24 ކިލޯ ޑްރަގް މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ހ. އެވަޕީސް، އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާ ކޯޓަށް ހާޒިރުކުރަނީ -- ސަންފައިލް ފޮޓޯ

ބޭރުގެ ބަޔަކާ ގުޅިގެން އީރާނުގެ ހޮރުމޯޒު ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ހ. އެވަޕީސް، އަބްދުﷲ ސޮފްވަތާއި ގ. ޓްރަސްޓްހޯމް، އިސްމާއީލް މޫސާގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ދައުލަތުން އެ ދެ މީހުންގެ އުފުލާފައި ވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެއްޗެއް ރާއްޖެއަށް އެތެރެކޮށް ގެންގުޅުމުގެ ދައުވާ އެވެ. ސޮފްއަތާއި އިސްމާއިލް މޫސާގެ މައްޗަށް އެ ދައުވާ ދައުލަތުން އުފުލި ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ދެ މީހުން މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައި ވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ 9:30 އެހައިކަންހާއިރު ކަމަށެވެ.

ހޮރުމޯޒު ނަމަކަށް ކިޔާ އީރާނުގެ ބޯޓުން ރާއްޖެއަށް 24 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ، ޑިންގީއެއްގެ ކައްޅިތަކުގެ ތެރެއަށްލައި ފައިބަރު ޖަހައި ބަންދުކޮށްގެނެވެ. އެ ތަކެތި ބަލައި ހޮރުމޯޒު ބޯޓަށް ދިޔަ މީހުން ފުލުހުން އަތުލައިގަތީ، އއ. މަތިވެރިއާ ދިމާލުން 30 ނޯޓިކަލް މޭލު ބޭރުން މަސްތުވާތަކެތި ފޮރުވާފައިވާ ޑިންގީ ހިފައިގެން ދޯނީގައި އައިސް ހުޅުމާލެއަށް ފޭބިވަގުތު އެވެ.

އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާ ރިޕޯޓުތަކަށް ބެލުމުން ވެސް އިސްމާއިލް މޫސާ އާއި ސޮފްއަތު މައްޗަށް އެ ދައުވާ ސާބިތުވާ ވަރުގެ ހެކި ލިބޭ ކަމަށެވެ. އެހެންކަމުން އެ މީހުންގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ދައުލަތުން ވަނީ އެދިފަ އެވެ.

އިސްމާއީލް މޫސާގެ ފަރާތުން ވަކީލު އަލީ ޝާހު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު ބައެއް ހެކިން ދޮގު ހެކި ދިނުމާއި ހެކިންގެ ހެކިބަހުން އިސްމާއީލް މޫސާގެ މައްޗަށް ސާބިތުވާ ވަރުގެ ހެއްކެއް ނެތްކަން ފާހަގަކޮށްލެވޭ ކަމަށެވެ. އޭގެ އިތުރުން ދައުލަތުން އިސްމާއީލް މޫސާގެ މައްޗަށް ދައުވާކޮށްފައި ވަނީވެސް އިންސާފުވެރިގޮތަކަށް މައްސަލަ ތަހުގީގުނުކޮށް ކަމަށް ޝާހު ވިދާޅުވި އެވެ.

ފުލުހުންގެ ކޯޓު އަމުރަކާއި ނުލައި އިސްމާއީލް މޫސާ ހައްޔަރު ކުރުމާއި އޭނާގެ ގެ ބަލައި ފާސްކުރުމަކީ ވެސް ގާނޫނުއަސާސީއާ ހިލާފަށް ފުލުހުން ކުރި ކަމެއް ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެމައްސަލައިގައި މަސްތުވާތަކެތި ހުރި ކަމަށް ބުނާ ޑިންގީއަކީ ރާއްޖޭން ބޭރުން ރާއްޖެ އެތެރެކުރި އެއްޗެއްކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ވެސް ޝާހުވަނީ ވިދާޅުވެފަ އެވެ.

މައްސަލާގައި ދައުވާ ލިބޭ ސޮފްއާނުގެ ފަރާތުން ވަކީލު އިސްމާއީލް މުހައްމަދަށް ހުލާސާ ބަޔާން އިއްވަން ފުރުސަތު އެރުވުމުން އޭނާ ވަނީ އެހެން ދުވަހަކަށް ހުލާސާ ބަޔާން އިއްވުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. ސޮފްއަތުގެ ވަކީލު ވިދާޅުވީ ސޮފްއަތުގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކުރަން ހުރީ އިސްމާއިލް މޫސާގެ ފަރާތުން ވެސް ފާހަގަ ކުރި ނުކުތާތައް ކަމަށާއި ނަމަވެސް ސޮފްއަތުގެ ފަރާތުން އިތުރު ވާހަކަތަކެއް ފާހަގަ ކުރުމަށް އެހެން ދުވަހަކަށް ތާވަލުކޮށްދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ އެކަމަށް އިއުތިރާޒުކޮށްފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ ޝަރީއަތުގެ މަޖިލީސްތަކުގައި އާންމުކޮށް އަމަލުކުރާ އުސޫލަކީ ދައުލަތަށްވެސް ދައުވާ ލިބޭ ފަރާތައް ވެސް އެއްފަހަރާ ހުލާސާ ބަޔާން އިއްވަން ފުރުސަތު ދިނުން ކަމަށެވެ. އަދި އެހެން ދުވަހަށް ފުރުސަތު ދޭނަމަ ދައުލަތުން މިއަދު ފާހަގަކުރި ކަންކަމަށް ތައްޔާރުވުމަށް ދިފާއުއަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެފުރުސަތު ދައުލަތަށްވެސް ލިބެންޖެހޭނެ ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަބްދުލް ބާރީ ޔޫސުފް ވިދާޅުވީ އިސްމާއީލް މޫސާގެ ފަރާތުން ހުށަހެޅި ބަޔާނަކީ ސޮފްއަތުގެ ފަރާތުން ވެސް ހުށަހެޅި ބަޔާނެއް ކަމަށް ސޮފްއަތުގެ ވަކީލު ފާހަގަކުރުމުން އެއީ ހުލާސާ ބަޔާން އިއްވުނީ ކަމަށެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް އިތުރު އަޑުއެހުމެއް ނުބޭއްވޭނެ ކަމަށް ބުނެ ގާޒީ ވަނީ އަޑުއެހުންތައް ނިންމާލާފަ އެވެ. ސޮފްއަތުގެ ވަކީލު ފުރުސަތަކަށް އެދުމުންވެސް ގާޒީ ބާރީ ވިދާޅުވީ،" މިހާރު އަޑުއެހުންތައް ނިމުނީ" ކަމަށެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު މަސްތުވާތަކެތީގެ މައްސަލަ އެވެ. މައްސަލާގެ ހުކުމްކުރާ ވަކި ދުވަހެއް ގާޒީ އިއުލާނެއް ނުކުރައްވަ އެވެ.

މަސްތުވާތަކެތި ހިފައިގެން ރާއްޖެއައި ހޮރުމޯޒު ބޯޓުގައި ތިބި ޕާކިސްތާނުގެ 11 މީހަކު ވެސް އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް ފުލުހުންގެ ތަހުގީގު ނިމުނުއިރު އެމީހުންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ އެންމެން މިހާރު ވަނީ ޑީޕޯޓުކޮށްލާފަ އެވެ.

comment ކޮމެންޓް