މި ވެރިކަމުގެ ދެ ދައުރު ނިމޭއިރު ރާއްޖޭގެ ސިއްހީ ނިޒާމް ފައްކާވާނެ: މިނިސްޓަރު

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ހެލްތު މިނިސްޓްރީ

ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސީ ދެ ދައުރު ނިމޭއިރު ރާއްޖޭގެ ސިއްހީ ނިޒާމް ފައްކާވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން، ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ ފާލުން ނެއްޓި، ބަލިހާލު ބޮޑުވެފައި ކަމަށެވެ.

"ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗް އޮތީީ ހާލުބޮޑުވެ ވީރާނާވެފައި. އަތޮޅުތެރޭގެ ހިދުމަތްތައް ފުޅާ ނުކުރެވުނުއިރު، އިމާރާތްތައް ވެސް ހުރީ ބާވެ ވީރާނާ ވާން ފަށާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ސިއްހީ ގިނަ ކުރިއެރުންތަކެއް ރާއްޖެއިން ހޯދި ނަމަވެސް މި ވެރިކަން އައުމުގެ ކުރިން އޮތް ސިއްހީ ހާލަތުން އަދިވެސް އަރައި ނުގަނެވިފައިވާ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެންނަމުންދާ ބޮޑެތި ބަދަލުތަށް ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ވީރާނާވެފައިވާ އައިޖީއެމްއެޗް އާ ހޮސްޕިޓަލަކަށް ހަދައި އަތޮޅު ތެރޭގެ ސިއްހީ އިމާރާތްތައް މަރާމާތުކޮށް ތަރައްގީ ކުރުމަށް މި ސަރުކާރުގެ ތިން އަހަރާ ބައިގެ ތެރޭގައި 500 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކުޅުދުއްފުށީގައި ތަރައްގީ ކުރާ ޓާޝަރީ ހޮސްޕިޓަލަކީ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރެއްވުމަށް އެންމެ އިސްކަމެއް ދެއްވި އަދުގެ ރައީސް، ރައީސް ޔާމީންގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

އަދި ކުޅުދުއްފުށި ޓާޝަރީ ހޮސްޕިޓަލް ވެގެންދާނީ ބޮޑު ތިލަދުންމަތީގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް