ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ދޭ ލޯން:
33 ޕަސެންޓް ލޯން ފައިސާ ދޭނެ ފަރާތްތައް ކަމަށް ކަނޑައަޅާފައި ވަނީ އެމްޑީޕީ މީހުން!

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ސަރުކާރުން ދޫކުރާ 38.55 މިލިއަން ރުފިޔާގެ ތެރެއިން 13 މިލިއަން ރުފިޔާ، ނޫނީ 33.72 ޕަސެންޓަކީ ވެރިކަން ކުރާ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންނަށް ލިބޭ ގޮތަށް ޝޯޓް ލިސްޓްކޮށްފައިވާ ލޯން ފައިސާ ކަމަށް އެކޮނޮމިކް މިނިސްޓްރީން އާންމު ކުރި މައުލޫމާތުތަކަކުން ހާމަވެއްޖެ އެވެ.

މި އަހަރު ފުރަތަމަ ފަހަރަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް ލޯނު ލިބޭ ފަރާތްތަކުގެ ލިސްޓް އެކޮނޮމިކް މިނިސްޓްރީގެ ރަސްމީ ވެބްސައިޓްގައި އާންމު ކުރި އިރު ތަފާތު ހަތަރު ދާއިރާއަކުން ޖުމްލަ 65 އާންމު ފަރުދަކަށާއި ކުންފުންޏަކަށް 38550000ރ. [ތިން މިލިއަން ޑޮލަރު]ގެ ލޯނުދިނުމަށް ނިންމާފައިވެ އެވެ. އޭގެ ތެރެއިން 21 މީހުންނަކީ އެންމެ މެންބަރުން ވެސް ގިނަ އަދި ވެރިކަން ކުރާ ޕާޓީ، އެމްޑީޕީ އަށް ނިސްބަތްވާ މީހުންނެވެ.

ޝަރުތުހަމަވާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ އެމްޑީޕީ މީހުންނަށްވާ އިރު، އެންމެ ގިނައިން ލޯނު ފައިސާ ދޫކުރަނީ އެއްވެސް ޕާޓީ އަކަށް ނިސްބަތް ނުވާ އަދި މައި ދެ ޕާޓީ ފިޔަވައި ދެން ހުރި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 37 މީހަކަށެވެ. އަދި ދެ ވަނަ އަށް އެންމެ މެންބަރުން ގިނަ އަދި އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއަށް ނިސްބަތްވާ ހަތް މެންބަރަކަށް ވެސް ލުއި ލޯނު ދޫކުރަން ވަނީ ޝަރުތުހަމަވެފަ އެވެ.

މި އަހަރުގެ ފުރަތަމަ ފިޔަވަހީގައި 15.42 މިލިއަން ރުފިޔާ ދޫކުރަނީ، މަސްވެރިކަމުގެ ދާއިރާއަށެވެ. އެ ދާއިރާ އިން 25 ފަރާތަކަށް ލޯނު ދޫކުރަން ނިންމާފައިވާ އިރު އޭގެ ތެރެއިން ހަ ފަރާތަކީ އެމްޑީޕީގެ މެންބަރުންނެވެ. އަދި ބާކީ ތިބި މީހުން އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ އިރު އެހެނިހެން ކުދި ޕާޓީތަކަށް ވެސް ނިސްބަތްވާ މެންބަރުން އެބަތިއްބެވެ.

ދެން އެންމެ ގިނަ ފަރާތްތަކަށް ލޯން ދޫކުރާ ޓޫރިޒަމް ސިނާއަތުން 21 ފަރާތަކަށް ވެސް 15.42 މިލިއަން ރުފިޔާ ލޯނުދޫކުރަން ވަނީ ނިންމާފަ އެވެ. އެ ދާއިރާ އިން އެމްޑީޕީގެ ފަސް މެންބަރެއްގެ ނަން ލިސްޓުގައި ހިމެނޭ އިރު ޑީއާރުޕީގެ ތިން މެންބަރަކު ވެސް އެ ލިސްޓުގައި ހިމެނެ އެވެ. ދެން ބާކީ ތިބި ފަރާތްތަކަކީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ، ނޫނީ ކުދި ޕާޓީތަކަށް ނިސްބަތްވާ މީހުންނެވެ.

އެންމެ މަދުން ލޯނު ދޫކުރާ ދާއިރާ އަށް 7.71 މިލިއަން ރުފިޔާ ދޭން ނިންމާފައިވެ އެވެ. އެއީ ފަންނުވެރިކަމުގެ ދާއިރާ އިން 19 މީހަކަށެވެ. އެއީ އެމްޑީޕީގެ ހަ މެންބަރަކަށާއި އަދި ޑީއާރުޕީގެ ތިން މެންބަރަކެވެ. ބާކީ ތިބި މެންބަރުންނަކީ މިނިވަން އަދި ކުދި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނެވެ.

ޑޮލަރުގެ އަގު ކުއްލިއަކަށް ބަދަލުކުރުމުން އިގްތިސޯދަށް އައި ހީނަރުކަން ފޫބައްދައި އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދޫކުރުމަށް ކަނޑައަޅާފައިވާ ލޯނަށް ޝަރުތުހަމަވާ މީހުން ހޮވާފައި ވަނީ އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ޓީމަކުން އެ ފަރާތްތަކުން ކުރާ ވިޔަފާރީގެ ބާވަތާއި ހުށަހަޅާފައިވާ ޕްރޮޕޯޝަލް އާއި އަދި އެކަމުން އިގްތިސޯދަށް ކުރާފައިދާގެ މައްޗަށް ބަލާފައި ކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އެކޮނޮމިކް މިނިސްޓްރީން މިހާރު އާންމުކޮށްފައިވާ ފަރާތްތަކަށް ލޯނު ދޭނީ ބޭންކުން އެފަރާތްތަކުގެ ހިސްޓްރީ ބެލުމަށް ފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު