ޗެމްޕިއަންސް ލީގުގެ ކާމިޔާބަކީ ރެއާލަށް ވަރަށް ރަނގަޅު ދަތުރެއް: ބޭލް

ރެއާލް މެޑްރިޑުގެ ވޭލްސް ތަރި ގެރެތު ބޭލް، ޗެމްޕިއަންސް ލީގުގެ ތަށި އުފުލައިލަނީ: އޭނާ ވަނީ ރެއާލް އާއެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި --- ފޮޓޯ: އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކާމިޔާބަކީ ރެއާލް މެޑްރިޑަށް ވަރަށް ރަނގަޅު ދަތުރެއް ކަމަށް އެ ކްލަބުގެ ވޭލްސް ތަރި ގެރެތު ބޭލް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީގައި 5-3 ލަނޑުން އެތުލެޓިކޯ މެޑްރިޑުގެ މައްޗަށް ކުރި ހޯދައި، ރެއާލުން ވަނީ 11 ވަނަ ފަހަރަށް އެ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ރޭ ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ޕެނަލްޓީއާ ހަމައަށް ދިޔައީ އިތުރު ވަގުތުގެ ދެ ހާފު ކުޅެ، 1-1 ލަނޑުން ދެ ޓީމު އެއްވަރުވުމުންނެވެ.

ޓޮޓެންހަމް ހޮޓްސްޕާއިން ރެއާލްއާ 2013 ވަނަ އަހަރު ގުޅުނު ބޭލް ވަނީ މިހާރު ރެއާލްއާއެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ ހޯދި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ތަށި 2014 ވަނަ އަހަރު ހޯދީ ވެސް ފައިނަލުގައި އެތުލެޓިކޯ އަތުން ރެއާލް މޮޅުވެގެންނެވެ.

"ހުރިހާ ކުޅުންތެރިން ވެސް އެންމެ ރަނގަޅު ކުޅުން ދެއްކި. މިއީ ކްލަބު އަދި ސަޕޯޓަރުންނަށް ވެސް ވަރަށް ރަނގަޅު ދަތުރެއް. މިއީ އަހަރެމެންނަށް ހައްގު ކާމިޔާބެއް. ބައެއް ކުޅުންތެރިން އުނދަގޫތަކަކާ ކުރިމަތިލި. އެކަމަކު އަހަރެމެން މަސައްކަތްކުރީ އެކަން ނުދެއްކުމަށް،" ބީޓީ ސްޕޯޓް އަށް ދިން އިންޓަވިއުއެއްގައި ބޭލް ބުންޏެވެ.

ބޭލް ބުނީ، ފައިނަލު މެޗުގައި އެތުލެޓިކޯ އިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެކަމަކު ކޮންމެ ޓީމަކާ ދެކޮޅަށް ނުކުތަސް މޮޅުވާން ޖެހޭ ކަމަށެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ ރެއާލް އާއި އެތުލެޓިކޯ ކުޅުނު ނަމަވެސް، ސްޕެނިޝް ލަލީގާ އަދި ސްޕެނިޝް ކަޕް ކާމިޔާބުކުރީ ބާސެލޯނާ އިންނެވެ.

comment ކޮމެންޓް