މެންޔޫގެ ދަނޑުގައި ލެސްޓާއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތެއް ނުދެވޭނެ: ވެން ހާލް

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ހާލް: މާދަމާ ލެސްޓާއާ ދެކޮޅަށް ކުޅޭމެޗުން މޮޅުވާން ޔުނައިޓެޑަށް މަޖުބޫރުކަމަށް ވެން ހާލް ބުނި -- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލެސްޓާ ސިޓީއަށް މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި މިސީޒަންގެ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ނުދޭނޭ ކަމަށް ޔުނައިޓެޑްގެ ކޯޗް ލުއިސް ވެން ހާލް ބުނެފިއެވެ.

ކްލައުޑިއޯ ރެނެއިރީގެ ލެސްޓާއަށް، މިސީޒަންގެ ލީގު ޓްރޮފީ އުފުލާލުމަށް އެންމެ ތިން ޕޮއިންޓް ބޭނުންވާއިރު، 20 ފަހަރު ލީގު ކާމިޔާބުކޮށްފައިވާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި އެ ތަށި އުފުލައިލުމުގެ ފުރުސަތު ލެސްޓާއަށް ވަނީ ހުޅުވިފައެވެ.

ފުރަތަމަ ފަހަރަށް އިނގިރޭސީ ލީގު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު ކުޅުމުގެ ޝަރަފާ ދިމާއަށް ލެސްޓާ މިސްރާބު ޖަހާފައިވާއިރު، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަށްޓަކައި މާދަމާގެ މެޗުން ލެސްޓާ ބަލިކުރުމަކީވެސް ޔުނައިޓެޑަށް ކުރަން ޖެހިފައިވާ މަސައްކަތެކެވެ.

ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށްޓަކައި އާސެނަލް، އަދި މެންޗެސްޓާ ސިޓީއާ ވާދަކުރަން ޖެހިފައިވާ ޔުނައިޓެޑްގެ ކޯޗު ދެކޭ ގޮތުގައި ލެސްޓާއަށް ލީގު ކާމިޔާބުކުރުމުގެ ފޮނިމީރުކަން ފަސްކޮށް، ކުރިއަށް އޮތް މެޗުން ތިން ޕޮއިންޓް ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

"އަހަރެމެން އެބަޖެހޭ ފަރަގު ކުޑަކުރާން. އަހަރެމެންނަށް އަދިވެސް ޕްރެޝަރު އޮތީ. ސިޓީއާ އާސެނަލް ވާދަކުރާން އެބަޖޭ، އެހެންކަމުން އެއިން ކޮންމެވެސް އެއްޓީމަކަށް ޕޮއިންޓް ގެއްލޭނެ. އަހަރެމެން ކުޅޭ ހުރިހާ މެޗަކުން މޮޅުވާން އެބަޖެހޭ،" ވެންހާލް ބުންޏެވެ.

ވެންހާލް ބުނީ، ލީގުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އަދިވެސް އެބަ އޮތް ކަމަށާއި އެހެންކަމުން "މި ހަފްތާގައި އޯލްޑް ޓްރަފޯޑްގައި ލެސްޓާއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ދެވޭކަށް ނެތް" ކަމަށެވެ.

ވެން ހާލް ބުނީ، ލެސްޓާއަށް ލީގު ކާމިޔާބުކުރެވޭނީ އަދި ހަފްތާއެއް ފަހުން ކަމަށާއި، އެހެންކަމުން މާދަމާގެ މެޗުން ޔުނައިޓެޑް މޮޅުވިޔަސް ލެސްޓަރ ސިޓީގެ އުފަލަށް ހުރަސް އެޅުންކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"އަބަދު އެއް ޓީމެއް ލީގު ކާމިޔާބުކުރަމުން ނުދިއުމަކީ، ޕްރިމިއަރ ލީގާއި އަދި ފުޓްބޯޅައަށް ވެސް ލިބޭ ކުރިއެރުމެއް،" މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ބުންޏެވެ.

ވެންހާލް ބުނީ، އެފްއޭކަޕުން ނުކަޓައި އޮތުމުން ޔުނައިޓެޑަށް އަދިވެސް މިސީޒަންގައި ހުސްއަތާ ނިންމާނުލައި ވާނެ ކަމަށާއި އެހެންކަމުން މިހާރު އޭނާގެ ޓާގެޓަކީ ޗެމްޕިއަންސް ލީގު ޖާގައެއް ހޯދުން ކަމަށެވެ.

"އަހަރެމެންނަށް މަޖުބޫރު ލެސްޓާ އަތުން މާދަމާ މޮޅުވާން،" ވެން ހާލް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ލެސްޓާ ސިޓީ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖޭ ގަޑިން 6:05ގައެވެ.

comment ކޮމެންޓް