކުލީގެ އަގުތައް މިހާރު ހުރީ ގިނަ މީހުން ދަރާ ވިކޭ ވަރުގަ އެވެ. އެއްކޮޓަރި އެޕާޓްމެންޓެއްގެ އަގު 7000 ރުފިޔާ އިން ފެށިގެން ގޮސް ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ އަގުތައް މިވަނީ 25000 ރުފިޔާ އިން މަތީގަ އެވެ. އެއާ އެކު ދެ މަސް ނުވަތަ ތިން މަސް ދުވަހުގެ ކުލީގެ ފައިސާ އެއްފަހަރާ އެޑްވާންސްގެ ގޮތުގައި ދޭންޖެހެ އެވެ.

ތޮއްޖެހިފައިވާ މާލެ: ގެ ކުލީގެ މައްސަލައަކީ އެންމެ ބޮޑު މައްސަލަ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ކޮންމެހެން ދައްކަން ޖެހޭ ކުލީގެ އަގު މިހާބޮޑަށް އަރައިގެން މިދަނީ ކީއްވެގެންހެއްޔެވެ؟ އެންމެ ބޮޑުއެއް ސަބަބަކީ އިންތިހާއަށް ޑިމާންޑްބޮޑުވުމެވެ. ދެން އުފެދޭ ސުވާލަކީ ގެހަދައި ކުއްޔަށް ދޭ ފަރާތްތަކުން ޑިމާންޑުގެ ފައިދާ ނަގައި މީހުން "ފެލަމުން" ދަނީތޯ އެވެ؟ އާންމުން ބުނަނީ އެހެނެވެ. ނަމަވެސް އިމާރާތްކުރުމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން އެކަން ދޮގުކުރެ އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ހަމަހުރެފައި އަދަދުތަކެއް ކަނޑައަޅާފައި ހުންނަނީ ކަމަކަށް، އަޅުގަނޑު ގަބޫލް ކުރަނީ، ރާއްޖޭގެ ކުލިތައް ކަނޑައެޅިގެން މިދަނީ މާކެޓޫގެ މި ސަޕްލައި އެންޑް ޑިމާންޑް ޕުލަސް އިންވެސްޓްމަންޓް ކޯސްތައް ބޭސްކޮށްގެން." މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވި އެވެ.

ޖަނާ ސަން އަށް އިންޓަވިއު ދެއްވަނީ-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

ގެދޮރުހަދައި ކުއްޔަށް ދޫކުރާ ފަރާތްތަކުން އޭގެ ނަހަމަ ފައިދާ ނަމަގުން އަންނަ ކަމަށް ތުހުމަތު ކުރެވޭ އިރު އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި ކުލި އަގުބޮޑު ވަނީ ކުރަން ޖެހޭ ހޭދަބޮޑުވުމުންނެވެ. ހާއްސަކޮށް ލޯނުގެ މައްސަލަ އެވެ.

ކުލި ބޮޑުވުމާއި ގުޅިފައިވަނީ އިންޓްރެސްޓް ބޮޑު ލޯން!

އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި ކުލީގެ އަގުބޮޑު ވަނީ އިމާރާތް ކުރުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުމުންނެވެ. އެންމެ ބޮޑު ބުރައަކީ ލޯންނެގުމެވެ. ކޮލެޓުރަލް ބޮޑުވުމާއި ދައްކަން ޖެހޭ އިންޓްރެސްޓް ރޭޓް ބޮޑުވުން އެއީ ގޮންޖެހުމެކެވެ. މިއަދު ރާއްޖޭގައި އެންމެ ދަށްކޮށް ހައުސިން އިންޓްރެސްޓް ރޭޓް އުޅެނީ އެލޯނެއްގެ ނުވަ ޕަސެންޓެވެ. މިސަރަހައްދުގައި ހައުސިން ލޯންގެ އިންޓްރެސްޓް ރޭޓް އެންމެ ބޮޑު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ. ރާއްޖެ މިސާލަކަށް ބަލައި ސިންގަޕޫރުގެ ހައުސިން ލޯންތައް އުޅެނީ ދެ ޕަސެންޓް އިންޓްރެސްޓް ރޭޓެއްގަ އެވެ.

މާލޭގައި އެތައް ގެއެއް ހަދައި އެތަންތަން ކުއްޔަށް ދޫކުރަމުންދާ މުސްތަފާ އަލީ ބުނާ ގޮތުގައި ރާއްޖޭގައި އިމާރާތް ކުރުމަށް ލޯނު ލިބޭ އިންޓުރެސްޓް ރޭޓް ބޮޑުވުމަކީ އިމާރާތްތަކުގެ ކުލި އިންތިހާއަށް ބޮޑުވާ ސަބަބެވެ. އެގޮތުން މާލޭގައި ބޮޑެތި އިމާރާތްތަކެއް ހަދާފައިވާ އިރު އެއިމާރާތްތައް ހެދުމަށް ނަގާފައިވާ ލޯނުތަކުގެ ސަބަބުން ލިބޭ ކުލިން ކިރިޔާ ދެކޮޅުޖެއްސޭނީ ކަމަށް އޭނާ ބުންޏެވެ.

"ލޯނުތަކުގެ އިންޓަރެސްޓް ރޭޓްތަކާއި އެއްޗެހި އެހާ ބޮޑު، މިތަނުން ނުލާހިކު ބޮޑު ލޯންނު ނަގަންޖެހޭ، އަނެއްކާ މަސައްކަތު އަގު އެހާ ބޮޑު، މި ހުރިހާ ހަރަދެއްކޮށްފައި ތަނެއްހަދާފައި އެތަނަކުން ވާނެދޯ އެއަގު ކަވަރު ވެސް ވާން." މުސްތަފާ ބުންޏެވެ.

ތޮއްޖެހިފައިވާ މާލޭގެ އިމާރާތެއް-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މާލޭގައި ގެހަދާ ފަރާތްތަކަށް މަހެއްގެ މައްޗަށް ގިނަގުނަ ފައިދާ ލިބޭ ކަމަށް ވާހަކަ ދެކެވޭ އިރު މުސްތަފާ ބުނާ ގޮތުގައި ލޯން ދެއްކުމަށް ފަހު ތިން ކޮޓަރީގެ ހަތަރު އެޕާޓްމެންޓު ކުއްޔަށް ދީގެން މަހަކު ފައިދާއަކަށް ލިބެނީ 3000 ރުފިޔާ ކަމަށެވެ.

ލޯނުތަކަށް ހެޔޮ ބަދަލުތަކެއް އައުމުގެ މަލަމަތިވެސް މިވަނީ ފެންނަން ފަށާފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން ދޫކުރާ ހައުސިންގ ލޯނުތައްކަމަށްވާ ހޯމް ލޯން، ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ރިއަލް އެސްޓޭޓް ލޯން ގެ އިންޓްރެސްޓް ރޭޓުން ވަނީ ދެ ޕަސެންޓް ކުޑަކޮށްފައެވެ. މި ތިން ލޯނުވެސް އަނބުރާ ދެއްކުމުގެ މުއްދަތަކީ 20 އަހަރެވެ.

ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއީ ރާއްޖޭގައި ލޯނު އަނބުރާ ދެއްކުމަށް ލިބޭ އެންމެ ދިގު މުއްދަތު ކަމަށްވާއިރު އޭގެ ސަބަބުން ރާއްޖޭގައި އެންމެ ލުއިގޮތަކަށް ލޯނަކަށް އަނބުރާ ފައިސާ ދެއްކުމުގެ ފުރުސަތު މި ލިބިގެންދާ ކަމަށެވެ.

"އިންޓްރަސްޓް ރޭޓަށް ގެނެވުނު ބަދަލާއެކު އެވްރެޖްކޮށް ގެދޮރު ހެދުމަށް ނަގާ 8 މިލިއަން ރުފިޔާގެ ހޯމް ކޮންސްޓްރަކްޝަން ލޯނަކުން ލޯނު އަނބުރާ ދެއްކުމަށް ލިބޭ މުއްދަތުގައި 1.8 މިލިއަން ރުފިޔާ ރައްކާކުރެވިގެންދާނެ. މިއީ ވަރަށް ބޮޑު ބަދަލެއް،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ކުލި އަގުހެޔޮވުމަށް އޮތް އެންމެ ބޮޑު ހައްލަކީ އިމާރާތް ކުރުމަށް ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމާ އެކު ލޯންދައްކަން ދޭ މުއްދަތު މިހާރަށް ވުރެ އިތުރުކޮށްދިނުމެވެ. އޭރުން ގޭ ކުލިތައް ދަށް ކުރެވޭނެ ކަމަށް އެފަރާތްތަކުންބުނެ އެވެ. އެހެންކަމުން މިއީ ކަމާބެހޭ ފަރާތްތަކުން ކޮންމެވެސް އިސްކަންދޭންޖެހޭ ކަމެކެވެ.

އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގެ އަގު ބޮޑުވުން!

ދުނިޔޭގެ ބާޒާރާ އަޅާބަލާ އިރު ރާއްޖޭގެ ބާޒާރުގައި އިމާރާތްކުރަން ބޭނުންކުރާ ތަކެތީ އަގު ހެޔޮ ނޫން ކަމަށް ވެސް އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ. ތަކެތީގެ އަގުތައް ބޮޑުވުމަށް ވެސް ސަބަބުތަކެއް އެބަހުއްޓެވެ. ރާއްޖޭގެ ލޮޖިސްޓިކްގެ ކަންތައްތައް ހުރިގޮތާއި މުދާގުދަން ކުރުމަށް ކުރަން ޖެހޭ ހަރަދު ބޮޑުވުން ހިމެނެ އެވެ.

ޖަނާ ވިދާޅުވީ މާލޭގައި ވަގުތީ ގޮތުން މުދާ ބެހެއްޓޭނެ އިންތިޒާމްތަކާއި އަގުހެޔޮކޮށް މުދާ ރައްކާކުރެވި މުދާ އުފުލޭގެ ގޮތްތަކެއް ހަމަޖެއްސުމުން ވެސް ތަކެތީގެ އަގު ހެޔޮވެ ކުލީގެ އަގުތަކަށް ހެޔޮބަދަލުތަކެއް އަންނާނެ ކަމަށެވެ.

ހަމައެއާ އެކު މާލޭގެ ބިންތައް އިމާރާތް ކުރުމަށް ބިން ދޫކުރާ މުއްދަތު އިތުރުކޮށްދިނުމަށް ވެސް އެދާއިރާގައި އުޅޭ ފަރާތްތަކުން އެދެ އެވެ. މީގެކުރިން މާލޭގެ ބިން ކުއްޔަށް ދޫކުރެވެނީ 35 އަހަރެވެ. އެ މުއްދަތު މިހާރު މިވަނީ 50 އަހަރަށް ބަދަލުކޮށްފަ އެވެ. ޖަނާ ވިދާޅުވި ގޮތުގައި އެއަދަދު 99 އަހަރަށް ބަދަލުކުރެވިއްޖެ ނަމަ އިންވެސްޓްމަންޓްތައް ކަވާ ކުރުމަށް ފުރުސަތުލިބި ކުއްޔަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.

މާލެ ސިޓީގެ އިމާރާތްތަކެއް -- ފޮޓޯ/ އަލާމީ

އެންމެ އަވަސް ހައްލަކީ ކޮބާ؟

އާންމު ވިސްނުމަކުން ވިސްނައިފި ނަމަ ވެސް އެނގޭ އެއްކަމަކީ ކުލީގެ އަގު ހެޔޮކުރުމަށް ޑިމާންޑާއި އެއްވަރަށް ސަޕްލައި ކުރަންޖެހެ އެވެ. އެކަންކުރާނެ ގޮތްތަކެއް ވެސް އެބަހުއްޓެވެ. ހުޅުމާލޭގައި މިހާރު ހަދާފައި ހުރި ހައުސިން ޔުނިޓްތަކަކީ ވަކި އަދަދަކަށް ކުއްޔަށްދިނުމަށް ޝަރުތުކޮށް ބިމުގެ ޔަގީންކަމާ އެކު ދީފައިވާ ތަންތަނަށްވާ އިރު އެއީ ވަރަށް ރަނގަޅު އުސޫލެއް ކަމަށާއި ވަރަށް ރަނގަޅު އުސޫލަކުން ކޮށްފައިވާ ކަމެއް ކަމަށާއި އެ ފުރުސަތު އަދިވެސް އިތުރަށް ހުޅުވާލުމާ އެކު މާލޭގެ މާކެޓަށް އިތުރު ހައުސިން ޔުނިޓްތަކެއް ނެރުމަކީ އެކަމަށް މިވަގުތަށް ލިބޭނެ ހައްލުކަމަށް ޖަނާ ވިދާޅުވި އެވެ.

ސަރުކާރުން ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 2018 އަށް 15،000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށް ބޭރުގެ ފަސް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރުން ލަފާ ކުރާގޮތުގައި އެ ފުލެޓްތަކުން 65000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ލިބޭނެ އެވެ. އެއީ ކޮންޓުރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވެސް ތާއީދު ކުރާކަމެކެވެ. އެފަދަ ފުރުސަތު ދިވެހި ކުންފުނިތަކަށް ވެސް ދިނުން މުހިންމު ކަމަށާއި އޭރުން ހައްލު އަންނާނެ ކަމަށް އެދާއިރާގެ ތަޖުރިބާ ކާރުން ބުނެ އެވެ.

"އެ 15000 ޔުނިޓު ކާމިޔާބުވުމަކީ ވަރަށް މުހިންމުކަމެއް، ހަމަ އެފަދަ ފުރުސަތުތަކެއް ދިވެހި ކުންފުނިތަކަށް ވެސް ލިބެން ޖެހޭ، ހަމައެކަނި ބޭރުގެ ކުންފުނިތަކަކަށް ނޫން، އެ ދިވެހިންގެ ސްކޭލްގައި ދިވެހިންނަށްވެސް އެކަހަލަ ސްކީމްތައް ހިންގޭނެ ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ." ޖަނާ ވިދާޅުވި އެވެ.

ތޮއްޖެހިފައިވާ މާލެ ސިޓީގެ މަންޒަރެއް -- ސަން ފޮޓޯ/މާހިލް މުހައްމަދު

ސަރުކާރުން ބުނަނީ ކުލީގެ އަގު ދަށް ކުރާނެ ކަމަށް

ހެޔޮއަގެއްގައި ބީހިޔާވަހިކަން ދިނުމަކީ މިސަރުކާރުގެ ވައުދަކަށްވާ އިރު މިހާރު މާލެ ސަރަހައްދުގައި އަޅަން ފަށާފައިވާ އެތައް ހާސް ހައުސިން ޔުނިޓަކާ އެކު ކުލީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ސަރުކާރުންބުނެ އެވެ. އެގޮތުން ހުޅުމާލޭގައި އަލަށް އަޅަން ނިންމާފައިވާ އެތައް ހާސް ފުލެޓަކާއި މާލޭގައި އަލަށް ހުޅުވާ ގާކޮއްޓާއި އަރަބިއްޔާ އިމާރާތުގެ އެޕާޓްމަންޓުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާ ކުރެ އެވެ.

"ހައުސިން ޔުނިޓްތައް އަޅާއިރު ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ ކުލިތައް ކޮންމެ ވެސް ގޮތަކުން ހަމައަކަށް އެޅުން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކުލީގެ އަގު ކުޑަކުރުމަކީ މިއަދު މަޖުބޫރު ކަމެކެވެ. ރައްޔިތުން އެންމެ އެދޭ ކަންކަމެވެ. އެހެންކަމުން މިއީ ސަރުކާރުން އެންމެ އިސްކަންދޭން ޖެހޭ ކަމެވެ. އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ހައުސިން ލޯނުގެ އިންޓުރެސްޓްރޭޓްބޮޑުވުމާއި އިމާރާތްކުރާ ތަކެތީގެ އަގު ބޮޑުވުމުގެ އިތުރުން އިމާރާތްކުރުމަށް ގިނަ ފުރުސަތުތަކެއް ދޭންޖެހެ އެވެ.

comment ކޮމެންޓް