ޓޮޕްޓެން ޖަލްސާ ހުއްޓުވަން އަމުރަކަށް އެދިފައި ވަނިކޮށް ޖަލްސާ މާދަން ރޭ

މިދިޔަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް އިމްތިހާނުގައި މުޅި ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އައްޑޫ ހައި ސްކޫލުގައި އޭލެވެލް އިމްތިހާނު ހެދި ދަރިވަރަކު އެޑިއުކޭޝަން މިނިސްޓްރީގެ އިހުމާލުން އޭލެވެލް ގަދަ 10ގެ އެއްވަނާގައި ނުހިމެނުނު ކަމަށް ބުނެ ހުށަހެޅި މައްސަލަ ނުނިމެނީސް ޖަލްސާ ނުބޭއްވުމުގެ އަމުރެއް ނެރެދެއްވުމަށް އެ ދަރިވަރުގެ ފަރާތުން ކޯޓަށް ހުށަހަޅާފައި ވަނިކޮށް މާދަމާ ރޭ ޖަލްސާ ބާއްވަން ތައްޔާރުވެއްޖެ އެވެ.

އައްޑޫ ހައި ސްކޫލުގައި އޭލެވެލް ހެދި ސ. ހިތަދޫ، އޭނާޒް، މަރްޔަމް ނައުފާ އެޑިއުކޭޝަން މިނިސްޓްރީއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭނާ ހެދި ޖީސީއީ އޭލެވެލްގެ މާއްދާތަކުގެ ޔުނިޓްތަކުގެ ނަތީޖާ ކޭޝްއިން މައްސަލަތަކަކާއި ގުޅިގެން 2015 ޖޫންގައި އަލުން ހެދި ކަމަށެވެ. ނަމަވެސް 2016 ވަނަ އަހަރު ބާއްވާ އޭލެވެލްގެ ގައުމީ ގަދަ ދިހައެއް ހޮވުމުގައި، ޖޫން 2015ގައި ހަދާފައިވާ އެޗްއެސްސީގެ ނަތީޖާ ނުހިމަނާ ގޮތަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ނިންމާފައި ވާތީ، އެ މިނިސްޓްރީން ނިންމަވާފައިވާ ނިންމެވުމަކީ ބާތިލު ނިންމެވުމެއް ކަމަށް ކަނޑަޅުއްވައި ދެއްވުމަށް ދައުވާގައި ވަނީ އެދިފަ އެވެ. އަދި ނައުފާއަކީ އޭލެވެލް ގަދަ ދިހައެއްގެ އެއް ވަނަ ލިބޭ ކުއްޖެއް ކަމުގައި ނިންމަވައި ދެއްވުމަށް ވެސް ދައުވާގައި ވަނީ އެދިފަ އެވެ.

އެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ކުރިއަށްދާއިރު މައްސަލަ ނުނިމެނީސް ޖަލްސާ ނުބޭވުމުގެ އަމުރެއް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ނެރެދެއްވުމަށް އެދި ނައުފާގެ ވަކީލު ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް އަމުރާ ބެހޭ ގޮތުން ކޯޓުން އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

އޭލެވެލް ޓޮޕްޓެން ޖަލްސާ މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު ޖަލްސާގެ ރިހާސަލްތައް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ކޯޓުގައި އަމުރަކަށް އެދުނު ނަމަވެސް އަމުރެއް ނުނެރޭހާ ހިނދަކު ޖަލްސާ ކުރިއަށް ގެންދެވޭނެ އެވެ.

