ލުއިސް ވެންހާލް ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށްފި

މެންޗެސްޓާ ޔުނައިޓެޑުން މިއަދު ލުއިސް ވެން ހާލް އެޓީމުގެ ކޯޗުކަމުން ވަކިކޮށްފައި -- ފޮޓޯ: ބީބީސީ

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ހުރި ނެދަލޭންޑްސްގެ ލުއިސް ވެން ހާލް އެ މަގާމުން ވަކިކޮށްފިއެވެ.

ވެންހާލް ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށްފައި މިވަނީ އެޓީމުގެ ކޯޗުކަމުގެ މަގާމަށް ޗެލްސީގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯ ހަމަޖައްސަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ 2004 ވަނަ އަހަރަށް ފަހު އިނގިރޭސި އެފްއޭ ކަޕްގައި ބީހިލުމުގެ ފުރުސަތު ވެން ހާލްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް ލިބުނުތާ ގިނައިރުތަކެއް ނުވަނީސް އޭނާ ކޯޗުކަމުން ދުރުކޮށް މޮރީނިއޯ އެ މަގާމަށް ހަމަޖައްސަން އުޅޭކަމުގެ އަޑުތައް ފެތުރިގެން ދިޔައެވެ.

ލުއިސް ވެން ހާލް އާއި ހޯޒޭ މޮރީނިއޯ، 2014 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް. ވެން ހާލަށް ފަހު ޔުނައިޓެޑާ ހަވާލުވާނޭ ކަމަށް ބެލެވެނީ މޮރީނިއޯ -- ފޮޓޯ: ބީބީސީ

އޯލްޑް ޓްރެފޯޑްގައި ވެންހާލް ހޭދަކުރި ދެ އަހަރު ދުވަހުގެ ތެރޭގައި އެޓީމުގެ ކުރިއެރުމާއި ކުޅުމުގެ ވައްޓަފާޅިއަށް މާކަބޮޑު ބަދަލުތަކެއް ގެނެވިފައި ނުވާކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު، މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގުގައި ޔުނައިޓެޑަށް ކާމިޔާބުކުރެވިފައި ވަނީ އެންމެ 49 ގޯލްއެވެ.

ވެން ހާލް ޔުނައިޓެޑާ ހަވާލުވި ފުރަތަމަ ސީޒަންގައި އެކްލަބް ވަނީ ލީގުގެ ހަތަރު ވަނަ ހޯދައިފައެވެ. އެހެން ނަމަވެސް ނިމިދިޔަ ސީޒަން އެޓީމު ނިންމާލީ ލީގުގެ ފަސްވަނައިގައެވެ.

އުމުރުން 64 އަހަރުގެ ވެންހާލް މިއަދު ޔުނައިޓެޑްގެ ކެރިންޓަން ޓްރެއިނިން ގްރައުންޑަށް ދިއުމާއެކު ކްލަބުގެ މެނޭޖްމަންޓުން ވަނީ އޭނާ ދޫކޮށްލިކަން އަންގައިފައެވެ. ވެން ހާލް 2014 ވަނަ އަހަރު ޔުނައިޓެޑާ ހަވާލުވިއިރު އޭނާގެ ބެކްރޫމް ސްޓާފުންގެ ގޮތުގައި ހަމަޖެއްސި ފަރާތްތައްވެސް ވަނީ މިއަދު އެމީހުންގެ ސާމާނުތައް ޕެކްކޮށް، މޭޒުތައް ހުސްކޮށްފައިކަމަށް ވެއެވެ.

މީގެ އިތުރުން ކްލަބްގެ އެކްޒެކެޓިވް ވައިސް-ޗެއަރމަން އެޑް ވުޑްވާޑް ވެސް އެވަގުތު ކްލަބްގެ ލޯޔަރާއެކު ކެރިންޓަން ޓްރެއިނިން ގްރައުންޑުން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކްރިސްޓަލް ޕެލަސް އަތުން 2-1 އިން މޮޅުވެ ކާމިޔާބުކުރި އެފްއޭ ކަޕް ޓްރޮފީއަކީ ޔުނައިޓެޑް އެ މުބާރާތް ކާމިޔާބުކުރި 12 ވަނަ ފަހަރު. މީގެ ކުރިން އެންމެ ފަހުން އެތަށި ޔުނައިޓެޑް ހޯދީ 2004 ވަނަ އަހރު ފާގަސަންގެ ކޯޗް ކަމުގައި -- ފޮޓޯ: ބީބީސީ

މޮރީނިއޯ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފައެވެ. ސީޒަންގެ ކުރީކޮޅުގައި ރަނގަޅު ނަތީޖާއެއް ނުނެރެވި، ރެލިގޭޝަންގެ ބިރު ހީވުމާއެކު ޗެލްސީން މޮރީނިއޯ އެޓީމުގެ ކޯޗުކަމުން ވަކިކުރި ހިސާބުން ފެށިގެން އޭނާ ހުރީ އެހެން ކްލަބަކާ ހަވާލު ނުވެއެވެ. އެހެން ނަމަވެސް އޭރުންސުރެވެސް މޮރީނިއޯ އަންނަނީ ޔުނައިޓެޑްގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ވެން ހާލް ޔުނައިޓެޑާ ހަވާލުވެ މިދިޔަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް އާ ކުޅުންތެރީން ގެންނަން 250 މިލިއަން ޕައުންޑް ހޭދަކުރި ނަމަވެސް މިފަހަރުގެ ޗެމްޕިއަސް ލީގުގެ ގްރޫޕް ސްޓޭޖުން އެޓީމު ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތުވެސް ވަނީ ގެއްލިފައެވެ.

ސަރ އެލެކްސް ފާގަސަން 2012-13 ސީޒަނަށް ފަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިވި ފަހުން އެޓީމަށް އިނގިރޭސި ލީގުގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނިފައެއް ނުވެއެވެ.

~ ~ ~ މަސްދަރު: ގޯލް.ކޮމް

comment ކޮމެންޓް