ބީއެމްއެލްއިން މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ ފެންވަރުގައި ރިސްކް މެނޭޖުކުރުމަށް: ހީލީ

ބީއެމްއެލްއިން މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ބޭންކް އޮފް މޯލްޑިވްސްއިން މަސައްކަތް ކުރަނީ، އެކުންފުންޏަށް ލިބޭ މާލީ އަދި އެހެނިހެން ގެއްލުންތައް، ބައިނަލްއަގުވާމީ ފެންވަރުގައި މެނޭޖު ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ކަމަށް އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާދާރުން ޚިޔާލު ފާޅުކުރުމުގެ ފުރުސަތުގައި، އެ ބޭންކުގެ އާންމު ހިއްސާދާރަކު ވަނީ، ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތް ކަމުގައިވާ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ބީއެމްއެލްގެ ނަން އަންނަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި އެ މައްސަލައިގައި ބޭންކުގެ އިހުމާލެއް ނުވާނެ ކަމުގެ ޔަގީންކަމެއް ބޭންކުގެ ބޯޑުން ދިނުމަށް ހިއްސާދާރު އެދުނެވެ.

ޖަވާބުގައި، ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ބީއެމްއެލްގެ ބައިވެރިވުމެއް އެކަމުގައި ނުވާކަން، އެ ބޭންކުގެ މާލީ ހިސާބުތަކަށް ބަލާލުމުން ވެސް އެނގޭނެ ކަމަށެވެ.

އަހަރީ އާންމު ޖަލްސާ ފެށުމުގެ ގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ދެއްކެވި ވާހަކައިގައި ވަނީ، އެ ބޭންކުގެ މާލިއްޔާ ރަނގަޅުވެފައިވާ ވަރުގެ މައްޗަށް އަލި އަޅުއްވާލައިފަ އެވެ.

އެންޑްރޫ ވިދާޅުވީ، ބޭންކަށް ލިބޭ އެކި ކަހަލަ ހީރާސް (ރިސްކު) މެނޭޖު ކުރުމަށް ބޭންކުން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި އެކަންކަން، ބޭންކުގެ މާލީ ހިސާބުތަކާއި، ބޭންކަށް ލިބިފައިވާ މާލީ ގެއްލުމާއި ހިންގުމުގެ ގެއްލުމާއި، ބީއެމްއެލް ބޯޑުގެ ރިސްކް މެނޭޖްމެންޓް ކޮމިޓީގެ ފަރާތުން ބުނާ އެއްޗަކުން ހާމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއްގައި ވެސް ބީއެމްއެލުން ވަނީ ރަނގަޅު ނަތީޖާތަކެއް ދައްކާފައި. އަޅުގަނޑުމެންގެ އަހަރީ ރިޕޯޓު ބައްލަވާލައްވާ. ބޭންކު ހިންގައިގެން ލިބުނު ގެއްލުން ވަރަށް ކުޑަ ކޮށްފައި ވާނީ. ކްރެޑިތް ލޮސް މިހާރު ހުންނާނީ، މިދިޔަ ދެ އަހަރު ހުރި މިންވަރުގެ ހަތަރު ބައި ކުޅަ އެއްބަޔަށް ކުޑަ ކޮށްފައި،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބީއެމްއެލްއިން މަސައްކަތް ކުރަނީ ހަމައެކަނި ރާއްޖޭގެ ރެގިއުލޭޓަރީ ސްޓޭންޑަޑްތަކަށް އެ ބޭންކު ފެއްތުމަށް ނޫން ކަމަށާ، ބޭރުގެ ތަޖުރިބާރާކުންގެ އަލީގައި، ރިސްކް މެނޭޖްމެންޓުގެ ބައިނަލްއަގުވާމީ ސްޓޭންޑަޑުތައް ހާސިލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ބީއެމްއެލްއިން މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި، ހިއްސާގެ ފައިދާގެ ގޮތުގައި 91.4 މިލިޔަން ރުފިޔާ ބެހުމަށް ވަނީ ނިންމައިފަ އެވެ. އެއީ ހިއްސާއަކަށް 17 ރުފިޔާ އެވެ. މިއީ ބޭންކުގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދޭ ރިކޯޑު އަދަދެކެވެ. އަދި މިއީ ހިއްސާދާރުންނަށް ރިކޯޑު އަދަދަކަށް ހިއްސާގެ ފައިދާ ބަހާ ތިންވަނަ އަހަރެވެ.

comment ކޮމެންޓް