މަޒުމޫން ލިޔުމުގެ މުބާރާތުން އެއް ވަނަ ޖަމާލުއްދީނާއި އިސްކަންދަރު އަދި އިހަވަންދޫއަށް!

މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގެ 13 އަހަރުން ދަށުގެ އެއްވަނަ ހޯދި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސް މައުމޫން ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިބަހުގެ އެކަޑަމީން ބާއްވަމުން އަންނަ މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގެ 32 ވަނަ މުބާރާތުގެ އެއްވަނަ ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް އަދި އިހަވަންދޫ މަދަރުސާ ހޯދައިފި އެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ބޭއްވި އެ މުބާރާތުގައި ރާއްޖޭގެ 18 އަތޮޅަކުން ޖުމްލަ 370 ދަރިވަރުން ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތި އަދި 18 އަހަރުން ދަށުގެ ބައެއް ހިމަނާފައިވެ އެވެ.

މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގެ 13 އަހަރާ 16 އަހަރާދެމެދުގެ އުމުރު ދަށުގެ އެއްވަނަ ހޯދި ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސް މައުމޫން ޓްރޮފީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަޒުމޫން ލިޔުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި އެއް ވަނައަށްދިޔަ ސްކޫލްތަކަށާއި ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމެވެ.

މުބާރާތުގެ އެއްވަނަ ހޯދި ސްކޫލްތައް:

  • 13 އަހަރުން ދަށް: ޖަމާލުއްދީން ސްކޫލް
  • 13 އަހަރާ 16 އަހަރާ ދެމެދު: އިސްކަންދަރު ސްކޫލް
  • 16 އަހަރާ 21 އަހަރާ ދެމެދު: އިހަވަންދޫ ސްކޫލް

މުބާރާތުގެ އެއްވަނަ އަށް ހޮވުނު ދަރިވަރުން:

  • 13 އަހަރުން ދަށް: ހަސަން ޒަޔާން މުހައްމަދު، ޖަމާލުއްދީން ސްކޫލް
  • 13 އަހަރާ 16 އަހަރާ ދެމެދު: ސަޖުވާ އަހުމަދު، އިސްކަންދަރު ސްކޫލް
  • 16 އަހަރާ 21 އަހަރާ ދެމެދު: ހަލީމަތު ރަޝީދާ އަދި މުހައްމަދު އާދިލް، އިހަވަންދޫ މަދަރުސާ

އަމިއްލަފަރާތްތަކުގެ ބައިގެ 18 އަހަރުން ދަށުގެ އެއްވަނަ: އަނޫފް އަހުމަދު ހަސަން، ޖަންބުގެ، ށ. މަރޮށި

އަމިއްލަފަރާތްތަކުގެ ބައިގެ 18 އަހަރުން މަތީގެ އެއްވަނަ: ފަތުހުﷲ އަހުމަދު، ހއ. އިހަވަންދޫ، މޫރިތިގެ

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޝުކުރުއަދާކުރުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ހާއްސަ ހަނދާނީ ފިލައެއް އަރުވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ލިޔުންތެރިކަމުގެ ގިނަ ބައިތަކެއް ހިމަނައިގެން ފަރުމާކޮށް، ލިޔުންތެރިކަމުގެ ގައުމީ މުބާރާތުގެ ނަމުގައި ހާއްސަ މުބާރާތެއް ބާއްވާނެ ކަމަށެވެ.

މީގެ އިތުރުން، އަތު ލިޔުމުގެ ގައުމީ މުބާރާތެއް ވެސް އަންނަ އަހަރުގެ ތެރޭގައި ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

comment ކޮމެންޓް