ޖީސީއޭލެވެލް 2014 ވަނަ އަހަރު އިމްތިހާނުގައި ބައިވެރިވެ އިސްލާމް މާއްދާ އިން ބީ ފާސް ލިބުމާ ގުޅިގެން ޕޭޕަރު ރިމާކިންގް އަށް ނައުފާ ވަނީ ހުށަހަޅައިފަ އެވެ. ޕޭޕަރު ރިމާކިން އަށް އޭނާ ހުށަހަޅާފައި ވަނީ ޕޭޕަރު މާކު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިގެން ކަމަށް ދައުވާގައި އޭނާ ވަނީ ބުނެފަ އެވެ. ނަމަވެސް އެޑިއުކޭޝަންގެ އިހުމާލުން ނަތީޖާ ލިބުން ލަސްވެ، 2015 ޖޫންގައި އޮތް އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް އެ މިނިސްޓްރީ އިން އެންގި ކަމަށް ދައުވާގައިވެ އެވެ.

އެ އެންގުމާ އެއްގޮތަށް ނައުފާ 2015 ޖޫން މަހު އަލުން އިސްލާމް މާއްދާ ހަދައި އެ މާއްދާ އިން އޭ ފާސް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ. އެ ފަހަރު ކޭޝްއިން މައްސަލައަކާ ގުޅިގެން އަލުން އެ މާއްދާ ހެދި ހުރިހާ ކުދިންގެ ނަތީޖާ 2016 އޭލެވެލް ގަދަ 10 ހޮވާ އިރު ހިމަނާނެ ކަމަށް ބުނެ އެޑިއުލޭޝަން މިނިސްޓްރީ އިން ވަނީ އައްޑޫ ހައި ސްކޫލަށް ސިޓީއެއް ފޮނުވާފަ އެވެ.

"ދަރިވަރުންނަށް ގެއްލުން ނުވާނެ ގޮތެއްގެމަތިން އެ ދަރިވަރުންނަށް 2015 ޖޫންގައި ބާއްވާ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ވެސް ދެންނެވީމެވެ. އަދި މިގޮތަށް ދިމާވުމުގައި އެދަރިވަރުންގެ އިހްމާލެއް ނުވާތީ އެދަރިވަރުންގެ އެ މާއްދާތަކުގެ ފީ ސަރުކާރުން ދައްކައިދޭނެ ވާހަކަ ވެސް ދެންނެވީމެވެ. އަދި 2014 ޖޫން އާއި 2015 ޖޫންގައި އެ ދަރިވަރުން ހޯދާ ނަތީޖާތަކުގެ މައްޗަށް ބަލައި 2016 ވަނަ އަހަރު ބާއްވާ ޓޮޕްޓެން ޖަލްސާގައި ގައުމީ ގަދަ ދިހައަކަށް ވާދަ ކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ވާހަކަ ވެސް ދެންނެވީމެވެ." އެޑިއުކޭޝަނުން އައްޑޫ ހައި ސކޫލަށް ފޮނުވާފައިވާ ސިޓީގައި ވަނީ ބުނެފަ އެވެ.

ނަމަވެސް މިފަހަރު އޭލެވެލް ޓޮޕް 10 ހޮވުމުގައި 2015 ޖޫންގައި ހެދި މާއްދާތައް ނުހިމަނާ ކަމަށާއި ހިމަނަނީ 2014 ވަނަ އަހަރު ޖެނުއަރީގައި ހެދި މާއްދާތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވާތީ އެ ނަތީޖާ އަށް ބަލައި ނައުފާއަށް އެއް ވަނައިގެ ބަދަލުގައި ދެ ވަނަ ލިބޭ ކަމަށް ދައުވާގައި ބުނެފައިވެ އެވެ. އަދި އެއީ ބާތިލު ނިންމެވުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށް ދައުވާގައި ވަނީ އެދިފަ އެވެ.

އޭލެވެލްގެ ގަދަ އެކެއްގައި ހިމެނޭ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސާ ސްކޮލަޝިޕް ލިބިގެންދާނެ އެވެ. އެއީ ހުރިހާ ހަރަދެއް ސަރުކާރުން ކުރާ ބޭނުން ދާއިރާއަކުން ބޭނުން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާ ސްކޮލަޝިޕެކެވެ.

comment ކޮމެންޓް