ހުއްދަ ނެތި ފިރިމީހާގެ ފޯނު ބެލުމުން ކުށްވެރިވެ، ގައުމުން ވެސް ބޭރުކޮށްލައިފި!

ޔޫއޭއީގެ ދިދަ: ފިރިމީހާގެ ފޯނު ބެލުމުން އަނބިމީހާ ކުށްވެރިވީ ސައިބާކްރައިމް ގާނޫނުގެ ދަށުން--

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ހުއްދައަކާ ނުލައި ފިރިމީހާގެ ފޯނުގައި ހުރި ސިއްރު މައުލޫމާތުތަކެއް ބެލުމުގެ ތުހުމަތުގައި އަނބިމީހާ ޖޫރިމަނާކޮށް ގައުމުން ޑީޕޯޓްކޮށްލައިފި އެވެ.

ޑީޕޯޓްކޮށްލި އަންހެން މީހާއަކީ ޔޫއޭއީގެ މީހަކާ އިދެގެން އުޅޭ އެހެން ގައުމެއްގެ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ އަންހެނެކެވެ. ނަމަވެސް އޭނާގެ ގައުމެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައެއް ނުވެ އެވެ.

ޑީޕޯޓްކޮށްލަން އަމުރު ކުރި އަންހެން މީހާ، އޭނާގެ ފިރިމީހާގެ ފޯނު ބެލީ، އެހެން އަންހެނަކާ ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރެވިގެން ނެވެ.

އެ މައްސަލައިގެ ކޯޓު މަރުހަލާގައި ކުށްވެރިވި އަންހެން މީހާ ވަނީ ފިރިމީހާގެ ހުއްދަ ހޯދުމަކާ ނުލައި އޭނާގެ ފޯނު ބެލި ކަމަށާއި އަދި އޭގައި ހުރި ފޮޓޯތަކެއް އޭނާގެ ފޯނަށް، ހެއްކެއްގެ ގޮތުގައި ދެއްކުމަށް، ފޮނުވި ކަމަށް އެއްބަސްވެފައެވެ.

ފޯނު ބެލި މައްސަލަ ފުލުހުންނަށް ހުށަހެޅީ ފިރިހެން މީހާއެވެ. އެ މައްސަލަ ހުށަހެޅުމުން އެ އަންހެން މީހާއަށް ހުކުމްކޮށްފައި ވަނީ އެގައުމުގެ ސައިބާކްރައިމް ގާނޫނުގެ ދަށުންނެވެ.

ޔޫއޭއީގެ ސައިބާކްރައިމް ގާނޫނު ބުނާގޮތުންނަމަ، މީހެއްގެ ހުއްދައަކާނުލައި އެމީހެއްގެ ފޯނުގައި ހުރި ފޮޓޯ އާއި ވީޑިއޯގެ އިތުރުން އިލެކްޓްރޯނިކް މައުލޫމާތު ބެލުމަކީ ކުށެކެވެ.

އެ ކުށް ސާބިތުވާ މީހެއްނަމަ ގާނޫނުގެ ދަށުން ދެވޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ހަ މަސް ދުވަހަށް ޖަލަށްލުމެވެ.

ނަމަވެސް މައްސަލަ ބެލި ކޯޓުގެ ގާޒީ ވަނީ ޖަލު ހުކުމެއް އިއްވުމަށްވުރެ ގައުމުން ޑީޕޯޓްކޮށްލުމަކީ އެ އަންހެންމީހާއަށް އެންމެ އެކަށީގެންވާ އަދަބު ކަމަށް ކަނޑައަޅައި، އޭނާ ޑީޕޯޓްކޮށްލަން ހުކުމްކޮށްފައެވެ.

މީގެ އިތުރުން އެ އަންހެން މީހާ ވަނީ 15000 ދިރުހަމް (28000 ޑޮލަރު) އިން ޖޫރިމަނާކޮށްފައެވެ.

މައުލޫމާތު: ބީބީސީ، ދަ އިންޑިޕެންޑެންޓް

comment ކޮމެންޓް