އިންޑިޔާގެ ބާބްރީ މިސްކިތުގެ ގުއްބު ތަޅައިލަން ފުރަތަމަ ކޯރާޑީން ޖެހި މީހާ އިސްލާމް ވެއްޖެ

ބަލްބީރު ބާބްރީ މިސްކިތް ތަޅައިލުމަށް މިސްކިތުގެ ގުއްބުގެ މަތީގައި (ވ) އަދި އިސްލާމްވުމަށް ފަހު (އ)

އިންޑިޔާގެ އަޔޯދިޔާގައި ހުރި ބާބްރީ މިސްކިތުގެ ގުއްބު ތަޅައިލަން ފުރަތަމަ ކޯރާޑީން ޖެހި މީހާ އިސްލާމް ވެއްޖެއެވެ. ހައްދު ފަހަނައަޅައިފައިވާ ހިންދޫއެއްގެ ގޮތުގައި ކުރީން ހުރި ބަލްބީރު އިސްލާމްވުމަށް ފަހު އިހްތިޔާރުކޮށްފައިވާ ނަމަކީ މުޙައްމަދު އާމިރު މި ނަމެވެ.

ހަރުކަށި ހިންދޫން ބާބްރީ މިސްކިތް ތަޅައިލީ، އެ މިސްކިތް ބިނާ ކުރެވިފައިވާ ތަނަކީ ހިންދޫންގެ މުގައްދަސް ފަރާތެއް ކަމަށް ވާ ރާމާ އުފަންވީ ތަން ކަމަށް ބުނެއެވެ. އިންޑިޔާގައި ހިންދޫންނާ މުސްލިމުންގެ ދެކޮޅުވެރިކަން އެންމެ ބޮޑުވެގެން ދިޔަ މައިގަނޑު ސަބަބު ކަމުގައި ގިނަ ބަޔަކު ދެކެނީ ބާބްރީ މިސްކިތުގެ މައްސަލައެވެ. ބާބްރީ މިސްކިތަކީ މީލާދީން ސޯޅަވަނަ ގަރުނުގެ މެދުތެރޭގައި މުގަލް ރަސްގެފާނު ބާބުރް ބިނާ ކުރެއްވި މިސްކިތެކެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ފާއިޒްއާބާދު ޒިލާގެ އަޔޯދިޔާ ޝެހެރުގައި ހުރި ބާބްރީ މަސްޖިދަކީ މުޅި އުއްތަރުޕްރަދޭޝްގައި ވެސް އޭރު ހުރި އެންމެ ބޮޑު އެއް މިސްކިތެވެ.

ބާބްރީ މިސްކިތް ތަޅައިލުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުނު ބަލްބީރު އެ މިސްކިތް ތަޅައިލުމުގެ މަސައްކަތަށް ފަހު ވެސް ދިޔައީ އިސްލާމްދީނުގެ އަދުއްވެއްގެ ގޮތުގައި މުސްލިމުންނާ ދެކޮޅަށް ތަފާތު އެތައް ކަމެއް ރާވައި ހިންގަމުންނެވެ. މި ގޮތުން އިސްލާމީ އިލްމުވެރީން ވަގަށް ނަގައި އަވަހާރަކޮށްލުމުގެ ސިލްސިލާއެއް ވެސް ބަލްބީރު ރޭވިއެވެ. މި ގޮތުން އުއްތަރުޕްރަދޭޝްގެ ދެޔޯބަންދަށް ބަލްބީރު ދިޔައީ މުސްލިމު އިލްމުވެރިއެއް ކަމަށް ވާ މައުލާނާ ކަލީމް ސިއްދީގީ އަވަހާރަކޮށްލަން ވެގެންނެވެ.

މައުލާނާ ކަލީމް ސިއްދީގީ އަވަހާރަ ކޮށްލުމަށް ފުރުސަތު ހޯދުމުގެ ގޮތުން ބަލްބީރު މައުލާނާއާ ބައްދަލު ކުރިއެވެ. މި ގޮތުން ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ތެރޭގައި ބަލްބީރަށް އިސްލާމް ދީނަކީ ހައްގު ދީން ކަން ވިސްނުނެވެ. އެ ހިސާބުން އިސްލާމް ވުމަށް ބަލްބީރު ނިންމިއެވެ. އަދި މައުލާނާގެ އަތްޕުޅު މައްޗަށް އިސްލާމްވެ މުޙައްމަދު އާމިރުގެ ނަން އިހުތިޔާރުކުރިއެވެ. މިއަދު އެއީ ބަލްބީރެއް ނޫނެވެ. އެއީ އިންޑިޔާގައި އިސްލާމްދީން ކުރިއެރުވުމަށް ހިއްވަރާ އެކު މަސައްކަތް ކުރާ މާސްޓަރު މުޙައްމަދު އާމިރުއެވެ.

comment ކޮމެންޓް