އެމްއެންޑީއެފްގެ ފިލްމު، ހާދަރުގެ ޓްރެއިލާ ރިލީޒުކޮށްފި!

އެމްއެންޑީއެފްގެ ފިލްމު "ހާދަރު"ގެ ޓްރެއިލާ ރިލީޒު ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ: ޔޫސުފް ސޮފްވާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފިލްމު، "ހާދަރު"ގެ ޓްރެއިލާ ރިލީޒްކޮށްފި އެވެ.

މިރޭ އެމްއެންޑީއެފްގެ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފިލްމުގެ ޓްރެއިލާ ރިލީޒު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އެެވެ.

އެމްއެންޑީއެފްގެ ފިލްމު "ހާދަރު" ގެ ޓްރެއިލާ، ޗީފް އޮފް ޑިފެންސްފޯސް އިފްތިތާހު ކޮށްދެއްވަނީ --- ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، އެމްއެންޑީއެފް އަކީ އަބަދުވެސް ބްރޭންޑެއް ކަމަށާއި އެމްއެންޑީއެފް އިން އުފައްދާ އުފެއްދުންތަކުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށެވެ.

އެމްއެންޑީއެފްގެ ފިލްމު "ހާދަރު" ގެ ޓްރެއިލާ ރިލީޒު ކުރުމުގެ ހަފްލާގައި ޑިފެންސް މިނިސްޓަރު ވާހަކަ ދައްކަވަނީ --- ފޮޓޯ: ޔޫސުފް ސޮފްވާން

"އަޅުގަނޑަށް އިނގޭ އެމްއެންޑީއެފް އިން އެއްޗެއް ތައްޔާރުކޮށްފި ކަމަށް ވަންޏާ އޭގައި ހުންނާނެކަން ވަކި ކަހަލަ ކޮލިޓީއެއް... އެ ތައްޔާރު ކުރި އެއްޗަކުން ހާސިލު ވާން ޖެހޭ ކަމެއް ރަނގަޅަށް ހާސިލު ވާނެ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ، ފިލްމު ހާދަރު އަކީ މިހިނދުން މި ހިނދަށް މުޖުތަމައުއަށް އެންގެންޖެހޭ ވަރަށް ގިނަ ކަންތައްތައް އަންގައިދިނުމަށް ވަރަށް މުހިއްމު އަދި ބޭނުންތެރި ފިލްމެއް ކަމަށެވެ.

"ދިރާސާތަކުން މިހާތަނަށް ފާހަގަ ވެފައި އޮތް ގޮތުގައި އިންސާނުންގެ ސިކުނޑިއަށް އެންމެ ބާރަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާ އެކައްޗަކީ މީޑިއާ. މީޑިއާގައި އެންމެ ބޮޑަށް މީހުންގެ ސިކުނޑިތަކާ ކުޅޭ އެެއްޗަކީ ފިލްމު،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގައުމު ދެކެ ލޯބިވާ ބަޔަކު އުފެއްދުމަށް އަދި ގައުމުގެ އަމާންކަމަށް ގެއްލުންވާނެ ކޮންމެ ކަމަކާ ދޭތެރޭގައި މީހުން ހޭލުންތެރި ކުރުވުމަށް ބޭނުން ކުރެވޭނެ އެންމެ މުހިއްމު ވަސީލަތަކީ ފިިލްމު ކަމަށެވެ.

ހަމައެއާއެކު، ފިލްމު "ހާދަރު" ރާއްޖެ ސިއްސުވާލާނެ ކަމަށާއި އެ ފިލްމުގެ ސަބަބުން ގިނަ ބަޔަކަށް ހީ ނުކުރާ ވަރުގެ ބޮޑެތި މެސެޖުތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ ފިލްމަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އަދި އެންމެ ގިނަ ބަޔަކު ބަލާނެ ފިލްމު ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ޑިފެންްސް މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ފިލްމު "ހާދަރު" ގެ ޓްރެއިލާ ރިލީޒު ކުރުމުގެ ހަފްލާގައި ޗީފް އޮފް ޑިފެންސް ވާހަކަ ދައްކަވަނީ --- ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ، އެމްއެންޑީއެފް އަކީ ހަމައެކަނި ބަޑި ހިފައިގެން ހަމަލާ ދޭން އަންނަ އަދުއްވުންނާ ކުރިމަތިލާން ޖެހޭ ބައެއް ނޫން ކަމަށާއި ދީނާއި ސަގާފަތް އަދި ބަސް ކުރިއެރުވުމަކީވެސް އެމްއެންޑީއެފްގެ މެންޑޭޓުގައި ހިމެނޭ ކަންކަން ކަމަށެވެ.

"އަޅުގަނޑު މި ފިލްމު މި ތައްޔާރު ކުރީކީއެއް އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ތެރެއިން މާ މަޝްހޫރު އެކްޓަރުންތަކެއް ނެރުމުގެ މަގުސަދެއްގައެއްވެސް ނޫން... ހަމައެކަނި މިކަން އަޅުގަނޑު މި ކުރީ އަޅުގަނޑުމެންގެ ގައުމީ ވާޖިބު އަދާ ކުރުމަށް،" މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، ހާދަރު ގެ މާނަ އަކީ "އަހަރެން" ކަމަށާއި އެ ފިލްމުގެ ނަން އެގޮތަށް ގެންނަން ޖެހުނު ސަބަބުވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.

"މިއީ ދިވެހި ކޮންމެ ދަރިއެއްގެ ޒިންމާއެއް. މި ފިލްމުން މި ދައްކުވައިދޭ އިބްރަތްތަކަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވާކަމެއް،" މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ފިލްމު "ހާދަރު" ގެ ޓްރެއިލާ ރިލީޒު ކުރުމުގެ ހަފްލާގައި ޑައިރެކްޓަރު އަޝްހަރު ވާހަކަދައްކަވަނީ --- ފޮޓޯ: ޔޫސުފް ސޮފްވާން

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިލްމު "ހާދަރު"ގެ ޑައިރެކްޓަރު އަޝްހަރުު އަހުމަދު ވިދާޅުވީ، އެފިލްމުގެ ޝޫޓިންގު ފެށީ މިދިޔަ އަހަރު ލ. އަތޮޅުގައި ކަމަށާއި ޝޫޓު ކުރުމުގެ މަސައްކަތް ހަތަރު ވަރަކަށް މަސްދުވަހު ކޮށްފައިވާނޭ ކަމަށެވެ.

"ވަރަށް އޮގަނައިޒްކޮށް މި މަސައްކަތް ފަށައިގެން ކުރިއަށް މި ގެންދިޔައީ. ރާއްޖޭގައި މި ވަގުތު އުފެދުނު އެންމެ ބޮޑު އެއް ސެޓު އަޅުގަނޑުމެން މި ފިލްމުގައި ހަދާފައި އެބަ ހުރި،" ޑައިރެކްޓަރު ވިދާޅުވި އެވެ.

ޑައިރެކްޓަރު އަޝްހަރު ވިދާޅުވީ، އެ ފިލްމުގެ މަސައްކަތް ކޮށްފައިވަނީ މި ވަގުތު މާލެއިން ލިބެން ހުރި އެންމެ މޮޅު ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

"ވަރަށް ގާބިލު ޓީމެއް އެކުލަވާލައިގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ. މި ކުދިންނަކީ ވަރަށް ގާބިލު ކްރިއޭޓިވް ކުދިންތަކެއް. ފިލްމުގެ ކޮލިޓީއާ ދޭތެރޭ ދޭ އެކްސްޕެކްޓޭޝަންވެސް ވަރަށް ހައި،" އަޝްހަރު ވިދާޅުވި އެވެ.

ފިލްމު "ހާދަރު" އަކީ، މީގެ އަހަރުތަކެއް ކުރިން ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ ވިސްނުންފުުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. އެ ފިލްމުގެ ވާހަކަ ލިޔުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަށް އެހީތެރިވެދެއްވީ މަޝްހޫރު ލިޔުންތެރިން ކަމަށްވާ ބިންމާ އިބްރާހިމް ވަހީދާއި މުހައްމަދު ޝަހީބު އެވެ.

ދިވެހިން ފަހުގެ ތާރީހެއްގައި ދުށް ނުރައްކާތެރި އުދުވާނީ ހަމަލާގައި އެކުލެވިގެންވާ އަސަރާއި ހިތްދަތިކަން އަދި ޖެހިލުން ކުޑަކަމާއި ގައުމީ ބަތަލުންގެ ގުރުބާނީތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެ ފިލްމު ރިލީޒު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގަ އެވެ.

ފިލްމު "ހާދަރު" އަކީ ސިފައިންގެ އެކުވެރި ސިފްކޯ ކުންފުނީގެ އެހީތެރިކަމާއެކު އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ސްޕޮންސާ ކުރުުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެސްޓީއޯގެ ފަރާތުންވެސް އެ ފިލްމަށް އެއްލައްކަ ރުފިޔާގެ ސްޕޮންސާޝިޕެއް ދީފައި ވެއެވެ.

comment ކޮމެންޓް