ސާކު ސަރަހައްހަދުގެ ތަރައްގީ އަށް ގުޅިގެން މަސައްކަތް ކުރުމަށް އޭޑީބީ އިން އެއްބަސްވެއްޖެ

ސާކް ޑިވެލޮޕްމަންޓު ފަންޑުގެ ސީއީއޯ، ޑރ. ސުނިލް މޯޓިވާލް. ސާކް ސަރަހައްދުގެ ތަރައްގީ އާއި ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެސްޑީއެފް އަދި އޭޑީބީ އިން ވަނީ އެއްބަސްވެފައި --

ސާކް ސަރަހައްދުގެ ތަރައްގީއާއި ކުރިއެރުމަށް، ސާކް ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އާ އެކު ގުޅިގެން މަސައްކަތް ކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އެއްބަސްވެ، އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސޮއިކުރި އެމްއޯޔޫގައި، ސާކު ސަރަހައްދުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކަށް އޭޑީބީ އަދި ސާކް ޑިވެލޮޕްމަންޓު ފަންޑުން ގުޅިގެން ހަރަދު ކުރުމަށާއި މެމްބަރު ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ހިންގޭ ޕްރޮގްރާމްތަކަށް ވެސް ދެ ފަރާތުން ފަންޑު ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

ހަމަ އެއާ އެކު، ދެ ފަރާތުން ގުޅިގެން ހިންގާ ފައިނޭންސް ޕްރޮޖެކްޓުތަކާއި ތަފާތު ހަރަކާތްތަކުގެ ތެރެއިން ސާކު ސަރަހައްދުގެ ތަރައްގީއަށް އިތުރު ފަންޑު ހޯދުމަށާއި އަދިވެސް އެކި ކަހަލަ ޓެކްނިކަލް އެހީތެރިކަމާއި އިންވެސްޓްމަންޓުތައް ފޯރުކޮށްދިނުން ހިމެނެ އެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާކް ޑިވެލޮޕްމަންޓު ފަންޑުގެ ސީއީއޯ، ޑރ. ސުނިލް މޯޓިވާލް ވިދާޅުވީ އޭޑީބީ ފަދަ ކުންފުނިތަކާ އެކު މަސައްކަތް ކުރުމުގެ މަގުސަދަކީ އިންފްރާސްޓްރަކްޗާ އާއި ދަތުރުފަތުރު ކުރުމާއި އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާތަކުން، ސާކު ގައުމުތަކުގެ ގުޅުން ބަދަހިކުރުން ކަމުގައި ވިދާޅުވި އެވެ.

އޭޑީބީ އިން ފަންޑު ކުރުމަށް ހަމަޖެހިފައި ވަނީ، ދަތުރުފަތުރު، މަގު ހެދުން، އައިސީޓީ، އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު، ވިޔަފާރިއާއި އިންވެސްޓްމަންޓު އަދި ހަކަތައިގެ މަޝްރޫއުތަކަށް ކަމަށް ސާކް ޑިވެލޮޕްމަންޓު ފަންޑުން ބުނެ އެވެ.

އެގޮތުން މިހާރު ވެސް އެސްޑީއެފް އަދި އޭޑިބީ ގުޅިގެން "ސައުތު އޭޝިއަން ސަބް ރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ރޯޑް އިމްޕްރޫވްމަންޓްސް ޕްރޮޖެކްޓް" އަށް ފަންޑު ކުރުމަށް އޭޑީބީ އިން ވަނީ ޕްރޮޕޯސަލެއް ހުށަހަޅާފަ އެވެ.

އެސްޑީއެފް އިން ވަނީ މީގެ ކުރިން ސްމޯލް އިންޑަސްޓްރީސް ޑިވެލޮޕްމަންޓް އޮފް އިންޑިއާ އާއެކު ވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ސާކްގެ މެމްބަރު ގައުމުތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަރުދަނާ ކުރުމަށް ގުޅިގެން މަސައްކަތް ކުރެވިގެންދާނެ އެވެ. އަދި އެ ބޭންކް މެދުވެރިކޮށް ދިގު މުއްދަތެއްގައި އަދާކުރާ ގޮތަށް ލުއި ލޯނު ނެގޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އެސްޑީއެފް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް