އިސްލާމިކް ފައިނޭންސްގެ ދަށުން ރިސޯޓުތައް ތަރައްގީ ކުރާނަން: ޖިހާދު

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމިކް ފައިނޭންސްގެ ދަށުން ރާއްޖޭގައި ރިސޯޓުތައް ތަރައްގީ ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އިސްލާމިކް ކްރެޑިޓް ސޭލްސް ބައިޢު މުޢައްޖަލްގެ ޚިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް އެންމެ މުހިންމު ދާއިރާ ކަމުގައިވާ، ފަތުރުވެރިކަން ފުޅާކުރުމަށް އިސްލާމިކް ފައިނޭންސް ބޭނުންކުރެވޭނީ ކިހިނެއްތޯ، މިނިސްޓްރީން ދިރާސާ ކުރަމުންދާ ކަމަށާއި އަމާޒަކީ އެ އުސޫލުގެ ދަށުން ރާއްޖޭގައި ރިސޯޓުތައް ހެދި، ހުޅުވަމުން ދިއުން ކަމަށެވެ.

"އެއީ މިނިސްޓްރީން މިހާރު ވެސް ބަލަމުންދާ ކަމެއް. އިސްލާމިކް ފައިނޭންސް ބޭނުންކޮށްގެން ރާއްޖޭގެ ރިސޯޓުތައް ވެސް، އިސްލާމީ ޝަރީޢާއާ އެއްގޮތަށް ހުޅުވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް މޯލްޑިވްސް އިސްލާމިކް ފައިނޭންސް ސެންޓަރާއި، ޚާޒާނާ މޯލްޑިވްސްގެ ނަމުގައި ދެ ކުންފުންޏެއް އުފައްދާފައިވާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިސްލާމިކް ފައިނޭންސް ރާއްޖޭގައި ވަރަށް ފުޅާ މިނެއްގައި ތައާރަފު ވަމުން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން ނިންމާފައި ވަނީ، ރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ ސަރަހައްދީ ނާރެހަކަށް ހެދުމަށެވެ. އެގޮތުން، ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ދޭ ބައިނަލްއަގުވާމީ ސެންޓަރެއް ގާއިމު ކުރުމަށާއި، އެތަން ހުޅުމާލޭގައި ހެދުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ޖިހާދު ވިދާޅުވީ، އެ ސެންޓަރު އެޅުމަށް އެޗްޑީސީއިން ވަރަށް ބޮޑު ބިމެއް ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ކަމަށާއި އެތަން ގާއިމު ކުރަންވާ އިރަށް، ހުޅުމާލޭގައި ގާއިމުކުރަން ޖެހޭ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"އޭރުން އިސްލާމިކް ފައިނެންސް ސެންޓަރުގެ މަސައްކަތް ފަސޭހަ ކަމާއެކު ކުރެވޭނެ މާހައުލެއް ގާއިމުކުރެވިގެން ދާނެ،" ޖިހާދު ވިދާޅުވި އެވެ.

comment ކޮމެންޓް