ކަނޑުވުމުގެ ސަބަބުން މިދިޔަ ހަފްތާގައި 700 ރެފިއުޖީން މަރުވެފައިވޭ!

މިދިޔަ ބުދަ ދުވަހު ބަންޑުންޖަހާލި ބޯޓު: ތިން ދުވަހުގެ ތެރޭގައި 700 އަށްވުރެ ގިނަ މީހުން ކަނޑަށް ގެނބިގެން މަރުވެފައިވާ ކަމުގެ ބިރު ވަނީ ހީވެފައި ---

މިދިޔަ ހަފްތާ ތެރޭގައި އެކި ސަބަބުތަކާހުރެ ކަނޑު ހުރަސްކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރުކުރަމުންދިޔަ ތިން ބޯޓެއް ބަންޑުން ޖަހާލައި 700 އަށްވުރެ ގިނަ މީހުން ކަނޑަށް ގެނބިގެން މަރުވެފައިވާ ކަމުގެ ބިރު އޮތް ކަމަށް އދ. ގެ ރެފިއުޖީ އެޖެންސީން ބުނެފި އެވެ.

ޔުނައިޓެޑް ނޭޝަންސް ހައި ކޮމިޝަނާ ފޯ ރެފިއުޖީސް (ޔޫއެންއެޗްސީއާރު) އިން ބުނީ، މިއީ ރެފިއުޖީންގެ ކާރިސާގައި މިހާ ގިނަ އަދަދެއްގެ މީހުން މަރުވި ހަފްތާ ކަމަށެވެ.

އެ އެޖެންސީން ގަބޫލުކުރާ ގޮތުގައި މިދިޔަ ބުދަ ދުވަހު ބަންޑުން ޖަހާލައި އަޑިއަށްދިޔަ، ލަކުޑި ބޯޓަކުން ދަތުރުކުރި 100 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީ އެއް ނޭނގި ގެއްލިފައެވެ.

މީގެ އިތުރުން މިދިޔަ ބުދަ ދުވަހު ލީބިޔާގެ ބަނދަރަކުން ފުރައިގެން ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުން ޖަހާލައި އެބޯޓުން ދަތުރުކުރި 670 މީހުންގެ ތެރެއިން 550 މީހުން މަރުވެފައިވާ ކަމުގެ ބިރު އެބަ އޮތް ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އެ ހާދިސާގައި ސަލާމަތްވި ބައެއް މީހުން ބުނިގޮތުގައި، އެމީހުން ދަތުރުކުރި ބޯޓުގައި އިންޖީނެއް ނެތެވެ. އަދި ކަފު ޖަހާފައި ގެންދިޔަ އެ ބޯޓު ބަންޑުން ޖަހާލުމުން 25 މީހަކު ފަތާފައި ދެ ވަނަ ބޯޓަށް އެރި އިރު، 79 މީހަކު ސަލާމަތްކުރީ މެޑިޓޭރިއަންގައި ހަރަކާތްތެރިވާ އިންޓަނޭޝަނަލް މިޝަންގެ މެމްބަރުންނެވެ.

ޔޫއެންއެޗްސީއާރުގެ ތަރުޖަމާން ކާލޮޓް ސާމީ ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ވެސް ބޯޓެއް ބަންޑުންޖަހާލި ބޯޓަކުން 135 މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ. އަދި 45 މީހެއްގެ ހަށިގަނޑު ކަނޑުން ނަގާފައިވާއިރު، ސަލާމަތްވި ބައެއް މީހުން ބުނާގޮތުން ގެއްލިފައި އަދި އެތައް ބަޔަކުވެ އެވެ.

ތުރުކީ އަދި ގްރީސް އިން ޔޫރަޕަށް އެތެރެވާން އޮންނަ މަގު ބަންދުކުރުމާ ގުޅިގެން، ރައްކާތެރިކަމެއް ނެތް ބޯޓު ފަހަރުތަކުގައި ލީބިޔާއިން އިޓަލީގެ ދެކުނުގެ ރަށްތަކަށް މީހުން ޓްރެފިކް ކުރުން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް