ޒުހާ މަރާލި މައްސަލަ ތަހުގީގު ކުރި ފުލުހުން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގައިފި

ޒުހާ މަރާލުމުގެ ދައުވާ އުފުލާފައިވާ ސުމޮން މިއާ މިއަދު ކޯޓަށް ހާޒިރު ކުރަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަހަރުގެ ޖެނުއަރީ މަހު މާލޭ ގޯޅިގަނޑެއްގެ ތެރޭގައި މަރުވެއްފައި އޮއްވާ ފެނުނު ލ. ގަން ބާބުލްއަވާލީ، ހައްވާ ޒުހާ މަރާލި މައްސަލަ ތަހުގީގުކުރި ފުލުހުން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނަގައިފި އެވެ.

މިއަދު ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފައި ވަނީ އެ މައްސަލަ ތަހުގީގުކުރި އިންވެސްޓިގޭޝަން އޮފިސަރުން ކަމަށްވާ ޗީފް ސްޓޭޝަން އިނިސްޕެކްޓަރު އުސްވަތު އަހުމަދާއި ސްޓާފް ސާޖަންޓު މުހައްމަދު ޝަރުމީލާއި ސާޖަންޓު އަހުމަދު އަބޫބަކުރެވެ.

އެ ތިން ބޭފުޅުން ވަނީ އެ މައްސަލަ ތަހުގީގު ކުރިގޮތް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ. އެގޮތުން އެ މައްސަލައާ ގުޅިގެން ކަށިމާހިނގުމުގައި ހުންނަ މާޑު ގަރާޖުގެ ސީސީޓީވީ ފްޓޭޖު ބެލިއިރު ޒުހާ މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ބަނގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސުމޮންމިއާ ހ. ލާލުކުރި ގެއިން ސިއްރު ސިއްރުން ނުކުމެގެންދާ މަންޒަރު ފެންނަ ކަމަށް އެ ތިން ފުލުހުން ވިދާޅުވި އެވެ.

ހ. ލާލުކުރި ގޭގެ ގޯޅިގަނޑެއްގެ ތެރޭގައި ޒުހާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހެކިބަސްދިން ތިން ފުލުހުން ވިދާޅުވީ ސުމޮންމިއާ ސިއްރު ސިއްރުން އެގެއިން ނުކުތީ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ފަތިހު 4:10 އެހައިކަންހާއިރު ކަމަށެވެ.

ތަހުގީގުގައި އޭނައާ ސުވާލުކުރުމުން ޖިންސީ ގުޅުން ހިންގިއިރު އަމަލުކުރި ގޮތެއްގެ ސަބަބުން ދެ މީހުންގެ ދެމެދުގައި ހިނގި ހިތްހަމަނުޖެހުމެއްގައި އިތުރަށް ފައިސާ ހޯދަން ޒުހާ އެދުނު ކަމަށް ސުމޮންމިއާ ބުނެޏެވެ.

ސުމޮންމިއާ ބުނާގޮތުގައި ޒުހާއާ އެކު އޭނާ ޖިންސީ ގުޅުން ހިންގީ 700 ރުފިޔާ ދިނުމަށް އެއްބަސްވެގެންނެވެ.

ޒުހާ އިތުރަށް ފައިސާ ހޯދަން އުޅުމުން އޭނާގެ ކަރުގައި ހިފި ކަމާއި އެއަށްފަހު ބަސް ހުއްޓިގެން ޒުހާ އެގޭގެ ސިޓިން ރޫމަށް ވެއްޓުނު ކަމަށް ސުމޮންމިއާ ބުނި ކަމަށް ހެކިބަސް ދެއްވި ފުލުހުން ވިދާޅުވި އެވެ. އަދި އެއަށްފަހު ފަތިހު 4:10 ގައި ނުކުމެގެން ދިޔުމާ ހަމައަށް އޭނާ ހުރީ ހާސްކަންމަތީގައި ކަމަށް ތަހުގީގުގައި ސުމޮންމިއާ ކިޔައިދިން ކަމަށް ހެކިބަސް ދެއްވި ފުލުހުން ވިދާޅުވި އެވެ.

ހެކިބަސް ދެއްވި ފުލުހުން ވިދާޅުވީ ހ. ލާލުކުރިގޭގައި އުޅޭ އަންހެނަކާ ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު އެ އަންހެން މީހާއާ ކައިވެނިކުރަން ސުމޮންމިއާ އުޅުނު ކަމަށާއި ނަމަވެސް ފަހުން އެކަން ހުއްޓިފައިވާ ކަމަށެވެ.

އެ އަންހެން މީހާއާ އިންވެސްޓިގޭޝަން އޮފިސަރުން ސުވާލުކުރުމުން އޭނާ ލޯބީގެގޮތުން ގުޅިގެން އުޅުނީ މަންނާނު ނަކަމަށް ކިޔާ ބިދޭސީއަކާ ކަމަށް ބުނި ކަމަށާއި އެމީހާގެ ފޮޓޯވެސް އެ އަންހެން މީހާ ފުލުހުންނަށް ދީފައިވާ ކަމަށް ހެކިބަސް ދެއްވަމުން ފުލުހުން ވިދާޅުވި އެވެ.

ހެކިބަސް ދެއްވި ފުލުހުން ވިދާޅުވިގޮތުގައި އެ ފޮޓޯއަކީ ސުމޮންމިއާގެ ފޮޓޯއެކެވެ. އޭނާ އުޅުނީ ނަންވެސް އޮޅުވާލައިގެން ކަމަށާއި އެކަން ކަށަވަރުކުރުމަށްޓަކައި އިމިގްރޭޝަންގައި ހުރި ހުރިހާ ބިދޭސީންގެ މައުލޫމާތު ޗެކްކޮށްފައިވާނެ ކަމަށް ވެސް ހެކިބަސް ދެއްވި ފުލުހުން ވިދާޅުވި އެވެ.

ހެކިބަސް ދެއްވި ފުލުހުން ވިދާޅުވީ ބިދޭސީއެއްގެ އެހީގައި މައްޗަންގޯޅީގައި ހުންނަ އޭނާ ދިރިއުޅޭގެ ހޯދައި ފުލުހުން ގޮސް އެގޭގައި ދިރިއުޅޭ ބިދޭސީންނާ ސުވާލުކުރުމުން ސުމޮންމިއާ އެގޭގައި ނޫޅޭ ކަމަށް ބުނުމުން ފުލުހުން އެނބުރި ގޮސްފައިވާ ކަމަށެވެ. ނަމަވެސް ފަހުން ލިބުނު މައުލޫމާތުން އެދުވަހު އެގޭގައި ސުމޮންމިއާ ހުރި ކަމާއި އެގޭގައި ދިރިއުޅޭ ބިދޭސީން ހެދީ ދޮގެއްކަން އެނގުނު ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

އެ މައުލޫމާތު ލިބުމާ އެކު ދެވަނަ ފަހަރަށް އެގެއަށް ގޮސް ސުވާލުކުރުމުން ފުލުހުން އެގެއަށް ދިޔަކަން އެނގުމުން ސުމޮންމިއާ އެހެންތަނަކަށް ބަދަލުވެފައިވާ ކަމަށް އެމީހުން ބުނުމުން ހ. ދެތަނޑިގޭގައި ހުންނަ ރިޝްތާ ކޮމްޕެނީ ޕްރައިވެޓު ލިމިޓެޑުގެ ގުދަނަކަށް ފުލުހުން ވަދެގަތް އިރު އެތަނުން އޭނާ ފެނިފައިވާ ކަމަށް ވެސް ހެކިބަސް ދެއްވި ފުލުހުން ވިދާޅުވި އެވެ.

އެގުދަނުގެ ތެރެއަށް ފުލުހުން ވަދެގަތުމާއެކު އެތަނުގައި ހުރި އައްޓެއްގެ ދަށަށްވަދެ ސުމޮންމިއާ ފިލާފައިވާ ކަމަށް ވެސް ހެކިބަސް ދެއްވި ފުލުހުން ވިދާޅުވި އެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޑީއެންއޭއާއި އެހެނިހެން ރިޕޯޓުތައް ތައްޔާރުކުރި ފުލުހުން ޝަރީއަތަށް ހާޒިރުކޮށް ހެކިބަސް ނެގުމެވެ.

comment ކޮމެންޓް