ދުނިޔެއާ ވައްތަރު ޕްލެނެޓެއް، ސައިންވެރިން ބުނަނީ ދިރުން ހުރެދާނެ ކަމަށް!

ކެޕްލާ 62އެފް

ދުނިޔެއާ 1،200 ލައިޓް އިޔާ (އަލި އަހަރު) ދުރުގައި ހުރި ތަރިއެއް ވަށައިގެން އެނބުރެމުންދާ، ދުނިޔެއާ ދާދި ވައްތަރު ޕްލެނެޓެއްގައި ދިރުންތަކަށް އުޅެވިދާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފި އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި، މި ޕްލެނެޓު ދުނިޔެއާ ވައްތަރުވުމުގެ އިތުރުން، އެތަނުގައި ދުނިޔެ ފަދައިން ދިރުންތަކަށް ސަޕޯޓު ކުރެވޭ ފަދަ ކޮންޑިޝަންތަކެއް ވެސް ވެ އެވެ.

ކެޕްލާ 62އެފް ނަމަކަށް ކިޔާ މި ޕްލެނެޓަކީ، ދުނިޔެއަށް ވުރެ 40 ޕަސަންޓު ބޮޑު ޕްލެނެޓެކެވެ. މި ޕްލެނެޓު ނާސާއިން ހޯދާފައިވަނީ 2013 ވަނަ އަހަރު އެވެ. މި ޕްލެނެޓު ކައިރީގައި އިތުރު ހަތަރު ޕްލެނެޓު ވެސް ހުރެ އެވެ. ނާސާގެ ސައިންސްވެރިން ބުނާ ގޮތުގައި، ކެޕްލާ 62އެފްގެ "އިރު"ގެ ގޮތުގައިވާ ތަރި ވަށައިގެން މި ހަތަރު ޕްލެނެޓު ވެސް އެނބުރެ އެވެ.

ކެޕްލާ 62އެފްގެ ކޮމްޕިއުޓަރު ސިމިއުލޭޝަންތަކެއް ހަދާފައިވާ އިރު، ނަތީޖާތައް ދައްކާ ގޮތުގައި އެތަނުގެ އެޓްމޮސްފިއާ ނުވަތަ ޖައްވު ހުރި ގޮތުގެ ސަބަބުން، އެތަނުގައި ދިރުންތަކަށް އުޅެވޭނެ ކަމަށް ބެލެވޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ލޮސް އެންޖެލެސްގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ލީޑު ސައިންޓިސްޓް ޑރ އައޯމަވާ ޝީލްޑްސް ވިދާޅުވީ، އެ ޕްލެނެޓުގެ ޖައްވުގެ ކޮންޑިޝަންތައް ހުރި ގޮތުން، އެތަނުގައި ފެން ހުރެދާނެ ކަމަށެވެ.

"މިކަމުގެ ސަބަބުން، ދިރުންތަކަށް ސަޕޯޓު ކުރާނެ، ދިރިއުޅެވޭނެ ޕްލެނެޓަކަށް މިތަން ވޭ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ޕްލެނެޓާއި، އޭގެ ކައިރީގައިވާ ތަރީގެ ޑިސްޓަންސްގެ ސަބަބުން އެތަނަށް ގްރީންހައުސް އެފެކްޓް ބޭނުންވާ ކަމަށާއި، އެކަމަށް ކާބޮންޑައިއޮކްސައިޑް ގޭސް ބޭނުންވާނެ ކަމަށް ޑރ ޝީލްޑްސް ވިދާޅުވި އެވެ.

comment ކޮމެންޓް