މޮރީނިއޯ ޔުނައިޓެޑާ ހަވާލުވުމުގެ ތައްޔާރީތައް ވާން ފަށާއިފި

ޔުނައިޓެޑްގެ މިހާރުގެ ކޯޗު ވެން ހާލް(ކ) އަދި ކުރީގެ ޗެލްސީގެ ކޯޗު މޮރީނިއޯ ---

އިނގިރޭސި ކުލަބު ފުޓްބޯޅައިގެ ރަސްގެފާނު މެންޗަސްޓާ ޔުނައިޓެޑްގެ ކޯޗު ކަމާއި ހޯސޭ މޮރީނިއޯ ހަވާލުވާން އުޅޭ ކަމުގެ އަޑު ދޭތެރެ ދޭތެރެ އިން އިވެމުންދާ އިރު ޔުނައިޓެޑުން މިހާރު ދަނީ މޮރީނިއޯ އެ ކުލަބަށް ގެނައުމުގެ އެންމެ ފަހުގެ ތައްޔާރީ ތައް ވަމުން ކަމަށް އިނގިރޭސި މީޑިއާ ތަކުން ރިޕޯޓް ކުރަން ފަށައިފިއެވެ.

ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގު 13 ފަހަރު ކާމިޔާބު ކޮށްދީ އެ ކުލަބުގެ ބައްޕަގެ ގޮތުގައި މަޝްހޫރު ވެފައިވާ ސާ އެލެކްސް ފާގަސަން ޔުނައިޓެޑްގެ ކޯޗު ކަމުން 2013 ވަނަ އަހަރު ވަކިވި ފަހުން މި އަދާ ހަމަ އަށް އެ ކުލަބަށް ހޯދިފައި ވަނީ އެންމެ ދެ ޓްރޮފީ އެވެ. އެއީ ކޯޗު ޑޭވިޑް މޯޔަސް ހޯދައިދިން ޗެރިޓީ ޝީލްޑް އާއި ލުއިސް ވެން ހާލްގެ އިރުސާދުގެ ދަށުން ރޭ ޔުނައިޓެޑުން އުފުލާލީ އެފްއޭ ކަޕެވެ.

ވޭތުވެ ދިޔަ ހަތަރު އަހަރު ޔުނައިޓެޑަށް އެކަށީގެންވާ ރަނގަޅު ކާމިޔާބީއެއް ހޯދިފައިނުވާ އިރު އެ ޓީމަށް ވަނީ ލީގުގެ ގަދަ ހަތަރެއްގައި ސީޒަން ނިންމާލަން ވެސް ނުކުޅެދިފައެވެ. އެ ސަބަބުތަކަށް ޓަކައި ޔުނައިޓެޑަށް ކާމިޔާބު ހޯދައިދެވޭނެ މޮޅު ކޯޗަކަށް އެ ކުލަބުގެ ބޯޑުން އަންނަނީ ފާރަލަމުންނެވެ.

މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ޔުނައިޓެޑުން މިހާރު ވަނީ ނިމިދިޔަ ސީޒަނުގައި ޗެލްސީން ބޭރު ކޮށްލި އެ ޓީމުގެ ކުރީގެ ކޯޗު މޮރީނިއޯ އާއި އެކު އެއްބަސް ވުމަކަށް އައިސްފައެވެ. ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް ކޯޗުކޮށްދީ އެ ކުލަބަށް ތިން ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައިވާ މޮރީނިއޯ އަކީ ޗެލްސީގެ އެންމެ ކާމިޔާބު ކޯޗެވެ.

ބީބީސީން ރިޕޯޓް ކުރި ގޮތުގައި ރޭ ނިމުނު އެފްއޭކަޕުގެ ފައިނަލަށް ފަހު އަން މަހު 10 ގައި ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން ޔުނައިޓެޑްގެ ކޯޗު ކަމުން ވެން ހާލް ވަކިކޮށް މޮރީނޮއޯ އަށް ކޯޗު ކަން ހަވާލު ކުރެވޭތޯ އެ ކުލަބުގެ އެގްޒެކްޓިވް ބޯޑުން އަންނަނީ މަސަތްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް އެ ޕްރޮސަސް ދިގުލައިގެން ދިއުމުގެ އެންމެ ބޮޑުއެއް ސަބަބަކީ ޔުނައިޓެޑްގެ އެމެރިކާ ހިއްސާދާރު ވުޑްވާޑްގެ އިތުބާރު އަދިވެސް ވެން ހާލް އަށް އޮތުމެވެ. އެގޮތުން މީގެ ކުރިން ވުޑް ވާޑް ބުނީފައި ވަނީ ވެން ހާލްއަކީ ޔުނައިޓެޑަށް އިހުލާސްތެރި ކޯޗެއް ކަމަށާއި އޭނާ އަށް ޔުނައިޓެޑް ގަދަ ހަތަރަކަށް ގެންގޮސްދީ ލީގު ވެސް ހޯދައިދެވޭނެ ކަމުގެ ގާބިލުކަން އެބަ ހުރި ކަމަށެވެ.

ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް ވެން ހާލް ވެސް ބުނަމުން ދަނީ ޔުނައިޓެޑަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދެވޭނީ އޭނާ އަށް ކަމަށާއި އެކަަމަށް އަދި ވަގުތު ބޭނުން ވާ ކަމަށެވެ. ނަމަވެސް ޔުނައިޓެޑްގެ ސަޕޯޓަރުން އަންނަނީ ވެން ހާލް ޓީމުގެ ކޯޗު ކަމުން ވަކިކޮށް އެ ޓީމަށް ކާމިޔާބް ހޯދައިދެވޭނެ ކޯޗެއް ގެނައުމަށް އަޑު އުފުލަމުންނެވެ.

comment ކޮމެންޓް