ރާއްޖޭގެ މިނިވަން ކަމަށް ޖިހާދު ކުރެއްވި އުތީމު ބޮޑުތަކުރުފާނު ދަތުރުކުރެއްވި ކަޅުއޮއްފުންމިއާ އެއްގޮތަށް ބަނދެފައިވާ އޮޑި ސިޓީ ޕާކްގައި ބަހައްޓައިފި އެވެ.
އަލިކިލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކުގައި ކަޅުއޮއްފުންމި ބަހައްޓާފައި ވަނީ މިއަދު ހެނދުނެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް(މާޒް ސަލީމް) މިއަދު ސަން އަށް ވިދާޅުވީ ކަޅުއޮއްފުންމި ސިޓީ ޕާކްގައި މިހާރު ބަހައްޓާފައިވާ އިރު ސިޓީ ޕާކް ތަރައްގީކުރުމަށް ފަހު ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް އެޕާކް ހުޅުވާލާނެ ކަމަށެވެ.
މިނިވަން 50 އާ ގުޅިގެން ސަލްޓަން ޕާކްގައި ބަހައްޓާފައި ހުރި ލެޑް ގަސްތައް ސިޓީ ޕާކަށް ބަދަލުކޮށް އެޕާކް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށައިފަ އެވެ.

ފަންސާސް އެއް ފޫޓު ހަ އިންޗީގެ ބޮޑު މިނުގެ މި އޮޑި ބަނުމަށް އެއް މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ބޮޑުތަކުރުފާނު ބެންނެވި ކަޅުއޮށްފުންމީގެ ކުރެހުމެއް ތާރީހުން ފެންނަން ނެތުމާ ގުޅިގެން، މި އޮޑި ބަނުމަށް ވަރަށް ގިނަ ދިރާސާތަކެއް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.