ކަރަން އާއި ބިޕާޝާގެ ޖޯޑު ވަރަށް ގުޅޭ: ޖެނިފާ ވިންގެޓް

ކަރަން އާ އޭނާގެ ކުރީގެ އަންހެނުން ޖެނިފާ (ކ) އަދި މިހާރު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ބިޕާޝާ (ވ) އާއެކު --

ކަރަން ސިންގ ގްރޯވަރު އަދި ބިޕާޝާ ބާސޫގެ ޖޯޑު ވަރަށް ގުޅޭ ކަމަށް ކަރަންގެ އެންމެ ފަހުގެ އަންހެނުން އަދި އެކްޓްރެސް ޖެނިފާ ވިންގެޓް ބުނެފި އެވެ.

ކަރަން އާއި ބިޕާޝާ ލޯބީގެ ގޮތުން ގުޅިފައި ވަނީ ދެ މީހުން އެކުގައި ފެނިގެން ދިޔަ ފިލްމު "އެލޯން" ޝޫޓު ކުރުމުގެ ތެރޭގައި އެވެ. އަދި މާދަމާ ދެ ތަރިން ކައިވެނި ކުރުމަށް މިހާރު ވަނީ ހުރިހާ ކަމެއް ހަމަޖެހިފަ އެވެ.

ބިޕާޝާއާ ކަރަންގެ ލޯބީގެ ކުޅިގަނޑާ އެކު ރޫޅިގެން ދިޔައީ ޖެނިފާގެ ހަތަރު އަހަރުވީ ކައިވެންޏެވެ. ކަރަން ވަނީ އެ ކައިވެންޏަކީ ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް ބުނެފަ އެވެ.

ކަރަން އަދި ޖެނިފާ --

އެހެންކަމުން ބިޕާޝާ އަދި ކަރަންގެ ވާހަކައެއް ދައްކާ ކޮންމެ ފަހަރަކު އެވާހަކައަކާ ޖެނިފާ އާއިވެސް ގުޅުވެ އެވެ. ނަމަވެސް އެ ކައިވެންޏާ ގުޅިގެން ޖެނިފާ މާގިނަ ވާހަކަތަކެއް ނުދައްކަ އެވެ. އޭނާއާ އަމާޒުކުރެވޭ ސުވާލުތަކަށްވެސް އަޅައެއް ނުލަ އެވެ.

ނަމަވެސް ކައިވެންޏަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ޖެނިފާ މިވަނީ ބިޕާޝާ އަދި ކަރަންގެ ކައިވެންޏާ ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ.

ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޖެނިފާ ވަނީ ކަރަން އަދި ބިޕާޝާއަށް ބާއްޖަވެރި ހަޔާތަކަށް އެދިފަ އެވެ.

"އަހަރެން އެދެނީ ދެމީހުންނަށްވެސް އުފާވެރި ހަޔާތެއް. އަދި ބާޢްޖަވެރި ކައިވެންޏެއް. ދެމީހުންގެ ޖޯޑު ވަރަށް ގުޅޭ. ކައިވެންޏަކީ ވަރަށް މާތް އަގުހުރި އެއްޗެއް. ދެމީހުން އެކުގައި އުޅެން ބޭނުންވާނަމަ އަދި އެކުގައި އުޅެން މަސައްކަތް ކުރާ ނަމަ. ލޯތްބަކީ ވަރަށް އެހެންކަހަލަ އެއްޗެއް. އެހެންމީހަކު ދެކެ ލޯބިވާ ކަމުގެ އިހުސާސް ކުރެވޭ ނަމަ، އެއީ ވަރަށް ބޮޑު އުފަލެއް." ޖެނިފާ ބުނެފައިވެ އެވެ.

ކަރަން އަދި ބިޕާޝާ --

ޖެނިފާ އާއި ކަރަން ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ. އެ ކައިވެނި މި އަހަރު ރޫޅުނު އިރު، ކަރަން ވަނީ ޖެނިފާގެ ކުރިންވެސް އިތުރު ކައިވެންޏެއް ކޮށްފަ އެވެ. އެގޮތުން ކަރަން އެންމެ ފުރަތަމަ ކައިވެނިކުރީ ޓީވީ ބަތަލާ ޝްރައްދާ ނިގަމް އާ އެވެ. ޝްރައްދާ ވަރިކުރުމަށްފަހު ދެން ކައިވެނި ކުރީ ޖެނިފާ އާ އެވެ.

މާދަމާ ބިޕާޝާ އަދި ކަރަންގެ ކައިވެނި ކުރުމަށް ނިންމާފައިވާ އިރު، އެއީ ބިޕާޝާގެ ފުރަތަމަ ކައިވެންޏެވެ.

comment ކޮމެންޓް