ޓޫންބް ރެއިޑާގެ އާ ފިލްމުގައި ލާރާ ކްރޮފްޓްގެ ރޯލު ކުޅުމަށް އެލީޝިއާ ވިކަންޑާ ސޮއިކޮށްފި އެވެ.
އާކިއޮލޮޖިސްޓް- އެޑްވެންޗާގައި ލާރާ ކްރޮފްޓްގެ ރޯލު ކުޅުމަށް އެލީޝިއާ ސޮއިކޮށްފައިވާއިރު، ޓޫންބް ރެއިޑާގެ ފުރަތަމަ ދެ ފިލްމުން ފެނިގެން ގޮސްފައިވަނީ އެންޖެލީނާ ޖޯލީއެވެ.
ލާރާ ކްރޮފްޓްގެ ރޯލު ކުޅުމަށް މީގެ ކުރިން ޑައިޒީ ރިޑްލީ، އެމީލިއާ ކުލާކް، ކާރާ ޑެލީވިން އަދި ޖެމާ އާޓަޓަންއާ ފަދަ ހޮލީވުޑްގެ ތަރިންނާ ވަނީ މަޝްވަރާކޮށްފައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ބޭއްވި އޮސްކާ އެވޯޑްސްގައި އެލީޝިއާ އަށްވަނީ ފިލްމު، "ދަ ޑެނިޝް ގާލް" ގައި ދައްކާފައިވާ މޮޅު އެކްޓުގެ ސަބަބުން ބެސްޓް ސަޕޯޓިން އެކްޓަރުގެ އެވޯޑް ލިބިފައެވެ.
ފިލްމު، "އެކްސް މާކީނާ" އަދި "ދަ މޭން ފްރޮމް އަންކަލް" ގައި ވެސް ފެނިގެން ގޮސްފައިވާ އެލީޝިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މެޓް ޑޭމަން އާއެކު މިއަހަރުގެ ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު، "ޖޭސަން ބޯން" އިންނެވެ.
ރޯ އުތޯގު ޑައިރެކްޓްކޮށް، ގްރަހަމް ކިންގު ޕްރޮޑިއުސްކުރާ ފިލްމު، ޓޫމްބް ރެއިޑާގެ ރީބޫޓް ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.
ޓޫމްބް ރެއިޑާ ގޭމުގެ މައްޗަށް ބިނާކޮށް މިހާތަނަށް ދެ ފިލްމެއް ވަނީ ރިލީޒްކޮށްފަ އެވެ. އެއީ 2001 ވަނަ އަހަރު ނެރުނު "ލާރާ ކްރޮފްޓް: ޓޫމްބް ރެއިޑާ" އަދި 2003 ވަނަ އަހަރު ނެރުނު "ލާރާ ކްރޮފްޓް ޓޫމްބް ރެއިޑާ: ދަ ކްރޭޑަލް އޮފް ލައިފް" އެވެ. އެ ދެ ފިލްމުގައި ވެސް ލާރާ ކްރޮފްޓުގެ ރޯލު ކުޅެފައި ވަނީ އެންޖަލީނާ ޖޯލީ އެވެ.