ކޮންޓެއިނާ އުފުލާ ވެހިކަލަކުންޖެހި ރައިވެރިބޭ މައިޒާނަށް ގެއްލުންތަކެއްވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން ވިދާޅުވި ރޭ ފަތިހުގެ ވަގުތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ކޮންޓެއިނާ އުފުލާ ޓުރެއިލާއެއްޖެހި އެޕާކުގެ ފެންސުގައި ޖެހި ފެންސަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
"[ޓުރެއިލާ] ލަނބާލަނިކޮށް އެތަނުގެ ލަކުޑި ފެންސުގައި ޖެހިގެން ހަލާކުވީ. ހަމައެކަނި ފެންސަށް ގެއްލުން ލިބުނީ،" ފަޒާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލިބުނު ގެއްލުންތައް މިނިސްޓްރީން މަރާމާތު ކުރާނެ ކަމަށެވެ.
ރައިވެރިބޭ މައިޒާނަށް ގެއްލުންތަކެއްވެފައިވާ އިރު ވަރަށް ފަހުން ވަނީ ދެ ފަހަރެއްގެ މަތިން ދެ ދޯނި ޖެހި ކުރީގެ ތިން ރުއް ޕާކްގައި ހަދާފައިވާ ސުނާމީ ބިނާ މައިޒާނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.